ޚަބަރު

"ޤައުމީ ތަރައްޤީގައި އަންހެނުންގެ ދައުރު ފުޅާވުމަކީ މުސްތަޤުބަލަށް ކުރެވޭ އިންވެސްޓްމެންޓެއް"


  • އަންހެނުންނަށް ހަމަހަމަ ފުރުސަތު ލިބޭ ނިޒާމުތައް ބިނާކޮށް ހަރުދަނާ ކުރަންޖެހޭ ކަމަށް ވަޒީރު ވިދާޅުވި

ޤައުމީ ތަރައްޤީއާއި ނިންމުންތައް ނިންމުމުގައި އަންހެނުންގެ ދައުރު ފުޅާވުމަކީ ޤައުމުގެ މުސްތަޤުބަލަށް ކުރެވޭ އިންވެސްޓްމެންޓެއް ކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

ޚާރިޖީ ވަޒީރު މިހެން ވިދާޅުވެފައިވަނީ އެކުވެރި އަރަބި އިމާރާތުގެ އަންހެނުންގެ ދުވަސް ފާހަގަކުރަމަށް ޤައުމީ ޔުނިވަރސިޓީއާއި ދިވެހިރާއްޖޭގައި ހުންނަ އެކުވެރި އަރަބި އިމާރާތުގެ އެމްބަސީ ގުޅިގެން ބޭއްވި ހަރަކާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެކުވެރި އަރަބި އިމާރާތުގެ އަންހެނުންގެ ދުވަހާއި ގުޅިގެން ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ހަރަކާތުގައި ވާހަކަފުޅުގައި ވިދާޅުވީ މިއަހަރުގެ މިދުވަހުގެ ޝިޢާރުން ދައްކުވައިދެނީ ހަމައެކަނި އަންހެނުންގެ ކުރިއެރުމެއް ނޫން ކަމަށާއި މުޅި މުޖުތަމަޢުގެ ކުރިއެރުން ކަމަށެވެ.

ޚާރިޖީ ވަޒީރުގެ ވާހަކަފުޅުގައި އެކުވެރި އަރަބި އިމާރާތް ބިނާ ކުރުމުގައި އަންހެނުން އަދާކުރާ ދައުރަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން އެ ޤައުމުގެ އިސް މަޤާމުތައް 55 އިންސައްތައަށް ވުރެ ގިނަ އަންހެނުން ފުރަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި ޕްރައިވެޓް ސެކްޓަރގެ ވަޒީފާތަކުގެ 70 އިންސައްތައަކީ އަންހެނުން ކަމަށާއި އޭގެ ތެރެއިން 98 އިންސައްތަ އަންހެނުންނަކީ ހުނަރުވެރި ވަޒީފާތަކުގައި ތިބި މީހުންކަން ފާހަގަކުރެއްވިއެވެ. ދިވެހިރާއްޖެއިން އެ ޖަމްޢިއްޔާގެ މެންބަރަކަށްވިތާ 50 އަހަރުވާއިރު އިސްލާމީ ޤައުމުތަކުގައި އަންހެނުން ހޯދާ ކުރިއެރުން ބަލައިގަނެ ފަޚުރުވެރިވާ ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރުގެ ވާހަކަފުޅުގައި އަންހެނުން ކުރިއެރުވުމުގައި ދިވެހިރާއްޖެއިން ހޯދާފައިވާ އަދި މިސަރުކާރުން އެކަމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ. އަންހެނުން ބާރުވެރިކުރުވުމަކީ ވަރުގަދަ، އެންމެން ޝާމިލުވާ، ފުދުންތެރި ޤައުމެއް ބިނާކުރުމުގެ މުހިންމު ބައެއް ކަމަށް ވިދާޅުވިއެވެ. މިވަގުތު ދިވެހިރާއްޖޭގެ ޚާރިޖީ ދާއިރާގައި 91 އަންހެނުން މަސައްކަތް ކުރަމުން އަންނައިރު، އޭގެ ތެރެއިން 6 ބޭފުޅުންނަކީ ސަފީރުންކަން ޚާރިޖީ ވަޒީރު ފާހަގަކުރެއްވިއެވެ. ޚާރިޖީ ވަޒީރު ވިދާޅުވީ ތަޢުލީމީ ވަނަތައް ހާސިލްކުރުމުން ފެށިގެން ގޮސް، އިޤްތިޞާދުގެ އެކި ހަރަކާތްތަކުގައި އަންހެނުންގެ ދައުރު ފުޅާވެފައިވާ ކަމަށެވެ.

އަދި އަންހެނުންގެ އަޑާއި، ހުނަރާއި، ޢަޒުމާއި އަދި ސާބިތުކަން ދަނީ ޤައުމުގެ ކުރިއެރުން ބައްޓަންކުރަމުން ކަމަށް ވިދާޅުވިއެވެ. އަދި ނިންމުންތައް ނިންމުމުގައި އެކަނބަލުންގެ ދައުރު ފުޅާވަމުން ދިޔުމަކީ ހަމައެކަނި ހަމަހަމަކަމަށް އެޅޭ ފިޔަވަޅެއް ނޫން ކަމަށާއި، އެއީ ރާއްޖޭގެ މުސްތަޤުބަލަށް ކުރެވޭ ވަރަށް ވަރުގަދަ އިންވެސްޓްމެންޓެއް ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރު ވާހަކަ ވިދާޅުވީ ކޮންމެ އަންހެނަކަށް އަދި އަންހެން ކުއްޖަކަށްވެސް އުނގެނުމަށާއި، އިސްކޮށް ޙަރަކާތްތެރިވުމަށާއި ކާމިޔާބީ ހޯދުމަށް ހަމަހަމަ ފުރުޞަތުތަކެއް ލިބިދޭ ނިޒާމުތަކެއް އަޅުގަނޑުމެން ބިނާކުރަންޖެހޭ ކަމަށެވެ. އަދި ދަރިވަރުންގެ ކިބައިގައި ހުރި ޤާބިލްކަމަށް އިތުބާރުކޮށް އެގޮތުގައި މަސައްކަތް ކުރުމަށް ޚާރިޖީ ވަޒީރު ގޮވާލެއްވިއެވެ.

ޚާރިޖީ ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ އެކުވެރި އަރަބި އިމާރާތާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ފުޅާކޮށް ބަދަހިވާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވަމުންނެވެ. އަދި ދިވެހިންގެ ދިރިއުޅުމަށް ތަރައްޤީގެ މަޝްރޫޢުތަކަށާއި އިޖުތިމާޢީ ޙަރަކާތްތަކަށާއި ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި އެކުވެރި އަރަބި އިމާރާތަށާއި، އެޤައުމުގެ ވެރިންނަށް ޚާރިޖީ ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.

އެކުވެރި އަރަބި އިމާރާތުގެ އަންހެނުންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޯގަސްޓް މަހުގެ 28 ވަނަ ދުވަހުއެވެ. މި ދުވަސް ޚާއްޞަކޮށްފައިވަނީ އެކުވެރި ޢަރަބި އިމާރާތުގެ ތަރައްޤީއާއި ކުރިއެރުމުގައި އެ ޤައުމުގެ އަންހެނުން އަދާކުރާ މުހިންމު ދައުރާއި، އެކަނބަލުން ހޯދާފައިވާ ކާމިޔާބީތަކުގެ އަގުވަޒަންކުރުމަށެވެ. މި ދުވަސް އެންމެ ފުރަތަމަ ފާހަގަކުރަން ފެށީ 2015 ވަނަ އަހަރު، ޔޫއޭއީގެ "ޤައުމުގެ މަންމަ" ގެ ގޮތުގައި މަޝްހޫރުވެފައިވާ އެޤައުމުގެ ފުރަތަމަ ރައީސްގެ އަނބިކަނބަލުން ޝޭޚާ ފާޠިމާ ބިންތި މުބާރަކްގެ އިސްނެންގެވުމުގެ މަތިންނެވެ.