ޚަބަރު

"ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން"ގެ ފަހު ދެލިކޮޕީ އެކުލަވާލާ ފަންނީ ލަފާ ހޯދަނީ


  • ކަމާގުޅޭ ދައިރާގެ ހުރިހާ ފަރާތްތަކުގެ ޚިޔާލު ހޯދާނެ

  • މިއީ ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނުގެ ދަށުން އެކުލަވާލާ ޕްލޭނެއް

ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ޤައުމީ އިސްތިރާޖު އެކުލެވޭ "ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން" ގެ ފަހު ދެލިކޮޕީ އެކުލަވާލައި، އެއަށް ފަންނީ ލަފާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. "ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީ"ގެ މިއަހަރު 3ވަނަ ބައްދަލުވުން ވަނީ ބާއްވާފައެވެ.

ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނުގެ ދަށުން ޤައުމީ ފެންވަރުގައި އެކުލަވާލަންޖެހޭ މި ޕްލޭނަކީ ރާއްޖެއަށް ދިމާވާ ޤުދުރަތީ އަދި އެހެނިހެން އެކި ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، ކާރިސާތަކުން އަރައިގަތުމަށް ޤައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ހަރުދަނާ ނިޒާމެއްގެ ތެރެއިން އެކަންކަން ކުރިއަށް ގެންދިއުމަށް އެކުލަވާލާ ޕްލޭނެކެވެ.

އެގޮތުން "ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން" ގެ ފަހު ދެލިކޮޕީ އެކުލަވާލާ ނިމި، އެއަށް ފަންނީ ލަފާ ހޯދުމަށްޓަކައި ކަމާގުޅޭ ފަރާތްތައް ހިމެނޭހެން ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީގެ ބައްދަލުވުމަށް މިއަދު މިވަނީ ހުށަހަޅާފައެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މި ކޮމިޓީގައި ހިމެނޭ ކަމާގުޅުންހުރި މުއައްސަސާތަކުގެ އިސްވެރިންނާއި ފަންނީ މާހިރުންގެ ބައިވެރިވުމާއެކުގައެވެ.

ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނުގެ ދަށުން ޤައުމީ ފެންވަރުގައި އެކުލަވާލަންޖެހޭ މި ޕްލޭންގެ ފަހު ދެލިކޮޕީ ނިމިފައިވާއިރު، މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލަށް މި ޕްލޭން ހުށަހެޅުމުގެ ކުރިން، ކޮމިޓީގެ މެންބަރުންގެ ޚިޔާލާއި ފަންނީ މަޝްވަރާ ހޯދައި، ޕްލޭން އިތުރަށް ތަރައްޤީކޮށް ފުރިހަމަކުރުންކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓިން ވިދާޅުވެއެވެ.

ކާރިސާތަކަށް ތައްޔާރުވުމުގެ ހަރުދަނާ ޕްލޭންތަކެއް އެކަށައެޅުމުގެ މަސައްކަތް އެންޑީއެމްއޭއިން ދަނީ ކުރަމުންނެވެ. އެގޮތުން ކުއްލި ހާލަތުގައި ރަށްރަށުގައި ރަށު ފެންވަރުގައި ޢަމަލުކުރާނެގޮތުގެ ޕްލޭންތައް އެކުލަވާލާ އިސް ސަފުގައި މަސައްކަތްކުރާނެ ޓީމްތައް ހެދުމުގެ މަސައްކަތްވެސް ދަނީ ކުރިއަށްގެންދަމުންނެވެ.

މިއީ އެކަމަށް ބޭނުންވާ ޚާއްސަ ތަމްރީންތަކާއެކު އެކުލަވާ އެމަޖެންސީ ރެސްޕޮންސް ޓީމްތަކެކެވެ. މިއީ ކާރިސާތަކަށް ތައްޔާރުވެ، ހޭލުންތެރި މަޖުތަމަޢެއް ބިނާކުރުމަށް ރަށު ފެންވަރުގައި އެންޑީއެމްއޭ އިން ކުރިއަށް ގެންދާ ކޮމިއުނިޓީ ރެސިލިއަންސް ބިލްޑިންގ ޕްރޮގްރާމުގައި ހިމެނޭ މުހިއްމު ތަމްރީނެކެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން" ކުއްލި ހާލަތުގައި ވަކިވަކި އިދާރާތަކާއި ފަރާތްތަކުގެ ދަޢުރު ތަފްސީލްކޮށް ބަޔާންވެގެންދާނެއެވެ. އަދި އެފަދަ ޙާލަތެއް ކުރިމާ ވަގުތު، އެކަމަށް ބޭނުންވާ އެހީތެރިކަން ދިނުމާއި ދާންވީ މިސްރާބު ފުރިހަމައަށް އިންގިގެންދާނެއެވެ.