މެލޭޝިއާއި ދިވެހިރާއްޖޭގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ޖޮއިންޓް ކޮމިޓީއެއް އެކުލަވާލުމުގެ މަސައްކަތް ނިންމުމަށް އަނގަވާފައިވާ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވެއްޖެވެ.
މެލޭޝިއާގެ ބޮޑުވަޒީރު މިކަން ފާހަގަކޮށްފައިވަނީ އެމަނިކުފާނު ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބޭއްވެވި، ރަސްމީ ފާރީއްކޮޅުގައި ދެއްވި ސްޓޭޓްމަންޓުގައެވެ.
މެލޭޝިއާގެ ބޮޑުވަޒީރުގެ ޝަރަފުގައި ބޭއްވެވި ފަރީކޮޅުގައި ބޮޑުވަޒީރު އަންވަރު އިބްރާހީމް ދެއްކެވި ވާހަކަފުޅު ބިނާކުރެއްވީ ދެޤައުމު ދެމެދު އޮތް ބަދަހި ގުޅުމުގެ މައްޗަށެވެ. އެގޮތުން މެލޭޝިއާގެ ބޮޑުވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޝަހުސިއްޔަތަށް ތަޢުރީފް ކުރައްވާފައެވެ. އަދި މެލޭޝިއާގެ ވަފުދު ރާޢްޖޭގައި ހޭދަ ކުރީ އުފާވެރި ވަގުތުކޮޅެއް ކަމަށް ވިދާޅުވިއެވެ.
ރާއްޖެއަކީ ކުޑަ ޤައުމެއް ނަމަވެސް މެލޭޝިއާވެސް ނިސްބަތުން ބޮޑު ނޫން ކަމަށް ބޮޑުވަޒީރު އަންވަރު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިހާރު ދުނިޔޭގެ ކަންކަން ހިންގާ ގޮތަށް ބަލާއިރު ބޭނުންވަނީ ގޯސް ކަންކަމާއި ދެކޮޅަށް އަޑު އުފުލުމުގެ ހިއްވަރު ހުރި ޤައުމުތައް ކަމަށެވެ. ބާރުވެރިކަމުގެ ބަދަލުގައި ޒިންމާދާރުކަން އިސްކޮށް ޤައުމުގަިއ ރަނގަޅު އޮނިގަނޑުތަކެއް ޤާޢިމްކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި މެލޭޝިއާ ދެކެނީ ރާއްޖޭގައި މިސިފަތައް ހުރި ކަމަށެވެ.
"މި ދުނިޔޭގެ މާ ބޮޑަށް ދެކޮޅު ނުޖެހޭ ކަންކަން އެބަހުރި. އަޅުގަނޑުމެންނަށް އަވަށްޓެރިން ބާރުއޮވެގެން ކަންކަންކޮށް ޤައުމުތަކުގެ އިތުބާރު ގެއްލުވާތަން ފެނިގެންދޭ. މިއީ ތަރައްޤީވެފައިވާ މުޖްތަމަޢުއެއް އުޅޭނެ ގޮތެއް ނޫން. އެހެން ކަމުން އަޅުގަނޑު އިތުބާރު ކުރަން ރައީސް ތިކުރައްވާ މަސައްކަތަށް ރައްޖެއަށް ތަރައްޤީ ގެނައުމަށް، މި ޤައުމު ބަދަލުކުރެއްވުމަށް." ބޮޑުވަޒީރު އަންވަރު ވިދާޅުވިއެވެ.
ބޮޑުވަޒީރުގެ ވާހަކަފުޅުގައި މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކަކީ ރާއްޖޭގެ އެއްވެސް އަމިއްލަ ބާރެއް ނެތި ރާއްޖެއަށް ލިބޭ ގެއްލުންތައްކަން ފާހަގަކުރެއްވިއެވެ. އަދި ސަމިޓަކަށް ފަހު ކޮޕް ސަމިޓެއް ބާއްވަމުން ދިޔަ ނަމަވެސް އެ ސަމިޓުން އަނެއް ސަމިޓަށް ވަޢުދުވާ ކަންކަންވެސް ނުކޮށްދެވޭ ކަމަށް އެމަނިކުފާޏި ވިދާޅުވިއެވެ. ދުނިޔޭގެ ސިނާޢީ ޤައުމުތަކުން ދޭ ގެއްލުންތަކަށް ޖަވާބުދާރީ ކުރުވުމުގައި ނުކުޅެދިފައިވާ ކަމުގެ ކަންބޮޑުވުން ހިއްސާ ކުރައްވާ ކަމަށް ބޮޑުވަޒީރު އަންވަރު ވިދާޅުވިއެވެ.
ބޮޑުވަޒީރު ވާހަކަފުޅުގައި ދެ ޤައުމުގެ ގުޅުން ހަރުދަނާ ކުރުމަށް އެކުލަވާލާ ކޮމިޝަން އަވަހަށް އެކުލަވާލުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މިމަސައްކަތް އަވަސް ކުރުމަސް ވަޒީރުނަށް އަންގަވާފައިވާ ކަމަށް ވިދާޅުވިއެވެ.
"ޚާރިޖީ ވުޒާރާތަކުން އާންމުކޮށް ޖޮއިންޓް ކޮމިޝަނެއް ގެންގުޅޭ. އަޅުގަނޑުމެންގެ ނެތީމަ. އެހެންވީމަ އަމާޒަކީ މި ކޮމިޝަން އެކުލަވާލުން ދެން އަހަރަކު. އަޅުގަނޑުގެ ވުޒާރާތަކަށް އަންގަވާފައިވަނީ މި ކަން ކުރިއަށް ގެންދިއުމަށް، އަދި މިއަހަރު ނިމުމުގެ ކުރިން ބައްދަލުވުން ބޭއްވުމަށް. " ބޮޑުވަޒީރު އަންވަރު ވިދާޅުވިއެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވަނީ ދެ ޤައުމު ދެމެދު ސޮއިކުރެވޭ 100 މިލިޔަން ޑޮލަރުގެ ކަރަންސީ ސޮވޮޕް އަވަސް ކުރެއްވުމަށް އެ ޤައުމުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރައި ވާހަކަ ދައްކަވާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މިކަން ވީހާވެސް އަވަސް ކުރަން ނިންމެވީ މެލޭޝިއާއަށް ދިވެހިރާއްޖެއާޢި އެކު އޮތް އިސްތިރާޖީ ގުޅުން މުހިންމުވާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ތަޢުލީމާއި ސިއްޚީ ދައިރާގެ ކަންބޮޑުވުންތައް އެމަނިކުފަނާއި ހިއްސާކުރެއްވިކަން ފާހަގަކށް ބޮޑުވަޒީރު އަންވަރު ވިދާޅުވީ މިކަންކަން ހައްލުކޮށްނުދެވޭނެ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި މިއީ ކުދި ކަންތައްތައް ކަމަށާއި މިކަން ދިވެހި ސަރުކާރައި ގުޅިގެން ހައްލުކުރެވޭނެ ކަމުގެ ޔަޤީންކަން ބޮޑުވަޒީރު އަންވަރު ވަނީ ދެއްވާފައެވެ.
ބޮޑުވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ މިއީ ކުރު ދަތުރުފުޅެއް ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނާއިއެކު އެތައް ވަގުތެއް ހޭދަކުރެއްވިކަން ފާހަގަކުރައްވާއެވެ. އަދި މިކަމުން ދައްކުވައިދެނީ ދެ ޤައުމަށް ދެވޭ އިސްކަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.