ޚަބަރު

ބޮޑުބަޔަކަށް ހުދު ސަމާލު، ދެކުނަށް ރީނދޫ ސަމާލު


  • ސަމާލު ނެރެފައިވަނީ 18:00އިން ރޭގަނޑު 23:00އަށް

  • ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ

ބޯކޮށް ވާރޭވެހި ވައި ގަދަވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެ، ދެކުނުގެ ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ، ބ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެވެ. އަދި ރީނދޫ ސަމާލު ނެރެފައިވަނީ، ގއ.އަތޮޅުން ފެށިގެން އައްޑޫސިޓީއަށެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފައިވަނީ، މިއަދު އިރުއޮއްސި 18:00 އިން ރޭގަނޑު 23:00 އަށެވެ. އަދި ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ސަމާލު ނެރެފައިވަނީ، އިރުއޮއްސި 18:00 އިން ރޭގަނޑު 22:00 އަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ހުދު ސަމާލު ނެރެފައިވާ އަތޮޅުތަކަށް ގަޑިއަޑު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއިއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.

މިއަދު މޫސުން ލަފާކުރާގޮތަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި، ކަނޑުތައް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ދެކުނުން ގއ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫސިޓީގެ ރަށްތަކަށް ބޯކޮށް ވާރޭވެހި އެކިވަރުގެ ގެއްލުންތައް ލިބި ދަނީ ރިޕޯޓް ކުރަމުންނެވެ. އެގޮތުން ވިއްސާރައިގައި އައްޑޫސިޓީ ފޭދޫގެ ގިނަ އަދަދެއްގެ ގެތަކަށް ފެންވަދެ ގެއްލުން ލިބިފައިވެއެވެ. އަދި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުންދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ދަނީ ހަރަކާތްތެރިވަމުންނެވެ.

މޫސުން ގޯސްވެ، ވިލާގަނޑުގައި ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ، ރައްޔިތުންނާއި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.