ޚަބަރު

އިންފަންޓީނޯއަށް ކުރި ތާއީދު ފްރާންސްއިން ގެންގޮސްފި


ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ, ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ކުރި ތާއީދު ފްރާންސްގެ ފުޓްބޯޅަ ފެޑަރޭޝަނުން އަނބުރާ ގެންގޮސްފިއެވެ.

ފްރާންސްގެ ފުޓްބޯޅަ ފެޑަރޭޝަނުންގެ ރައީސް ފިލިޕް ޑިއާލޯ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފީފާގެ ކަންކަން ފަހަކަށް އައިސް ހުރީ އެ އިދާރާގެ ހެދިފައިވާ ގަވާއިދުތަކާއި އަސާސްތަކާއި ހިލާފަށް ކަމަށެވެ. އެހެންކަމުން ފްރާންސް އިން މިހާރު ބޭނުންވަނީ ފީފާގެ ކަންކަން ބަދަލުކުރުމުގައި ބައިވެރިވުމަށް ކަމަށް އެ ބަޔާނުގައިވަނީ ބުނެފައެވެ.

ފްރާންސް އިން އިންފަންޓީނޯއަށް ކުރި ތާއީދު އަނބުރާ ގެންގޮސްފައިވާއިރު ޔޫރަޕްގެ ގިނަ ގައުމުތަކެއްގެ އިތުރުން އޭޝިޔާ އާއި ކޮންކާކަފްގެ ގައުމުތަކުން ވަނީ އިންފަންޓީނޯއަށް ދެކޮޅަށް ގުޅިގެން މަސައްކަތް ކުރާނެކަމަށް ބުނެފައެވެ. ނަމަވެސް ދެކުނު އެމެރިކާ ބައްރުގެ ގައުމުތަކާއި އެފްރިކާގެ ގައުމުތަކުން ވަނީ އިންފަންޓީނޯއަށް ތައީދޫ ކުރާކަމަށް ބުނެފައެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ ނަން މަޝްހޫރު ވަރުގަދަ ގައުމުތަކުން އިންފަންޓީނޯ އާއި ދެކޮޅަށް ތެދުވެފައިވަނީ ފީފާގެ މުބާރާތް ހިންގުމަށް އުފެއްދުމަށް ނިންމި ފީފާ ފޯވާޑް އެންޓަޕްރައިޒްގެ ހިއްސާ އާންމު ވިޔަފާރިވެރިންނަށް ވިއްކާލުމަށް ނިންމުމާއި ގުޅިގެންނެވެ.

އަދި އެކަމާއި ދެކޮޅަށް ގައުމުތަކުން ތެދުވުމާއިއެކު އިންފަންޓީނޯ ވަނީ އެ ޕްލޭން ހުއްޓާލުމަށް ނިންމާ އެކަން ކުރިއަށް ގެންދެވުނީ އެންމެ ރަގަޅަށް ނޫން ކަމަށްބުނެ އެކަމަށް މައާފަށް އެދިފައެވެ.

ނަމަވެސް ފްރާންސްގެ ފިލިޕް ޑިއާލޯ ބުނެފައިވަނީ ފީފާއިން އެ ޕްރޮޖެކްޓް ހުއްޓާލުމަށްފަހު މައާފަށް އެދުނު ނަމަވެސް އަދި ފީފާގެ ހުރިހާ ކަމެއް ރަގަޅު ނުވާކަމަށެވެ.

އަންނަ އަހަރުގެ މާޗް މަހު އޮންނަ ފީފާގެ އިންތިޚާބުގައި ތިންވަނަ ފަހަރަށް ވާދަކުރައްވާނެކަމަށް ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ އިއުލާންކުރައްވާފައެވެ.