ޚަބަރު

ޕީއެންސީގެ ކޮންގްރެސްގެ މަންދޫބުންނާއި ރައީސް ބައްދަލުކުރައްވައިފި


  • ޕާޓީގެ އެކި ގުނަވަންތަކުގެ މަންދޫބުންނާއި ރައީސް ވަކިވަކިން ބައްދަލުކުރެއްވި

  • ޕާޓީގެ ހަރަކާތްތައް ހިންގުމާއި ގުޅޭގޮތުން ޚިޔާލު ބަދަލުކޮށް މަޝްވަރާކޮށްފައިވޭ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ކޮންގްރެސްގައި ބައިވެރިވަޑައިގަންނަވާ މަންދޫބުންނާ، ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުންތަކުގައި ޕާޓީގެ އެކި އެކި ގުނަވަންތަކުގެ ތަމްސީލް ކުރައްވާ ފަރާތްތަކާއި އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފައެވެ.

މިމަހުގެ 15 އިން 18 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ވެރިކަން ކުރާ ޕީއެންސީގެ ކޮންގްރެސްއަށް ޕާޓީގެ ގިނަ އަދަދެއްގެ މަންދޫބުން ވަނީ މާލެ އައިސްފައެވެ. ރާއްޖޭގެ ހުރިހާ ކަންކޮޅަކުންހެން ޕާޓީގެ ކޮންގްރެސްގައި ބައިވެރިވުމަށް މަންދޫބުން މާލެ އައިސްފައިވާއިރު، އެ ޕާޓީން މިހާރު ކުރިއަށް ގެންދަނީ ޕާޓީގެ ކޮންގްރެސްގެ އެންމެ ފަހުގެ ތައްޔާރީތަކެވެ. ކޮންގްރެސްއަށް އެޕާޓީން ވަމުންދާ ތައްޔާރީތަކުގެ ތެރެއިން ޕާޓީގެ ކޮންގްރެސްގައި ބައިވެރިވެވަޑައިގަންނަވާ މަންދޫބުންނާއި މިއަދު ހެނދުނު ފެށިގެން ހަވީރާއި ހަމައަށް ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައްދަލުކުރައްވާފައެވެ.

ޕާޓީގެ ކޮންގްރެސްއަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އެންމެ ފުރަތަމަ ބައްދަލުކުރައްވާފައިވަނީ، އެ ޕާޓީގެ އެކި ދާއިރާތަކުގެ ހަރަކާތް ކުރިއަށްގެންދާ ސްޓިއަރިން ކޮމެޓީތަކުގެ ރައީސުންނާއެވެ. އެއަށްފަހު އެމަނިކުފާނު ބައްދަލުކުރައްވާފައިވަނީ ޕާޓީގެ އަންހެނުންގެ ހަރަކާތުގެ ރައީސުންނާއި، ޒުވާނުންގެ ހަރަކާތުގެ ރައީސުންނާއެވެ. މީގެ އިތުރުން ޕާޓީގެ ކޮންގްރެސްއަށް ވަޑައިގަންވާފައިވާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސުންނާއިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގެ އިތުރުން ޕާީޓގެ ކޮންގްރެސްއަށް ހާއްސަކޮށް ދައުވަތު އެރުވިގެން ވަޑައިގެންނެވި ބޭފުޅުންނާއި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޕީއެންސީގެ އެކި ގުނަނަވަންތަކަށް ނިސްބަތްވެވަޑައިގަންނަވާ ފަރާތްތަކާއި ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ބައްދަލުކުރެއްވިއިރު، މި ބައްދަލުވުންތަކުގެ މައިގަނޑު ބޭނުމަކީ ޕާޓީގެ ކޮންގްރެސްއަށް ވަމުންދާ ތައްޔާރީތަކާއި އަދި ޕާޓީގެ ހަރަކާތްތަކާއި ގުޅޭގޮތުން ޚިޔާލު ބަދަލުކޮށް މަޝްވަރާކުރުން ކަމަށް ޕީއެންސީން ބުނެއެވެ. އަދި ޕާޓީގެ ކޮންގްރެސްގެ ތައްޔާރީތަކާއި އެނޫންވެސް ދައިރާތަކުން ހުރި ކަންބޮޑުންތައް ހިއްސާކޮށް މަޝްވަރާތައް މި ބައްދަލުންތައް މެދުވެރިކޮށް ކުރިއަށް ދިޔަކަން ޕީއެންސީން ވަނީ ފާހަގަކުރެއެވެ.

ޕީއެންސީގެ ކޮންގްރެސްގައި ބައިވެރިވާ މަންދޫބުންނާއި އެ ޕާޓީގެ ރައީސް ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވިއިރު، މިއީ ވެރިކަމުގެ ހުންނަވާ ޕާޓީގެ ލީޑަރަކު ޕާޓީގެ ގުނަވަންތަކުގެ މަންދޫބުންނާއި ކޮންގްރެސްގެ ކުރިން މިގޮތަށް ބައްދަލުކުރެއްވި ފުރަތަމަ ފަހަރުކަމަށް ޕީއެންސީން ބުނެއެވެ.