ޚަބަރު

އޯޒޯން ފަށަލަ ހިމާޔަތްކުރުން: ދުނިޔޭގެ ދިރުންތަކާ ގުޅިފައިވާ މުހިންމު މައްސަލައެއް!


  • އޯޒޯން ފަށަލަ ހިމާޔަތްކުރުމަށް ރާއްޖެއިން ދަނީ ނަމޫނާ މަސައްކަތްތަކެއް ކުރަމުން

  • މި ދާއިރާއިން ޙާސިލުކުރަން ބޭނުންވާ ގިނަ ލަނޑުދަނޑިތަކެއް ވަނީ ޙާސިލުކުރެވިފައި

މިއަދަކީ ދުނިޔޭގެ އޯޒޯން ދުވަހެވެ. ދުނިޔޭގެ އޯޒޯން ދުވަހަކީ، އޯޒޯން ފަށަލައަށް ލިބެމުންދާ ގެއްލުމާއި، އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތަކާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު ފާހަގަކުރަމުން އަންނަ ދުވަހެކެވެ.

އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް ބޭނުންކުރުން ހުއްޓާލުމަށްޓަކައި 1994 ވަނަ އަހަރުން ފެށިގެން ފާހަގަ ކުރަމުން އަންނަށް ދުނިޔޭގެ އޯޒޯން ދުވަސް ފާހަގަކުރަނީ މޮންޓްރިއަލް ޕްރޮޓޮކޯލް ތަސްދީޤު ކުރެވެނު ތާރީޚު ކަމަށްވާ 16 ސެޕްޓެމްބަރ 1987 ގުޅުވައިގެންނެވެ. މޮންޓްރިއަލް ޕްރޮޓޮކޯލަކީ، ތިމާވެށި ޙިމާޔަތްކުރުމުގެ މަޤްޞަދުގައި ދުނިޔޭގައި މިހާތަނަށް އަމަލުކުރެވެމުންދާ އެންމެ ކާމިޔާބު، އެންމެ ރަނގަޅު ނަތީޖާ ޙާސިލްކޮށްފައިވާ، އަދި ހުރިހާ ގައުމަކުން ބައިވެރިވާ މުޢާހަދާއެކެވެ.

މިއަހަރުގެ ބައިނަލްއަޤްވާމީ އޯޒޯން ދުވަހާ ގުޅުވައިގެން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ކެމިކަލް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ އޮފިސަރު ޒަމީރު ޒުބައިރު ވިދާޅުވީ، އޯޒޯން ފަށަލައަށް ގެއްލުންވަމުންދާކަން އެންމެ ފުރަތަމަ ފާހަގަކުރެވުނީ 1980 ގެ އަހަރުތަކުގައި ކަމަށެވެ.

އޯޒޯން ފަށަލަ ހިމާޔަތްކުރުމަށް އެކުލަވައިލި މޮންޓްރިއަލް ޕްރޮޓޮކޯލާއި، އޭގެ ދަށުން ގެނެވުނު "ކިގާލީ އެމެންޑްމަންޓް" ގެ ސަބަބުން މިހާރު މި މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބެމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ. ސައިންސްވެރިން ލަފާކުރާ ގޮތުގައި، 2066 ވަނަ އަހަރާ ހަމައަށްދާއިރު އޯޒޯން ފަށަލަ ކުރިން އޮތް އަސްލު ހާލަތަށް ރުޖޫއަވާނެ ކަމަށްވެސް ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ އިރުގެ ނުރައްކާތެރި ދޯދިތައް ނުވަތަ ޔޫވީ ރޭޑިއޭޝަނުން އިންސާނުންނާއި އެހެނިހެން ދިރޭތަކެތި ސަލާމަތްކުރުމުގައި އޯޒޯން ފަށަލަ ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. ޚާއްސަކޮށް ޞިއްޙީ ގޮތުން ދިމާވާ އެކި ނުރައްކާތަކުން ރައްކާތެރިކޮށްދީ، މުޅި ދިރުމުގެ ނިޒާމު ހަމަހަމަކަންމަތީ ދެމެހެއްޓުމަށް މި ފަށަލައިގެ މުހިންމުކަން ބޮޑުކަމަށް ވިދާޅުވިއެވެ

މީގެއިތުރުން، ރާއްޖެއަކީ އިކުއޭޓަރ މަތީގައި އޮންނަ ޤައުމަކަށްވާތީ ޔޫވީ ރޭޑިއޭޝަންގެ ސީދާ އަސަރު ރާއްޖެއަށް ކުރާ މިންވަރު އިތުރުކަން ޒަމީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން އޯޒޯން ފަށަލަ ހިމާޔަތް ނުކުރެވިއްޖެނަމަ އޭގެ ސަބަބުން ކުރިމަތިވާ ގެއްލުންތައް އިންތިހާއަށް އިތުރުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖެ ފަދަ ކަނޑުގެ ސަރަޙައްދު ބޮޑު ޤައުމެއްގައި ދުނިޔެ ހޫނުވުމުގެ ސަބަބުން ފަރުތައް މަރުވެ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެކަމަށް ވިދާޅުވިއެވެ.

ޒުބައިރު ވިދާޅުވީ ޤައުމީ ފެންވަރުގަޔާއި ބައިނަލްއަޤްވާމީ ފެންވަރުގައި އޯޒޯން ފަށަލަ ހިމާޔަތްކުރުމަށް ރާއްޖެއިން ހަރުދަނާ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އަދި މި ދާއިރާއިން ޙާޞިލުކުރަން ކަނޑައެޅިފައިވާ މުހިންމު ގިނަ ލަނޑުދަނޑިތަކެއް މިހާރުވެސް ކާމިޔާބުކުރެވިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ރާއްޖެ ބައިވެރިވާ މުއާހަދާތަކުގެ ތެރެއިން ކަނޑައެޅިފައި ހުރި ލަނޑުދަނޑިތައް ހާސިލްކުރުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ބައިވެރިކުރަން ކޫލިންގެ ދާއިރާގައި މަސައްކަތްކުރާ ރާއްޖޭގެ އެކި ކުންފުނިތަކާއި އެކި މުއައްސަސާތައް. މީގެ ތެރޭގައި އެބޭފުޅުން ތަމްރީނުކުރުމާއި މީގެ ތެރެއިން ދިޔަ އިކުއިޕްމަންޓު ފޯރުކޮށްދިނުމުގެ ކަންކަންތައްތައް. އެއްބަސްވުންތަކުގެ ދަށުން ހާސިލްކުރަން ހުރި ލަނޑުދަނޑިތައް ތާވަލުތަކާ އެއްގޮތައް ދަނީ ކުރަމުން." ޒުބައިރު ވިދާޅުވިއެވެ.

ޒަމީރު ޒުބައިރު ވިދާޅުވީ މިއަހަރުގެ އޯޒޯން ދުވަހާއި ގުޅުވައިގެން މިމަހުގެ 30 ވަނަ ދުވަހު ހުޅުމާލޭގައި ޚާއްސަ އިވެންޓެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށެވެ. ހަވީރު 4 އަކުން ރޭގަނޑު 8އަކަށް ކޮމިއުނިޓީ އިވެންޓެއް ގޮތުގައި ކުރިއަށްދާ މި ހަރަކާތުގައި އެކި ޖަމްޢިއްޔާ ޖަމާޢަތްތަކުން ބައިވެރިވެ މައުލޫމާތު ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.

އޯޒޯން ފަށަލައިގެ ދުޅަހެޔޮކަމަކީ މުޅި ދުނިޔޭގެ ހުރިހާ ދިރުމަކާއި ގުޅިފައިވާކަމެކެވެ. އިރުގެ ނުރައްކާތެރި ދޯދީގެ ސަބަބުން ދިރުންތައް ނެތިފަނާވެދާނެތީ އެދޯދިން ދުނިޔެ ރައްކާތެރިކުރުމަށް ދުނިޔޭގެ ހުރިހާ ޤައުމަކުން މަސައްކަތްކުރަންޖެހެއެވެ. އެގޮތުން ޤައުމުތަކުގެ ގޭބިސީތަކާއި ކާރުޚާނާތަކުގައި ބޭނުންކުރާ ފިނިކުރި ނިޒާމުތަކަކީ ތިމާވެށްޓާ ރައްޓެހި ބާވަތްތަކަށް ހެދުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.