ޚަބަރު

ޑްރަގް ވިޔަފާރިކުރަން ގެއެއް ދޫކުރުމުގެ ކުށް ފުރަތަމަ ފަހަރަށް ސާބިތުވެ 10 އަހަރަށް ޖަލަށް!


  • މިއީ ޤާނޫނުގެ 127ވަނަ މާއްދާގެ ދަށުން ކުރި ފުރަތަމަ ޙުކުމް

  • ކުށް ކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުން ކުރުމަކީ ކުށެއް

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދިޔަ ގ. ޕެލިކަންގޭގެ ވެރިފަރާތުގެ މައްޗަށް ކޮށްފަވާ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާ، ދައުވާލިބޭ އިބްރާހީމް ނާޘިމް 10 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފިއެވެ.

މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127ވަނަ މައްދާގެ ދަށުން ދަޢުވާކޮށް، ސާބިތުވި މި ބާވަތުގެ ފުރަތަމަ މައްސަލައެވެ.

މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ 127ވަނަ މާއްދާގައި ވަނީ ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި އަދި ސިއްރުކުރުމަކީ ކުށެއްކަމާއި އެކަމަށް ޤާނޫނުގެދަށުން އަދަބު ކަނޑައެޅުމަށެވެ.

ގ. ޕެލިކަން ގެއަކީ 2019ވަނަ އަހަރު ފުލުހުން ކުރިއަށްގެންދިޔަ މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި، ހުއްޓުވާފައިވާ ގެއެވެ. އެގޭގައި މަސްތުވާތަކެތި ވިއްކުމުގެ ވިޔަފާރިއާއި މަސްތުވާތަކެތި ބޭނުންކުރަން މަގުފަހިވާގޮތަށް ކާޓެލް ހިންގަމުންދިޔަކަމަށް ހާމަކޮށްފައިވެއެވެ. މި އޮޕަރޭޝަންގައި އެގެއިން އެކި ބާވަތުގެ މަސްތުވާތަކެތި ހޯދާފަވާއިރު، މީހުންވެސް ހައްޔަރުކޮށްފައިވެއެވެ. އަދި މަސްތުވާތަކެތި ވިއްކާކަމަށް ހުށައެޅި ތަފާތު މައްސަލަތަކުގައި ފުލުހުން އެގެޔަށް ވަދެ، މަސްތުވާތަކެތި އަތުލައިގެން، މީހުންވެސް ހައްޔަރުކޮށްފަވެއެވެ.

މި މައްސަލައިގައި ކުރި ދަޢުވާގައި ބުނެފައިވަނީ އިބްރާޙިމް ނާޘިމްގެ ބެލުމުގެ ދަށުގައި ހުރި އެ އޭގައި މީހުން މަސްތުވާތެކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކޮށް، އެ ތަކެތި ޕެޑްލް ކުރާކަމަށް ޤަބޫލުކުރެވޭ ޙާލަތު އޮވެ، ނުވަތަ އެގޮތަށް ޤަބޫލުކުރާނެ ފުރުޞަތު އޮވެ އިބްރާޙިމް ނާޘިމް އެކަން ހުއްދަކޮށްފަވާކަމަށެވެ.

މިކަން ސާބިތުވެ، ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ކޮށްފައިވާ ހުކުމުގައިވާ ބަޔާނާއި އެއްގޮތަށް، ގ.ޕެލިކަންގޭގެ ވެރިފަރާތުން ނުވަތަ އެތަނެއްގައި އުޅޭ ފަރާތުން ނުވަތަ އެ ތަނެއްގައި މަސްއޫލިއްޔަތު އުފުލާ ފަރާތުން ހުއްދަ ދިނުން ނުވަތަ ހުއްދަކުރުމުގެ ކުށުން، އިބްރާމް ނާޘިމް ކުށްވެރިވެއްޖެކަމަށް ކަނޑައަޅާކަމަށެވެ. އަދި މި ކުށުގެ އަދަބެއްގެގޮތުން މަސަތުވާތަކެއްޗާ ބެހޭ ޤާނޫނުގެ 127ވަނަ މާއްދާގެ ދަށުން، އިބްރާޙިމް ނާޘިމް، 10 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރާކަމަށެވެ.