ޚަބަރު

51 އަހަރުގެ ތެރޭ ފުރަތަމަ ފަހަރަށް ގަދަ ހަތަރެއް ސެމީ ފައިނަލަށް


  • މިއީ 1975 ވަނަ އަހަރަށް ފަހު ގަދަ 4 ސެމީ ފައިނަލަށް ދިޔަ ފުރަތަމަ ފަހަރު

އަހަރުގެ ފަހު ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ޔޫއެސް އޯޕަންގައި ވޭތުވެދިޔަ 51 އަހަރުގެ ތެރޭގައި ފުރަަތަމަ ފަހަރަށް އަންހެން ސިންގަލްސް އިވެންޓްގެ ސެމީ ފައިނަލުން އެންމެ މަތިން ރޭންކް ކުރެވިފައިވާ ހަތަރު ކުޅުންތެރިން ޖާގަ ހޯދައިފިއެވެ.

މިމުބާރާތުގެ އަންހެން ސިންގަލްސް އިވެންޓުގައި އެންމެ ފަހުން ގަދަ ހަތަރު ކުޅުންތެރިން ސެމީ ފައިނަލްގައި ވާދަކޮށްފައިވަނީ 1975 ވަނަ އަހަރުއެވެ. މިފަހަރުގެ ސެމީ ފައިނަލުން އަރީނާ ސަބަލެންކާ، އެލޭނާ ރިބާކިނާ، ޖެސިކާ ޕެގޫލާ އަދި ކޮކޯ ގައުފް ޖާގަހޯދީ ކްއާޓަރ ފައިނަލްގައި ތިން ސެޓުގެ އުނދަގޫ މެޗުތަކަކަށް ފަހުއެވެ. އަދި މިއީ އަހަރުގެ ހަތަރު ގްރޭން ސްލޭމް މުބާރާތަށް ބަލާއިރުވެސް 2009 ވަނަ އަހަރަށް ފަހު ގަދަ ހަތަރު ކުޅުންތެރިން މީގެ މުބާރާތެއްގެ ސެމީ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. 2009 ވަނަ އަހަރު ގަދަ ހަތަރެއް ސެމީ ފައިނަލްގައި ވާދަކޮށްފައިވަނީ އެއަހަރުގެ ވިމްބަލްޑަން މުބާރާތުގައެވެ.

ގިނަ ބަޔަކު ގަބޫލް ކުރާގޮތުގައި ފަހަކަށް އައިސް ފިރިހެން މުބާރާތް ތަކަށްވުރެ އަންހެން މުބާރާތް ތަކުގައި އެއް ފެންވަރެއްގެ ގިނަ ކުޅުންތެރިން ފެނިގެންދިޔުމުގެ އިތުރުން ކުޅުންތެރިންގެ މެދުގައި އޮންނަ ވާދަވެރިކަންވެސް ބޮޑެވެ. މިގޮތުން 2020 ވަނަ އަހަރަށް ފަހު މިހާތަނަށް ކުޅުނު ގްރޭން ސްލޭމް މުބާރާތްތައް އަންހެން 13 ކުޅުންތެރިން ކާމިޔާބު ކޮށްފައިވާކަން ފާހަގަ ކޮށްލެވެއެވެ. ފިރިހެން ބަޔަށް ބަލާލާއިރު މިމުއްދަތުގައި ގްރޭން ސްލޭމް މުބާރާތްތައް ކާމިޔާބު ކޮށްފައިވަނީ 7 ކުޅުންތެރިންނެވެ. އެހެން ކަމުން ފަހަކަށް އައިސް އަންހެނުންގެ ސިންގަލްސް އިވެންޓްގައި ފާހަގަ ކޮށްލެވޭ ފެންވަރު ރަނގަޅު ގިނަ މެޗުތަކެއް ބަލާލަން ލިބިގެންދެއެވެ.

މިފަހަރުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މިމުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ އަދި ޖެހިޖެހިގެން ތިން ވަނަ ފަހަރަށް މިމުބާރާތް ކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުންދާ ބެލަރޫސްގެ ސަބަލެންކާ ވާދަކުރާނީ ތިން ވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ޖެސިކާ ޕެގޫލާ އާއެވެ. އަދި ދެވަނަ ސެމީ ފައިނަލްގައި ވާދަކުރާނީ މިއަންނަ ހޯމަ ދުވަހުން ފެށިގެން ދުނިޔޭގެ އެއްވަނައަށް ރޭންކް ކުރެވިފައިވާ ކުޅުންތެރިޔާއަށް ވެގެންދާނެ ކަޒަކިސްތާންގެ ރިބާކިނާ އާއި ހަތަރު ވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ގައުފްއެވެ.

ސަބަލެންކާ އާއި ޕެގޫލާގެ ކުރިމަތިލުން

2014 ވަނަ އަހަރު ސެރީނާ ވިލިއަމްސް ޔޫއެސް އޯޕަންގެ އަންހެން ސިންގަލްސް އިވެންޓްގެ ތަށި ޖެހިޖެހިގެން ތިން ފަހަރު ކާމިޔާބު ކުރި ފަހުން އެޝަރަފު ހޯދާ ފުރަތަމަ ކުޅުންތެރިޔާއަށްވުމަށް ސަބަލެންކާ މަސައްކަތް ކުރާއިރު ޕެގޫލާ މަސައްކަތް ކުރަމުންދަނީ ގްރޭން ސްލޭމްގެ ފުރަތަމަ ތަށި ކާމިޔާބު ކުރެވޭތޯއެވެ. މިދެ ކުޅުންތެރިންނަކީ އެކަކު އަނެކަަކަށް ވަރަށް ފަރިތަ އަދި ވާދަވެރިކަން ބޮޑު ދެ ކުޅުންތެރިންނެވެ. މިގޮތުން މިހާތަނަށް މިދެ ކުޅުންތެރިން 13 ފަހަރު ވާދަކޮށްފައިވާއިރު 9 ފަހަރު ކުރި ހޯދާފައިވަނީ ސަބަލެންކާއެވެ. ޕެގޫލާއަށް ކާމިޔާބު ކުރެވިފައިވަނީ 4 މެޗެވެ.

މިއީ މިދެކުޅުންތެރިން މިމުބާރާތުގެ ސެމީ ފައިނަލްގައި ޖެހިޖެހިގެން ވާދަކުރާ ދެވަނަ ފަހަރެވެ. މިދިޔަ އަހަރުގެ މުބާރާތުގައިވެސް ސަބަލެންކާވަނީ ސެމީ ފައިނަލްގައި ޕެގޫލާ އާއި ވާދަކޮށް ފަހަތުން އަރާ އެމެޗު ކާމިޔާބު ކޮށްފައެވެ. އަދި އަދި 2024 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ސަބަލެންކާވަނީ ޕެގޫލާ ބަލިކޮށް ޔޫއެސް އޯޕަން ފުރަތަމަ ފަހަރަށް ކާމިޔާބު ކޮށްފައެވެ. ޕެގޫލާ މިވާދަވެރިކަން ސިފަކުރަނީ އޭނާއަށް ފައިދާ ހުރި ވާދަވެރިކަމެއްގެ ގޮތުގައެވެ. އޭނާ ސިފަކުރާގޮތުގައި ސަބަލެންކާގެ ސަބަބުން އޭނާގެ ކުޅުން ކުރިއަށްވުރެ ރަނގަޅު ވެފައިވާ ކަމަށެވެ. އަދި ސަބަލެންކާ ބުނިގޮތުގައި މިމުބަރާތާއި ޕެގޫލާ ކުރިމަތިލާފައިވަނީ ވަރަށް ރަނގަޅު ފޯމެއްގައި ހުރެއެވެ. އެއީ އެންމެ ފަހުން ކުޅުނު ވޮޝިންގޓަން އޯޕަން އާއި ސިންސިނާޓީ އޯޕަންގެ ފައިނަލަށް ޕެގޫލާ ދަތުރުކޮށްފައިވުމެވެ.

ރިބާކިނާ އާއި ގައުފްގެ ކުރިމަތިލުން

މިސެމީ ފައިނަލާއި ކުރިމަތިލާއިރު ރިބާކިނާމިވަނީ ސަބަލެންކާގެ 99 ހަފްތާވީ ރަނިކަން ނިމުމަކަށް ގެނެސް ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާއަށް މިއަންނަ ހޯމަ ދުވަހު ވާނެކަން ކަށަވަރު ކޮށްފައެވެ. ނަމަވެސް ރިނާކިނާ ހާމަކުރިގޮތުގައި މިމުބާރާތުގެ ތަށި ކާމިޔާބު ނުކުރެވޭނަމަ ދުނިޔޭގެ އެއްވަނަ މަގާމަށް އެރުމުގެ މާނައެއް ނެތް ކަމަށެވެ. ނަމަވެސް އޭނާ މިމުބާރާތް ކާމިޔާބު ކުރުމަށް ކުރާ މަސައްކަތުގެ ހުރަހަކަށް ވެފައިވާ ގައުފަށް އަރތަރ އޭޝް ސްޓޭޑިއަމްގެ ސަޕޯޓަރުންގެ ގިނަ ބައެއްގެ ތާއީދު އޮންނާނެކަން ކަށަވަރެވެ. މިދެކުޅުންތެރިންގެ ވާދަވެރިކަމަށް ބަލާއިރު މާބޮޑު ތަފާތެއް ނެތެވެ. މިގޮތުން މިހާތަނަށް 3 ފަހަރު ވާދަކޮށްފައިވާއިރު 2 ފަހަރު ކުރި ހޯދާފައިވަނީ ގައުފްއެވެ. އަދި މިދެކުޅުންތެރިންވެސްވަނީ ގްރޭން ސްލޭމް 2 މުބާރާތް ކާމިޔާބު ކޮށްފައެވެ.

ގައުފް ބުނީ މިމެޗުން ކޮންމެ ނަތީޖާއެއް ނިކުން ނަމަވެސް އޭނާ އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް އޭނާއަށް ކުރެވުނު އެންމެ ރަނގަޅަކަށް ވާދަކުރާނެ ކަމަށެވެ. އަދި ރިބާކިނާއަކީ ބަލިކުރަން ފަސޭހަ ކުޅުންތެރިޔަކަށް ނުވާނެކަމަށްވެސް އޭނާ ހާމަކުރިއެވެ.

މިމުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް ބެހިފައިވާގޮތުން ފައިނަލްގައި ތިން ފަހަރަށް ތަށި ކާމިޔާބު ކުރުމަށް ނިކުންނަ ސަބަލެންކާ އާއި އޭނާ އަތުން އެއްވަނަ މަގާމް އަތުލުމަށް ތައްޔާރުވެފައިވާ ރިބާކިނާގެ ކުރިމަތިލުމެއް ފެނުމުގެ ފުރުސަތު އޮތް އިރު އެމެރިކާގެ ދެ ކުޅުންތެރިން ކަމަށްވާ ޕެގޫލާ އާއި ގައުފްގެ ފައިނަލެއް ފެނުމުގެ ފުރުސަތުވެސް އެބައެޮތެވެ.