ރެލިގޭޝަން ޒޯނުގައި މިވަގުތު އޮތް ފުލަމްއާ ވާދަކޮށް ލަނޑެއް ނުޖެހި އެއްވަރުވި މެޗަށް ފަހު އަނެއްކާ ވެސް ވަރުގަދަ ލިވަޕޫލަށް ފާޑުކިއުން އަމާޒު ވެއްޖެ އެވެ.
މިދިޔަ ސީޒަނާއި މިސިޒަނަށް ވެސް ބޮޑު ހޭދައެއްކޮށް އެއް ބިލިއަން ޔޫރޯގެ އަގުހުރި ކުޅުންތެރިންގެ ޓީމު މިވަގުތު އޮތީ އިނގިރޭސި ޕްރެމިއާ ލީގުގެ ތާވަލުގެ ހަ ވަނާގަ އެވެ. އެއީ ހަތަރު މެޗުން ހަ ޕޮއިންޓާއެކުގަ އެވެ. ލިވަޕޫލުން ވަނީ މިދިޔަ ސީޒަނަށް 417 މިލިއަން ޕައުންޑް އަދި މި ސިޒަނަށް 286 މިލިއަން ޕައުންޑް ހޭދަކޮށްފަ އެވެ. ނަތީޖާ ނުނެރެވުމުން ކޯޗުކަމުން އާނޭ ސްލޮޓް ވަކިކޮށް މިސީޒަނަށް ޓީމާ ހަވާލުވީ އަންޑޯނީ އިރައޯލާ އެވެ. އިނގިރޭސި މީޑިޔާތަކުން މިހާރު ބުނަމުންދަނީ އިރައޯލާ އަށް ވެސް ލިވަޕޫލްގެ މިލިއަން ޕައުންޑްގެ މައްސަލަތައް ހައްލު ނުކުރެވުނު ކަމަށެވެ.
މެޗަށް ފަހު އޭނާ ބުނީ ލަނޑެއް ނުޖެހި އެއްވަރުވުމަކީ ބަހަނާ ދެއްކޭނެ ކަމެއް ނޫން ކަމަށެވެ. ހާއްސަ މި މެޗަކީ އަމިއްލަ ދަނޑުގައި ކުޅުނު މެޗަކަށްވާތީ އެވެ.
"އަހަރުމެންނަށް ލަނޑެއް ނުޖެހުމަކީ ބަހަނާއެއް ނޫން. ސަބަބަކީ މެޗުގައި މޮޅަށް ކުޅުނީ އަހަރުމެން ކަމަށްވުން. ދެން މި މެޗަކީ އަހަރުމެންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗެއް. އަހަރެން ދެކޭ ގޮތުގައި މި މެޗުގައި އެންމެ ބޮޑަށް ފެނިގެންދިޔައީ ކުޅުންތެރިންގެ ވަރުބަލިކަން،" ކޯޗު ބުންޏެވެ.
އޭނާ ބުނީ ޔޫރަޕިއަން ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި މިދިޔަ ބުދަ ދުވަހުގެ ރޭ ކުޅުމަށް ފަހު ހޮނިހިރު ދުވަހު ޕްރެމިއާ ލީގު ކުޅެން ޖެހުމުން ކުޅުންތެރިން ފިޓްނަސް ނެތްކަން ފާހަގަ ކުރެވުނު ކަމަށެވެ.
"އެކަމަކު ޝެޑިއުލް އަކީ ބަހަނާއެއް ނޫން. އެކަން މައްސަލައަކަށް ހަދާކަށް އަހަރެން ނެތިން. އަހަރުމެންގެ އެޓޭކިން ޕާފޯމަންސް އެބަޖެހޭ ރަނގަޅު ކުރަން. އަހަރުމެންނަށް އުފެއްދުނީ ހަގީގަތުގައި މަދު ފުރުސަތުތަކެއް. އަދި ލިބުނު ފުރުސަތުތަކުގައި މާބޮޑު ތޫނުކަމެއް ނެތް،" ކޯޗު ބުންޏެވެ.
ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު އަލްވާރޯ އާބެލޯއާ ކޯޗުކޮށްދިން ފުލަމް އަށް އިރައޯލާ ތައުރީފް ކުރި އެވެ.
"އެމީހުންނަށް މި މެޗުގެ ކްރެޑިޓް ހައްގު. އެ މީހުން ވަރަށް ރަނގަޅަށް ދިފާއު ކުރި. އޭގެ ސަބަބުން ލިވަޕޫލަށް މި މެޗުގައި ފުރުސަތު ހޯދަން ވަރަށް ބޮޑަށް އުނދަގޫވި. އަހަރުމެން އެބަޖެހޭ ވަކިވަކި ކުޅުންތެރިންނަށް ބަރޯސާވުން ހުއްޓާލަން. އެއަށްވުރެ ބޮޑަށް ޓީމެއްގެ ގޮތުގައި ކުޅެ ނަތީޖާ ނެރެން،" ކޯޗު ބުންޏެވެ.
މި މެޗުން ލިބުނު ޕޮއިންޓާއެކު ފުލަމް އޮތީ 20 ޓީމު ވާދަކުރާ ލީގުގައި އެންމެ ޕޮއިންޓަކާއެކު 18 ވަނާގަ އެވެ.