މުދައްރިސުންނާއި ތަޢުލީމީ ދާއިރާގައި ފަންނީ މަސައްކަތް ކުރައްވާ ފަރާތްތަކުގެ މެދުގައި ދިރާސާކުރުމުގެ ސަޤާފަތެއް ޤާޢިމުކުރުމަށް ބާއްވާ 8 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފަށައިފިއެވެ.
މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަޠީފެވެ.
އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސްއަކީ، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން ކުރިއަށްގެންދާ ކޮންފަރެންސްއެކެވެ. 2012 ވަނަ އަހަރުން ފެށިގެން ކޮންމެ ދެއަހަރަކުން އެއްއަހަރު ބާއްވަމުން އަންނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ކުރިއަށްދާނީ، މާދަމާގެ ނިޔަލަށް ޝަހީދު ޢަލީ ސްކޫލުގައެވެ.
ދެ ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ކޮންފަރެންސްގެ މައިގަނޑު މަޤުޞަދަކީ، ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތައް ހައްލުކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކޮށް، ކިޔަވައިދިނުމުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި މެދު ޚިޔާލު ބަދަލުކޮށް، މަޢުލޫމާތު ހިއްސާކުރުމެވެ.
މިއަހަރުގެ ކޮންފަރެންސްގައި 300 ފަރާތަކުން ބައިވެރިވުމަށް ރަޖިސްޓްރީކޮށްފައިވެއެވެ. އޭގެތެރެއިން 106 ފަރާތަކުން މި ކޮންފަރެންސްގައި 70 ޕްރެޒެންޓޭޝަން ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ކެމްބްރިޖު ޔުނިވާސިޓީ ޕްރެސް އެންޑް އެސަސްމަންޓް، ސައުތު އޭޝިޔާގެ މެނޭޖިން ޑިރެކްޓަރ، އަރުން ރާޖަމަނީ އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ޗާންސެލަރ، ޑރ. މަޚުމޫދު ޝައުޤީގެ ފަރާތުން މި ކޮންފަރެންސްގައި ކީ ނޯޓު ސްޕީޗެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ކޮންފަރަންސްގެ ފުރުތަމަ ދުވަހު "ޝޭޕިންގ އަ ރެސްޕޮންސިބަލް ޑިޖޓަލް ފިއުޗަރ ފޮރ އެޑިޔުކޭޝަން"ގެ މަޢުޟޫއަށް އަދި ދެވަނަ ދުވަހު "ބިޔޯންޑް އެކަޑެމިކްސް: ރީއިމޭޖިނިންގ އެޑިޔުކޭޝަން ތްރޫ އިންކްލޫޝަން، ވެލިޔުސް، ރެލެވެންސް އެންޑް ޑައިވަރސް ޕެތްވޭސް"ގެ މަޢުޟޫއަށް ބިނާކޮށް، ޕެނަލް ޑިސްކަޝަންއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ކޮންފަރެންސްގެ ބައިވެރިންނަށް ޚާއްސަކޮށް ޖުމްލަ 4 ވޯކްޝޮޕެއް ބާއްވައި، ގއ.މާމެންދޫ ސްކޫލް، މުހީޢްދީން ސްކޫލް، ތާޖުއްދީން ސްކޫލް އަދި އަފީފުޢްދީން ސްކޫލުގެ ފަރާތުން އިންކްލޫސިވް އެޑިޔުކޭޝަންއާއި ގުޅޭ ގޮތުން ޕްރެޒެންޓޭޝަންތަކެއް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކޮންފަރެންސްގެ ދެވަނަ ދުވަހު، ބައިވެރިވި ހުރިހާ ފަރާތްތަކުގެ މެދުގައި މަޝްވަރާކުރެވޭނެ މާހަޢުލެއް ޤާޢިމުކޮށް، ރޭގަނޑުގެ ކެއުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
2026 ވަނަ އަހަރުގެ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސަށް ޚާއްސަކޮށްފައިވާ ޝިޔާރަކީ" ރީއިމޭޖިން، ރީތިންކް، ރިފޯމް-އެޑްވާންސިންގ އިނޮވޭޝަން ފޮރ އެން އެކުއިޓަބަލް އެންޑް ރެޒިލިއަންޓް ފިއުޗަރ"އެވެ. މި ކޮންފަރެންސްގައި، ސްރީލަންކާ، ޕާކިސްތާން، މިސްރު، އޮސްޓްރޭލިޔާ އަދި އިންޑިޔާގެ ތަޢުލީމީ ދާއިރާގައި ފަންނީ މަސައްކަތް ކުރައްވާ ފަރާތްތަކުން ބައިވެރިވެ، ތަޢުލީމީ ދާއިރާގެ ކުރިއެރުވުމާއި ހަރުދަނާ ތަޢުލީމީ ނިޒާމެއް ބިނާކުރުމަށް މަޢުލޫމާތު ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.