ޚަބަރު

"ގައްދޫއާ ދެކޮޅަށް ނުކުންނަން އީގަލްސް އޮތީ ތައްޔާރަށް"


  • ގައްދޫއާއި އީގަލްސްގެ މެޗު އޮންނާނީ ގައްދޫ ދަނޑުގައި

  • މިއީ ގައްދޫއިން ލީގުގައި ކުޅޭ ތިންވަނަ މެޗު

މި ސީޒަނުގެ ދިވެހި ލީގާ ކްލަބް އީގަލްސް އިން ކުރިމަތިލީ މެޗުތަކަށް ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށާއި އެހެންނަމަވެސް ގައްދޫ މެޗުވެސް އަދި އެހެން އެއްވެސް މެޗެއް ވެސް ފަސޭހަ ނުވާނެކަމަށް ކްލަބް އީގަލްސްގެ ކޯޗު އިބްރާހީމް ހަނީފް ބުނެފިއެވެ.

ލީގުގައި އާދިއްތަ ދުވަހުގެ ހަވީރު ކްލަބް އީގަލްސްއިން ގދ. ގައްދޫއަށް ނިސްބަތްވާ، ގައްދޫ ރެކްރިއޭޝަން ކުލަބާ ދެކޮޅަށް ނުކުންނާނީ ގައްދޫގެ ދަނޑުގައެވެ. މިއީ ލީގުގައި މި ސީޒަނުގައި އީގަލްސްގެ ދެވަނަ މެޗަށްވާއިރު މިއީ ގައްދޫ ކުލަބުގެ ތިންވަނަ މެޗެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ހަނީފް ވަނީ، މި ސީޒަނާ ކްލަބް އީގަލްސްއިން ކުރިމަތިލާފައިވާ ސްކޮޑަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ހާލުގައިކަން ފާހަގަކޮށްފައެވެ. އެގޮތުން ޓީމުގައި މިދިޔަ ސީޒަނުގައި ޓީމުގައި ހިމެނުނު މުހިންމު ބައެއް ކުޅުންތެރިން މި ސީޒަނުގައި ޓީމުގައި ނުހިމެނޭކަން އޭނާ ފާހަގަކުރިއެވެ.

ކަން މިހެން އޮތްނަމަވެސް މެޗުތަކާ އީގަލްސްއިން ކުރިމަތިލާނީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެން އޮވެ ކަމަށާއި ގައްދޫއާ ދެކޮޅަށް ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމަށް ގަބޫލުކުރާ ކަމަށެވެ.

"އީގަލްސް ވަރަށް ބޮޑު ބަދަލަކާ އެއްކޮށް، މިދިޔަ އަހަރު ތިބި ކުޅުންތެރިންގެ ތެރެއިން ވަރަށް ބައިވަރު ކުޅުންތެރިން އީގަލްސް ދޫކޮށް ގޮއްސަ، ވަރަށް ގިނަ ޗޭންޖަސްތަކަކާ އެއްކޮށް އީގަލްސް މި ނުކުންނަނީ. އެހެންވީމަ މެޗުތަކަށް އަޅުގަނޑުމެން ވަރަށް ފުރިހަމައަށް މިއޮތީ ތައްޔާރުވެފައި. އަޅުގަނޑުމެންގެ ދެވަނަ މެޗު، ގައްދޫގެ ތިންވަނަ މެޗު. ދެން އަޅުގަނޑު އުއްމީދުކުރަނީ އަޅުގަނޑުމެންނަށް ހަމަ ރަނގަޅު ރިޒަލްޓެއް މި މެޗުން ނެރެވޭނެކަމަށް". ހަނީފް ބުންޏެވެ.

ހަނީފް އިތުރަށް ބުނީ، ގައްދޫ އަކީ ފާއިތުވީ ސީޒަންގައި ކޮލިފައިންގައި ކުޅެ މި ސީޒަނުގެ ފުރަތަމަ ޑިވިޝަނުގެ ޖާގައެއް ހޯދި ޓީމަކަށްވީ ނަމަވެސް، މި މެޗުވެސް އަދި ލީގުގެ އެއްވެސް މެޗެއް ވެސް ފަސޭހަ ނުވާނެ ކަމަށެވެ.

"މީގަ ކޮލިފިކޭޝަން ޓީމެކޭ ކިޔާފަ މިހާރު ލީގަށް ބަލާލީމަ އެއްވެސް ގޮތަކަށް އެހެންނެއް ވަކި ފަސޭހައެއް ނޫން. ގައްދޫއިން ކުރީ ދެމެޗުގައި އެ ދެއްކި ޕާފޯމަންސަށް ބަލާލާއިރުވެސް އިނގޭނެ ހަމަ ލީގުގައި ކޮންމެ ބަޔަކު ވެސް ހަމަ ސަޕްރައިޒިން ނަތީޖާއެއް ނެރެފާނެކަން ހަމަ. އެހެންވީމަ އެކަމަށް ވަރަށް ރަނގަޅަށް ތައްޔާރުވެގެން އަޅުގަނޑުމެން މި ތިބީ". ގައްދޫއާ ދެކޮޅަށް ކުޅޭ މެޗާ ގުޅޭ ގޮތުން ވާހަކަދައްކަމުން ހަނީފް ބުންޏެވެ.

މެޗު ކުޅެނީ ގައްދޫގައިކަން ފާހަގަކޮށް ހަނީފް ބުނީ، ހޯމް އެޑްވާންޓޭޖް ގައްދޫއަށް އޮތްކަމަށް ގަބޫލުކުރާ ކަމަށާއި އެހެންނަމަވެސް ފުޓުބޯޅައަކީ ދަނޑަށް އަރާތިބޭ ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ކުޅެވޭ ކުޅިވަރަކަށް ވުމުން، ގައްދޫއަށް އޮތް ހޯމް އެޑްވާންޓޭޖަކީ އީގަލްސްއަށް އޮތް ޑިސްއެޑްވާންޓޭޖެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ.

ދިވެހި ލީގުގައި އާދިއްތަ ދުވަހު ހަވީރު ގައްދޫއާ ދެކޮޅަށް އީގަލްސް ނުކުންނައިރު މި ސީޒަނުގެ ލީގުގައި އީގަލްސްގެ ފުރަތަމަ މެޗުގައި ވެސް ކުޅެން ޖެހުނީ މިދިޔަ ސީޒަނުގެ ކޮލިފައިންގައި ނަތީޖާ ނެރެގެން އަލަށް ދިވެހި ލީގުގެ ޖާގައެއް ހޯދި ބިސްބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އެ މެޗުން އީގަލްސް މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.

އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ގައްދޫއިން މިހާތަނަށް ދެ މެޗު ލީގުގައި ކުޅެފައިވާއިރު އެ ދެމެޗުން ވެސް ގައްދޫ ވަނީ ބަލިވެފައެވެ. ފުރަތަމަ މެޗުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނުއިރު އެމެޗުން ގައްދޫ ބަލިވީ 0-2 އިންނެވެ. ދެވަނަ މެޗުގައި ޓީސީއާ ދެކޮޅަށް ކުޅެ ގައްދޫ ބަލިވީ 2-4 އިންނެވެ.

މިއީ އަމިއްލަ ރަށުގައި، ޖެހިޖެހިގެން ގައްދޫ ރެކްރިއޭޝަން ކުލަބުން ކުޅޭ ތިންވަނަ މެޗެވެ.