ރާޅުތަކުގެ ހަލަބޮލިކަމާއި، ހުދުވެލި ފިނޮޅުތަކުގެ ހިމޭންކަމުގެ ތެރެއިން ދިވެހިރާއްޖެއަށް އީމާންކަމުގެ އިރުއޮއްސުމެއްނެތް ނޫރުފާޅުވިތާ މިއަދަށް 900 އަހަރު ފުރިގެން މިދަނީއެވެ. މިއީ ހަމައެކަނި ތާރީޚީ ފޮތެއްގެ ކުލަގަދަ ސަފުޙާއެއް އެކަންޏެއް ނޫނެވެ. މިއީ ކާބަފައިންގެ ލެޔާއި އެތައް ޤުރުބާނީއަކުން، މިޖީލާ ހަމައަށް ރައްކާތެރިކޮށް ފޯރުކޮށްދިން މަތިވެރި ތަރިކައެކެވެ. މިއަދު މި ޖަޒީރާ ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން އިވެމުންދަނީ، ޤައުމުގެ މުސްތަޤުބަލާ ހަވާލުވާން ތައްޔާރުވަމުންދާ ޒުވާނުންގެ ހިތުގެ މުގުނުން އުފެދިގެން އަންނަ ފުން ޝުއޫރުތަކާއި އަޒުމްތަކުގެ އަޑެވެ.
ކުރިއަރަމުންދާ ފިކުރީ އަދި ތަރައްޤީގެ އޮއިވަރުގެ ތެރެއަށް ދުނިޔެ ގެނބެމުންދާއިރު، ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މި މުނާސަބަތަކީ ދިވެހިންގެ ހަޤީޤީ "އައިޑެންޓިޓީ" ހާމަކޮށްދޭ މުހިންމު ރަމްޒެއް ކަމަށް ޒުވާނުން ދެކެއެވެ. ޒުވާނުން ފާހަގަކުރާ ގޮތުގައި، މިފަދަ ތާރީޚީ މުހިންމު ދުވަސްތައް ކުލަގަދަކޮށް ފާހަގަކުރުމަކީ އަންނަން އޮތް ޖީލުތަކަށް އިސްލާމީ ތާރީޚާއި މައުލޫމާތު ފޯރުކޮށްދިނުމުގައި ޒުވާނުންނަށް އިތުރު ހިތްވަރާކާއި އުންމީދެއް ލިބިގެންދާނެ ކަމެކެވެ.
ފިކުރީ ގޮންޖެހުންތަކާއި ސަގާފީ އޮއިވަރުތަކުގެ ތެރޭގައި އަމިއްލަ ދީނީ އަދި ޤައުމީ އައިޑެންޓިޓީ ގެއްލިގެން ދިޔަނުދީ، ކާބަފައިން ހަވާލުކުރެއްވި މަތިވެރި އަމާނާތް އަންނަން އޮތް ޖީލުތަކަށް އެއްވެސް އުނިކަމެއް ނައިސް ފޯރުކޮށްދިނުމަށް ޒުވާނުން ތިބީ ފުރިހަމައަށް ތައްޔާރަށެވެ.
ޒުވާނުންގެ ހިތްތަކުގައި ވަނީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށް އުފަންވީތީ އަދި މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތު ލިބިފައިވީތީ ނިހާޔަތަށް ފަޚުރުވެރިވެ، ޝުކުރުވެރިވާ އިޙްސާސްތަކެވެ. މި އީމާންކަމުގެ ރޫޙު މިއަދު މުޅި މުޖުތަމަޢުން އެންމެ އުޖާލާކޮށް ފެންނަ އެއް ކަމަކީ، ރާއްޖޭގެ މިސްކިތްތަކުގައި ޒުވާން ޚަތީބުންނާއި އިމާމުންގެ އަދަދު ދުވަހުން ދުވަހަށް ގިނަވެގެންދާ ދިއުމެވެ. މިންބަރުތަކުން އިވޭ ޒުވާން ޚަތީބުންގެ އަސަރުގަދަ ޚުޠުބާތަކާއި، މިސްކިތްތަކުގައި ގުގުމައިގެންދާ ޒުވާނުންގެ ރީތި ޤުރުއާން ކިޔެވުމުގެ އަޑުތަކަކީ، ޒުވާނުން ދީނީ ކަންކަމަށް ދޭ އިސްކަމާއި ދީނީ ޢިލްމު ހޯދުމަށް ހުރި ޝައުޤުވެރިކަން ހާމަކޮށްދޭ އަލިގަދަ ހެކިތަކެކެވެ. މިސްކިތްތަކުގެ މިންބަރުތަކުން ފެށިގެން އިލްމީ އަދި ފިކުރީ މައިދާންތަކުގައި ޒުވާނުން ކުރިއަރަމުން އައުމަކީ ޤައުމުގެ އިސްލާމީ ސިޔާދަތު ރައްކާތެރިކުރުމަށް ލިބޭ ބޮޑު ބާރެކެވެ.
މިއަދުގެ ޒުވާނުންނަކީ ޓެކްނޮލޮޖީގެ ދާއިރާއިން އުނގެނި، ޑިޖިޓަލް ވަސީލަތްތަކަށް ނުހަނު އަހުލުވެރި ބަޔަކަށްވުމާއެކު، ޓެކްނޮލޮޖީގެ ޒަރީއާއިން އިސްލާމީ ޢަޤީދާއާއި ދީނީ މަޢުލޫމާތު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ޒުވާނުންގެ މަތިވެރި ޒިންމާއެއް ކަމަށް ދެކޭކަމަށާއި، ޒަމާނީ މީޑިއާއާއި ޓެކްނޮލޮޖީގެ ބޭނުންހިފައިގެން އިސްލާމީ ރީތި ތާރީޚާއި ޢިލްމު ފެތުރުމުގައި އާ ހިތްވަރަކާއެކު ކުރިއަށްދާން އަޒުމު ކަނޑައަޅާފައިވާ ކަމަށްވެސް ޒުވާނުން ފާހަގަކުރެއެވެ.
"އާދެ އަޅުގަނޑުގަނޑުމެން މީ ޒުވާން ޖީލަކަށް ވެފައި މި ދިވެހި ރާއްޖެ އިސްލާމްވިދުވަހަށް 900 އަހަރު ފުރޭއިރު އަޅުގަނޑު ދެކޭގޮތުގައި ދެން އަންނަ ޖީލަށްވެސް މި އިސްލާމީ އަޤީދާއާއި އިސްލާމީ ވާހަކަތަކާއި، މިހިރަ ބައިވަރު ސްޓޯރީސްތައް ދެންއަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް. އެހެންވީމަ އަޅުގަނޑު ދެކޭގޮތުގައި ޓެކްނޮލޮޖީގެ ޒަރީއާއިންނާއި ފޮތްފޮތުގެ ޒަރީއާއިން ދެން އަންނަ ޖީލަށް އިސްލާމީ އަޤީދާއާއި މިހިރަ ކަންތައްތައް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް ކަމަށް އަޅުގަނޑު ދެކެނީ" ޕީއެސްއެމާ ވާހަކަ ދެއްކި ޒުވާނަކު ބުންޏެވެ.
ދިވެހިރާއްޖެ އިސްލާމްވީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 12 ވަނަ ދުވަހުއެވެ. އެއީ މީލާދީން 1153 ވަނަ އަހަރެވެ. ރާއްޖެ އިސްލާމްވި ގޮތުގެ ތާރީޚީ ފޮތްތަކުގައިވާ ގޮތުން، ދިވެހީން އިސްލާމްދީނުގެ މަތިވެރި ހިދާޔަތަށް ވާޞިލުވީ މަޢުރިބުކަރައިގެ ޢިލްމުވެރިއެއް ކަމުގައިވާ އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީ ގެ ސަބަބުންނެވެ. އެކަލޭގެފާނު ރާއްޖެ ވަޑައިގެން، އެދުވަސްވަރު ދިވެހީންނަށް ކުރިމަތިވެފައިވި ބިރުވެރި މުޞީބާތެއް ކަމަށްވާ ރަންނަމާރީގެ ނުރައްކަލުން ދިވެހީން ސަލާމަތްކޮށްދެއްވައި، ކީރިތި ޤުރުއާނުގެ މުޢުޖިޒާތުން ދިވެހިންނަށް އަމާންކަން ހޯދައިދެއްވިއެވެ. މި ޢަމަލާއި، އެކަލޭގެފާނު ދެއްކެވި އިސްލާމީ ރީތި އަޚްލާޤާއި ދީނީ އިލްމުގެ ސަބަބުން، އޭރު ރާއްޖޭގެ ރަސްކަމުގައި ހުންނެވި ސްރީތިރިބުވަނަ އާދީއްތިޔަ މަހާރަދުން އިސްލާމްދީން ޤަބޫލުކުރައްވައި، މުޅި ރާއްޖެ އިސްލާމްކުރުމަށް އަމުރުކުރެއްވިއެވެ. މި ރަދުންނަށް ދިވެހިން ވަނީ ދަރުމަވަންތަ މަހާރަދުންގެ ނަންފުޅުން ނަންދީފައެވެ. ރަދުން އިސްލާމްވުމާއިއެކު ރާއްޖޭގެ ހުރިހާ ހިސާބަކަށް އިސްލާމްކަމުގެ މާތް ނޫރު ފެތުރިގެންދިޔައެވެ.
މި ދިގު ތާރީޚަށް ބަލައިލާއިރު، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްލާމްދީނަށް ކުރިމަތިވި ކޮންމެ ނުރައްކަލަކީ ދިވެހީންގެ އިސްލާމީ ޢަޤީދާ ފުނޑުފުނޑުކޮށްލަން ކުރެވުނު މަސައްކަތްތަކެއް ކަމަށް ޒުވާނުން ދެކެއެވެ. ޕޯޗުގީޒުންގެ އަނިޔާވެރިކަމާއި މަލަބާރީންގެ ޙަމަލާތަކުން މި ފަސްގަނޑު ސަލާމަތްކުރަން ކާބަފައިން ކުރެއްވި ޖިހާދާއި، އުތީމު މަހާރަދުންނާއި ޢަލީ ރަސްގެފާނު ފަދަ ޤައުމީ އަބުޠާލުން ލެޔާއި ފުރާނައިން ޤުރުބާންވީ ހަމައެކަނި ފަސްގަނޑަކަށްޓަކައެއް ނޫނެވެ. އެބޭފުޅުންގެ އެ މަތިވެރި ޤުރުބާނީއަކީ މިއަދުގެ ޖީލުތަކާ ހަމައަށް އިސްލާމީ މަތިވެރި ޢަޤީދާ އޭގެ ފުރިހަމަކަމާއެކު ދެމެހެއްޓެވުމަށް ކުރެއްވި ކަމެއްކަން ފާހަގަކުރަމުން، ދިވެހީންގެ މިނިވަންކަމާއި އިސްލާމްދީނަކީ ވަކިނުކުރެވޭނެ ދެ އަސާސްކަމަށް ޕީއެސްއެމްއާ ވާހަކަދެއްކި ޒުވާނުން ފާހަގަކުރިއެވެ.
މިއަދު އަޅުގަނޑުމެން އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި 900 އަހަރު ފާހަގަކުރާއިރު، ޒުވާނުންގެ އެންމެ ބޮޑު އަޒުމަކީ އިސްލާމީ ރީތި އަޚްލާޤާއި އަޤީދާގައި ތިބެ، ދީނީ އިލްމު އުނގެނި އުނގަންނައިދިނުމުގައި ފަސްޖެހުމެއްނެތް ސާބިތު ޖީލެއްގެ ގޮތުގައި ދެމިތިބުމެވެ. ކޮންމެ ދުވަހަކު ފަސް ނަމާދުގެ ވަގުތުގައި މިސްކިތްތަކުން އިވޭ ބަންގީގެ އަޑާއެކު، ދިވެހީންގެ ޢިއްޒަތާއި، އަބުރާއި، އިޖްތިމާޢީ އަގުތައް އިސްލާމީ އަސާސްތަކުގެ މައްޗަށް ބިނާކޮށް، ކުރިއަށް އޮތް ޤަރުނުތަކަށް މި ދީނީ އަމާނާތް ފޯރުކޮށްދިނުމުގައި ޒުވާނުން ސާބިތުވެ ތިބޭނެކަމުގެ ޔަޤީންކަން ޒުވާނުންދެއެވެ.