ފުރަތަމަ ފަހަރަށް ޕެރަލިމްޕިކް ކެޓަގަރީ ހިމަނާ ޤައުމީ ޝޫޓިން މުބާރާތަށް ހުޅުވާލައިފިއެވެ.
ނެޝަނަލް ޝޫޓިން ސްޕޯޓް އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އާންމުކޮށް ހުޅުވާލާފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަމަހުގެ 10 ވަނަ ދުވަހުގެ 23:59 އެކެވެ.
ހުޅުމާލޭ ސްޕޯޓްސް ރޭންޖްގައި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރުމަހުގެ އެއްވަނަ ދުވަހުއެވެ.
މުބާރާތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އިސްމާއިލް ޝަފީޤް ވިދާޅުވީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ. އަދި މުބާރާތުގައި އަލަށް ބައިވެރިވާ ފަރާތްތަކަށް މުބާރާތުގެ ކުރިން ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.
އަންނަމަހުގެ 05 ވަނަ ދުވަހުން ފެށިގެން މާލޭ ޝޫޓިން ރޭންޖާއި ހުޅުމާލޭ ޝޫޓިން ރޭންޖުގައި މުބާރާތަށް ތައްޔާރުކުރުމަށް ޓްރޭނިންތައް ފަށާނެކަމަށް ޝަފީޤް ހާމަކުރެއްވިއެވެ.
ނެޝަނަލް ޝޫޓިން ސްޕޯޓް އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މިއަހަރަކީ މުބާރާތުން ޚާއްސަ ކަމެއް ފެނިގެންދާނެ އަހަރެއްކަމަށް ޝަފީޤް މައުލޫމާތުދެއްވިއެވެ.
މިއަހަރު މުޅިން އަލަށް ޕެރަލިމްޕިކް ކެޓަގަރީ މުބާރާތުގައި ހިމަނާފައިވާއިރު، މި ކެޓަގަރީއިން އެތުލީޓުން ހޮވާނީ ޝޫޓިން އެސޯސިއޭޝަނާއި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީއާ ދެމެދު ވާހަކަދެކެވިގެންކަމަށް ޝަފީޤް ވިދާޅުވިއެވެ. ސަބަބަކީ މިއީ ހަތިޔާރާއި ވަޒަން ހިމެނޭ ކުޅިވަރަކަށްވާތީވެ، އެތުލީޓުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އެކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ފަސޭހައަކަށްކަމަށް ޝަފީޤް ވިދާޅުވިއެވެ.
މުބާރާތް ކުރިއަށްދާނީ ޕްރޮފެޝަނަލް ކެޓަގަރީ، ޖޫނިއާ ކެޓަގަރީ، ޔޫތު ކެޓަގަރީ، ޕެރަލިމްޕިކް ކެޓަގަރީ އަދި އެމެޗުއަރ ކެޓަގަރީ ހިމަނައިގެންނެވެ. އެއާ ރައިފަލް އަދި އެއާ ޕިސްޓަލް ހިމެނޭހެން މުބާރާތް ކުރިއަށްދާއިރު، ކޮންމެ އުމުރުފުރާއަކުން އަންހެން، ފިރިހެން އަދި މިކްސްޑް ޓީމްގެ އިތުރުން އަންހެން އަދި ފިރިހެން ޓީމް އިވެންޓްތައް ކުރިއަށްދާނެއެވެ.
މިފަދަ މުބާރާތެއް އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ރާއްޖޭގައި ޝޫޓިން ކުޅިވަރު ކުރިއަރުވާ ޒުވާން އެތުލީޓުން ތަމްރީނުކޮށް ކުރިއެރުވުމެވެ. އަދި އޮލިމްޕިކްގައި ހިމެނޭ މި ކުޅިވަރުން އެތުލީޓުން އުފައްދާ ޤައުމީ ފެންވަރުގައްޔާއި ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަކުރެވޭނެ ފުރުސަތުތައް ހޯދައިދީ ޤައުމަށް ރީތި ނަމާއި ފަޚުރު ހޯދައިދޭނެ ޝަރަފުވެރި ޤައުމީ ޝޫޓިން ޓީމެއް ބިނާކުރުންކަމަށް ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވަނީ ބުނެފައެވެ.