ޖަޕާނުގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގައި ގައުމީ ޝޫޓިން ޓީމުގެ އައިޝަތު އީޝާ ޝަހީދު 10މީޓަރު އެއާ ރައިފަލް އިވެންޓުގެ ގައުމީ ރެކޯޑް އައުކޮށްފިއެވެ.
މި ރެކޯޑް މީގެ ކުރިންވެސް އޮތީ އީޝާއަތުގައެވެ. އެކަމަކު، މިއަދު ކުރިއަށްދިޔަ އެއާ ރައިފަލް ކޮލިފިކޭޝަނުގައި އީޝާއަށްވުރެ ކުރިން ވާދަކުރި އައިޝަތު އީން އަސްލަމް ވަނީ މިދިޔަ އަހަރު އީޝާ ހެދި ގައުމީ ރެކޯޑް މުގުރާލައިފައެވެ.
އީޝާ މިދިޔަ އަހަރު 10 މީޓަރު އެއާ ރައިފަލް ރެކޯޑް ހެދީ 609.6 ސްކޯކޮށްގެންނެވެ. އެކަމަކު މިއަދު ކުރިއަށްދިޔަ އިވެންޓުގައި އީޝާގެ ރެކޯޑް އީން މުގުރާލީ 609.9 ސްކޯކޮށްގެންނެވެ.
އީން ގައުމީ ރެކޯޑް ހެދިތާ މާގިނައިރުތަލެއް ނުވަނީސް އީޝާ ވަނީ އޭނާ ބައިވެރިވި ރިލޭގައި އަލުން ގައުމީ ރެކޯޑް އާކޮށްފައެވެ. މިފަހަރު އީޝާ ގައުމީ ރެކޯޑް އާކުރީ 624.1 ސްކޯކޮށްގެންނެވެ.
މީގެ ކުރިން "ޕީއެސްއެމް ނިއުސް"އަށް ދިން އިންޓަވިއުގައި އީޝާ ވަނީ އޭޝިއަން ގޭމްސްއަށް މިއަހަރު ދާއިރު، އޭނާގެ އަމާޒަކީ މުގުރާލަން އުނދަގޫ ގައުމީ ރެކޯޑެއް ހެދުން ކަމަށް ބުނެފައެވެ.
މި މުބާރާތުގައި ހޯމަ ދުވަހު ވެސް ޝޫޓިންގެ އިވެންޓްތައް ކުރިއަށް ދާނެއެވެ. އެގޮތުން 10 މީޓަރު އެއާ ރައިފަލްގެ ފިރިހެން އިވެންޓްތައް މާދަމާއަށް ތާވަލުކުރެވިފައިވާއިރު، ރިލޭ އެކެއްގައި ރާއްޖޭގެ ތިން އެތުލީޓުން ވާދަކުރާނެއެވެ. އެއީ އަހްމަދު މާއިދު މުހައްމަދު، އުމަރު މުހައްމަދު ނަޝީދު އަދި އިބްރާހީމް ޝިފާންއެވެ.