މިދިޔަ ފެބްރުއަރީ މަހު އީރާނުގެ ސްކޫލަކަށާއި ކުޅިވަރު މަރުކަޒަކަށް ދިން އަސްކަރީ ހަމަލާތަކުގެ ފަހަތުގައިވަނީ އެމެރިކާ ކަމަށް ބެލެވޭ މިންވަރަށް ހެކި އެބަހުރި ކަމަށާއި، އެއީ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށް އދގެ މާހިރުންގެ ވަފްދަކުން ހާމަކޮށްފިއެވެ.
ޖެނީވާގައި ހުންނަ އދގެ އިންސާނީ ހައްޤުތަކާ ބެހޭ މަޖިލީހަށް ހުށަހެޅުމަށް "އިންޑިޕެންޑެންޓް އިންޓަރނޭޝަނަލް ފެކްޓް-ފައިންޑިންގ މިޝަން އޮން އީރާން" އިން އެކުލަވައިލި މި ރިޕޯޓުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ، ފެބްރުއަރީ މަހު ފެށުނު ހަނގުރާމައިގައި އެމެރިކާއިން އަމަލުކުރި ގޮތަށާއި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު އީރާނުގައި ފެށުނު މުޒާހަރާތައް ކޮންޓްރޯލްކުރުމަށް އެ ޤައުމުން ހިންގި އޮޕަރޭޝަންގެ މައްޗަށެވެ.
މި ރިޕޯޓާ ގުޅިގެން ޖެނީވާގައި ހުންނަ އީރާނާއި އެމެރިކާގެ ދާއިމީ މިޝަންތަކުން އަދި މިހާތަނަށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. އެމެރިކާގެ އޮފިޝަލުން މީގެ ކުރިން ބުނަމުން އައީ އެ ޤައުމުގެ އަސްކަރީ ޙަރަކާތްތައް ހިންގަނީ ހަނގުރާމައިގެ ބައިނަލްއަޤުވާމީ ޤާނޫނުތަކާ އެއްގޮތަށް ކަމަށެވެ. އަދި އީރާނުންވެސް އަންނަނީ އިންސާނީ ހައްގުތަކަށް އަރައިގަންނަ ކަމަށް ކުރެވޭ ތުހުމަތުތައް އަބަދުވެސް ދޮގުކުރަމުންނެވެ.
އދގެ މާހިރުން ހާމަކުރި ގޮތުގައި، އީރާނުގެ މިނާބު ސިޓީގެ ޝަޖަރަތުއްޠައްޔިބާ ޕްރައިމަރީ ސްކޫލަށް ދިން ހަމަލާގެ ފުރިހަމަ ޒިންމާ ނަގަންޖެހެނީ އެމެރިކާގެ ސިފައިންނެވެ. އެ ހަމަލާގައި 150އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި 120 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.
މިއީ އާންމުންނާއި މަދަނީ ވަޞީލަތްތަކަށް ބެލުމެއްނެތި ދީފައިވާ ހަމަލާއެއް ކަމަށާއި، ބައިނަލްއަޤަވާމީ ޤާނޫނުތަކުގެ ދަށުން މިއީ ސީދާ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް އދގެ މާހިރުން ވަނީ ކަނޑައަޅާފައެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެމެރިކާއިން އެ ހަމަލާ ދިނީ އެތަނުގައި އީރާނުގެ އަސްކަރީ އިސް ކޮމާންޑަރަކު ހުރި ކަމަށް ބުނާ ޖާސޫސީ މަޢުލޫމާތަކަށް ބަރޯސާވެގެންނެވެ. ނަމަވެސް ހަމަލާ ދިނުމުގެ ކުރިން އެ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކޮށްފައެއް ނުވެއެވެ. މާހިރުން ބަޔާންކުރި ގޮތުގައި، އެމެރިކާއިން ސްކޫލަށް ހަމަލާދިނީ އާންމުންގެ ފުރާނައަށް ބޮޑު ނުރައްކަލެއް އޮތްކަން އެނގިތިބެ، ނުހަނު ފަރުވާކުޑަކޮށެވެ. އަދި އެ ސްކޫލް އަސްކަރީ ބޭނުމަކަށް ބޭނުންކުރި ކަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށްވެސް އދއިން ބުނެއެވެ. މިދިޔަ ޖޫން މަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ގަސްދުގައި އެއްވެސް ސްކޫލަކަށް ހަމަލާދީފައި ނުވާނެ ކަމަށް ވިދާޅުވި ނަމަވެސް، އެމެރިކާ އަސްކަރިއްޔާގެ އެތެރޭގެ ތަޙުޤީޤުންވެސް ދައްކަނީ މިނާބުގައި ދިން ހަމަލާގެ ޒިންމާ ނަގަންޖެހެނީ އެމެރިކާގެ ސިފައިން ކަމަށެވެ.
މީގެއިތުރުން، އީރާނުގެ ލާމިރްދު ސިޓީގެ ކުޅިވަރު މަރުކަޒަކަށް ދިން ހަމަލާއަކީވެސް ހަނގުރާމައިގެ ޖަރީމާއެއް ކަމަށް އދގެ މާހިރުން ވަނީ ނިންމައިފައެވެ. އެ ހަމަލާގައި ކައިރީގައިވާ ގެތަކަށާއި ސްކޫލަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، އާންމުންގެ 22 މީހުން މަރުވެ އަދި ޒަޚަމްވިއެވެ. ނަމަވެސް، އެމެރިކާގެ އަސްކަރިއްޔާއިން ބުނެފައިވަނީ އެ ދުވަހު ލާމިރްދު ސިޓީއަށް އެއްވެސް ހަމަލާއެއް ދީފައިނުވާނެ ކަމަށެވެ.
އދގެ މާހިރުންގެ ތަޙުޤީޤުން ހާމަވި ގޮތުގައި، މިދިޔަ ޑިސެމްބަރު މަހު އީރާނުގައި ފެށުނު މުޒާހަރާތަކާ ގުޅިގެން އީރާނުގެ ސަރުކާރުން ވަނީ އާންމު ރައްޔިތުންނާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި، އަނިޔާވެރި އަމަލުތަކެއް ހިންގައިފައެވެ. މީގެ ތެރޭގައި ޤާނޫނާ ޚިލާފަށް މީހުން މެރުމާއި، ލާއިންސާނީ އަނިޔާކުރުމާއި، މީހުން ހައްޔަރުކޮށް ގެއްލުވައިލުމުގެ އިތުރުން، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުން ހިމެނެއެވެ.
ރަސްމީ ތަފާސްހިސާބުތަކުން، އެ މުޒާހަރާތަކުގައި 3,038 މީހުން މަރުވެ، 25,000 މީހުން ޒަޚަމްވި ކަމަށް ދެއްކި ނަމަވެސް، ހަޤީޤަތުގައި ގެއްލުންވި މީހުންގެ ޢަދަދު މިއަށްވުރެ މާ އިތުރުވާނެ ކަމަށް އދގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.