ޚަބަރު

އެމެރިކާގެ 25 އަހަރުގެ ހަނގުރާމަތަކުގެ އިންސާނީ އަގު!


2001 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 11 ގެ ދުވަހު އެމެރިކާއަށް ދިން ހަމަލާތަކުގައި ގާތްގަނޑަކަށް 3،000 މީހުން މަރުވިތާ 25 އަހަރު ފުރުނުއިރު، އޭގެ ރައްދުގައި "ނިރުބަވެރިކަމާ ދެކޮޅަށް" ކަމަށް ބުނެ އެމެރިކާ އިސްވެ ފެށި ހަނގުރާމަތަކާއެކު މުޅި ދުނިޔެ ވަނީ ބަދަލުވެފައެވެ. ބްރައުން ޔުނިވަރސިޓީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި ހަނގުރާމަތަކުގައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން 4.5 އާއި 4.7 މިލިޔަނާ ދެމެދުގެ ޢަދަދަކަށް މީހުން ވަނީ މަރުވެފައެވެ. މީގެ ތެރޭގައި ސީދާ ހަމަލާތަކުގައި މަރުވި 940،000 މީހުންނާއި، ބަލިމަޑުކަމާއި ބަނޑުހައިހޫނުކަމުގައި މަރުވި 3.6 އާއި 3.8 މިލިޔަން މީހުން ހިމެނެއެވެ.

އަފްޣާނިސްތާން، ޢިރާޤު އަދި އީރާން ސުންނާފަތިކޮށްލުން

ހަނގުރާމައިގެ ސީދާ ހަމަލާތަކުގައި އަފްޣާނިސްތާނުން 176،000 މީހުން އަދި ޢިރާޤުން 315،000 މީހުން ވަނީ މަރުވެފައެވެ. ޑްރޯން އަދި ވައިގެ ހަމަލާތަކުގައި ޕާކިސްތާނުން 2،499 އާއި 4،001 ދެމެދުގެ އަދަދަކަށް، ޔަމަނުން 853 މީހުން، އަދި ސޮމާލިއާއިން 188 އާއި 276 ދެމެދުގެ ޢަދަދަކަށް މީހުން މަރުވިއެވެ. މީގެ އިތުރުން، ޢިރާޤާއި ސޫރިޔާގައި އައިއެސް ނިރުބަވެރި ޖަމާޢަތާ ދެކޮޅަށް ދިން ހަމަލާތަކުގައި 8،264 އާއި 13،360 ދެމެދުގެ ޢަދަދަކަށް ޢާންމުން މަރުވި ކަމަށް މަސްރަޙު ދިރާސާކުރާ ޖަމުޢިއްޔާ، އެއަރވޯޒްއިން އަންދާޒާކުރެއެވެ.

ހަނގުރާމަތަކުގައި އެމެރިކާއަށް ލިބިފައިވާ އަސްކަރީ ގެއްލުންތަކަށް ބަލާއިރު، އަފްޣާނިސްތާނުގައި އެމެރިކާގެ 2،500 ސިފައިން އަދި ގުޅިފަައިވާ އަސްކަރީ އިއްތިޙާދުގެ 3،500 މީހުން މަރުވިއެވެ. ޢިރާޤު ހަނގުރާމައިގައި އެމެރިކާގެ 3،481 ސިފައިން މަރުވެ 31،000 އަށް ވުރެ ގިނަ މީހުން ޒަޚަމުވިއެވެ. މީގެ އިތުރުން، ހަނގުރާމަތަކާ ގުޅިގެން ކުރިމަތިި ނަފުސާނީ ބަލިތަކުގެ ސަބަބުން ހަނގުރާމަތަކުގައި މަރުވި ޢަދަދަށްވުރެ ހަތަރު ގުނަ އިތުރު ޢަދަދަކަށް އެމެރިކާ ސިފައިން މަރުވިއެވެ.

އެމެރިކާއިން ކުރަން ޖެހުނު ހޭދަ 8 ޓްރިލިޔަނަށް އަރާނެ

އެމެރިކާއިން ފެށި ހަނގުރާމަތަކާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން 38 މިލިޔަނަށް ވުރެ ގިނަ މީހުން ގެދޮރު ގެއްލި މަގުމަތިވިއެވެ. މި ގޮތުން، ގެދޮރު ގެއްލުނު އަފްޣާނިސްތާނުގެ ރައްޔިތުންގެ ތެރެއިން އީރާނާއި ޕާކިސްތާނަށް ހިޖުރަކުރި މީހުންގެ ތެރެއިން 2.9 މިލިޔަން މީހުން، އެ ޤައުމުތަކުން އަނބުރާ އަފްޣާނިސްތާނަށް ފޮނުވައިލިއެވެ. އޭގެ ތެރެއިން މިލިޔަނަކަށްވުރެ ގިނަ ޢަދަދެއްގެ މީހުން އަދިވެސް ތިބީ ގެދޮރު ނެތް ޙާލަތުގައެވެ. މީގެ އިތުރުން، އެމެރިކާގެ ހަނގުރާމައާ ގުޅިގެން އަފްޣާނިސްތާނުގައި ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާ މީހުންގެ އިންސައްތަ ވަނީ %62 އިން %92 އަށް އުފުލިފައެވެ.

ހަނގުރާމަތަކާ ގުޅިގެން އެމެރިކާ ސަރުކާރަށް ކުރަން މަޖުބޫރުވި މާލީ ޚަރަދުތަކަށް ބަލާއިރު، ދެ ދަހަރުގެ ހަނގުރާމަތަކަށް އެ ޤައުމުން 5.8 ޓްރިލިޔަން އެމެރިކާ ޑޮލަރު ހޭދަކުރިއެވެ. އަދި، 2050 ވަނަ އަހަރާ ހަމައަށް ސިފައިން ބެލެހެއްޓުމަށް 2.2 ޓްރިލިޔަނާއި 2.5 ޓްރިލިޔަން ޑޮލަރާ ދެމެދުގެ ޚަރަދެއް ހިނގާނެ ކަމަށް ލަފާކުރެވޭއިރު، ޖުމްލަ ހޭދަ މަދުވެގެން 8 ޓްރިލިޔަން ޑޮލަރަށް އަރާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން، 2030 ވަނަ އަހަރާ ހަމައަށް އަންނައިރު، ހަނގުރާމައަށް ކުރި ޚަރަދާ އެއްވަރުގެ ޢަދަދެއް އިންޓްރެސްޓްގެ ގޮތުގައި ދައްކަން ޖެހޭނެ ކަމަށް ވެސް މާހިރުން އަންދާޒާ ކުރެއެވެ.