ޚަބަރު

ސައުދީ ފަންޑުގެ ސީއީއޯ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި


  • ރަސްމީ ބައްދަލުވުންތަކެއް ކުރިއަށްގެންދަވާނެ

  • މިއީ 3 ދުވަހުގެ ދަތުރުފުޅެއް

ރަސްމީ ދަތުރުފުޅެއްގައި ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު ދިވެހިރާއްޖެ ވަޑައިގަންނަވައިފިއެވެ.

ސައުދީ ފަންޑުގެ ސީއީއޯ ރާއްޖެ ވަޑައިގަންނަވާފައިވަނީ 3 ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައިކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އަދި ކުރިއަށް ހުރި ދުވަސްތަކުގައި ރަސްމީ ބައްދަލުވުންތަކެއް ކުރިއަށްގެންދަވާނެ ކަމަށް އެވުޒާރައިން ވިދާޅުވިއެވެ.

ސަޢުދީ ފަންޑުގެ ސީއީއޯ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު މީގެ ކުރިންވެސް ރާއްޖެއަށް އެކިފަހަރު މަތިން ވަޑައިގަންނަވާފައިވެއެވެ. ސައުދީ ފަންޑުން ދިވެހިރާއްޖޭގެ ތަރައްޤީއަށް ވެދެއްވާފައިވާ އެހީތަކުގެ އަގުވަޒަންކޮށް ސަޢުދީ ފަންޑުގެ ސީއީއޯ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދުއަށް ދިވެހި ސަރުކާރުން ވަނީ މިދިޔަ އަހަރު ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އަރުވާފައެވެ.

ސައުދީ ފަންޑަކީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތަކުގައި މެދުކެނޑުމެއް ނެތި އެހީތެރިކަން ފޯރުކޮށްދޭ ފަރާތެކެވެ. މިހާތަނަށް 40 އަށް ވުރެ ގިނަ މަޝްރޫޢު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަޢުދީ ފަންޑުގެ އެހީގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.