ޚަބަރު

ވޯލްޑް ކަޕުގައި ރާއްޖެ، ފްރާންސް އަދި ސައުތު އެފްރިކާ އެއް ގުރޫޕެއްގައި


  • ރާއްޖެއަށް ވަނީ 15 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕުން ފުރުސަތު ލިބިފައި

  • ފެސްޓިވަލެއްގެ ސިފައިގައި މުބާރާތް އޮންނާނީ އޮކްޓޯބަރު މަހު

ފީފާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕުގައި ދިވެހިރާއްޖެއާއި އެއް ގުރޫޕެއްގައި، ދުނިޔޭގެ ފުޓުބޯޅަ ރޭންކިންގެ ތިންވަނައިގައި އޮތް ފްރާންސާއި 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގެ ހޯސްޓު ސައުތު އެފްރިކާ ހިމެނިއްޖެއެވެ.

އޮކްޓޫބަރު 22 އިން 31 އަށް ކުރިއަށްދާ މުބާރާތުގައި ރާއްޖެ، ފްރާންސް އަދި ސައުތު އެފްރިކާ ހިމެނޭ ގްރޫޕް "އޭ" ގައި ދެން ވާދަކުރާނީ އެސްޓޯނިއާ، ކޮސޯވޯ އަދި އަންގީލާއެވެ.

މި މުބާރާތް ކުރިއަށްދާނީ ފެސްޓިވަލެއްގެ ސިފައިގައެވެ.

މިދިޔަ ޑިސެމްބަރު މަހު ފީފާ ކައުންސިލުން ބާއްވަން ފާސްކުރި 15 އަހަރުން ދަށުގެ މި މުބާރާތުގައި ފީފާގެ މެމްބަރުން ހުރިހާ ގައުމަކަށް ފުރުސަތު ދޭން ވަނީ ނިންމާފައެވެ. މި ފެސްޓިވަލުގައި، ދެ ޖިންސަށް، ވަކިން މުބާރާތް ބޭއްވުމަށް ފީފާ ކައުންސިލުން ވަނީ ނިންމާފައެވެ. އެހެންނަމަވެސް މި އަހަރުގެ މުބާރާތް އޮންނާނީ ހަމައެކަނި ފިރިހެން ކުދިންނަށެވެ. އަންހެން ކުދިންނަށް ޚާއްސަ މުބާރާތް އޮންނާނީ އަންނަ އަހަރުއެވެ.

ދެ ޖިންސަށް ވަކިން، އެއް އަހަރެއްގައި މުބާރާތް ބާއްވާނީ 2028 ވަނަ އަހަރުން ފެށިގެންނެވެ. އެހާ ހިސާބުން މުބާރާތް ކުރިއަށްދާނީ މެމްބަރު ގައުމުތަކަށް ދައުވަތުދޭ އުސޫލުންނެވެ.

މި މުބާރާތުގެ އެންމެ ބޮޑު މަގުސަދަކީ، ދުނިޔޭގެ ފެންވަރުގެ ބޮޑު މުބާރާތެއްގައި، ފީފާގެ މެމްބަރު ހުރިހާ ގައުމެއްގެ ޝާމިލުވުން ހިމެނޭ ގޮތަށް ކުރިއަށްގެންދިއުމެވެ.

މުބާރާތް ހޯސްޓު ކުރުމުގެ ފުރުސަތު ދޭން ނިންމާފައިވަނީ ދުނިޔޭގެ ފެންވަރުގެ ފުޓުބޯޅައިގެ ވަޞީލަތްތައް ގާއިމުކޮށްފައިވާ، ކުޑަކުދިންގެ މުބާރާތް ބޭއްވުމަށް އެންމެ ގާބިލު ގައުމުތަކަށެވެ. މި އަހަރުގެ މުބާރާތް އޮންނަ އަޒަރުބައިޖާނަކީ، އަންނަ އަހަރު ބާއްވާ ފީފާ 20 އަހަރުން ދަށުގެ ވޯލްޑް ކަޕް ހޯސްޓްކުރާ ގައުމެވެ. މިހާރުވެސް އެގައުމު އޮތީ ފީފާފެ މުބާރާތެއް ބޭއްވޭނެ ފެންވަރަށް ތައްޔާރުވެފައެވެ.

މުބާރާތުގައި ފުރަތަމަ އޮންނާނީ ކޮލިފިކޭޝަން ސްޓޭޖެވެ. 3 ދުވަހާއި ފަސް ދުވަހާ ދެމެދުގެ މުއްދަތަކަށް ކުރިއަށްދާ ކޮލިފިކޭޝަން ސްޓޭޖުގައި ފަހެއް ނޫނީ ހަ މެޗު ކުޅުމުގެ ފުރުސަތު ލިބޭނެއެވެ. އެއަށްފަހު، ދެން އޮންނާނީ ރަސްމީ މުބާރާތެވެ. މުބާރާތުގެ މެޗުތައް ގާތްގަނޑަކަށް ނުވަ ދުވަހަށް ކުރިއަށްދާއިރު އެ މުއްދަތުގެ ތެރޭގައި ފަސް މެޗު ކުޅެން ޖެހޭނެއެވެ.

ކޮލިފިކޭޝަން ސްޓޭޖުގައި، ހައެއް ނޫނީ ހަތް ޓީމު ގްރޫޕެއްގައި ހިމެނޭހެން، 32 ގްރޫޕް އޮންނާނެ ކަމަށް ބެލެވެއެވެ. އަދި، މުބާރާތުގެ ރަސްމީ މެޗުތަކުގައި 32 ޓީމު ވާދަކުރާނީ ހަތް ޑިވިޝަނެއްގައެވެ. އެއީ، ރޭންކް ކުރެވޭ ހަ ޑިވިޝަނަކާއި، ބާކީ ޓީމުތައް ހިމެނޭ އެއް ޑިވިޝަނެވެ.

މިފަހަރުގެ މުބާރާތުގައި ބައިވެރިވެވޭނީ 2011 ވަނަ އަހަރާއި 2012 ވަނަ އަހަރު އުފަންވެފައިވާ ކުދިންނަށެވެ. ކޮންމެ ޓީމެއްގައި، 14 ކުޅުންތެރިން ރަޖިސްޓްރީކުރާއިރު، ދެ ގޯލްކީޕަރުން ހިމަަނަން ޖެހޭނެއެވެ. އަދި، ޓީމު އޮފިޝަލުންގެ ގޮތުގައި، ހަ މީހުން ހިމަނަން ޖެހެއެވެ.

ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދުގެ ހުރިހާ ޤައުމަކުންވެސް މި މުބާރާތުގައި ބައިވެރިވާނެކަމަށް ބެލެވޭއިރު، ބައިވެރިނުވެވޭނީ ނޭޕާލަށް އެކަންޏެވެ. އެއީ އެ ގައުމު މިވަގުތު ސަސްޕެންޝަނެއްގައި އޮތުމުންނެވެ.