އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އދގެ އާންމު މަޖިލީހުގައި ކުރެއްވި ތަޤުރީރުގައި އެމެރިކާއާއި ޔަހޫދީން އީރާނާ ދެކޮޅަށް ކުރަމުުންދާ ހަނގުރާމަ ދިފާއުކުރައްވައިފިއެވެ.
އދގެ ދެއްވެވި 37 މިނެޓުގެ ތަޤުރީރުގައި ޓްރަމްޕް ވިދާޅުވީ އީރާނާއެކު ޞުލްޙައިގެ އެއްބަސްވުމަކާ ހަމައަށް ނާދެވޭ ނަމަ އެމެރިކާއިން އެ ޤައުމު ނައްތާލައި ފަނާކޮށްލާނެ ކަމަށެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ މެދު ދައުރުގެ އިންތިޚާބަށް ފަހު އެއްބަސްވުމަކާ ހަމައަށް އާދެވޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވީ އީރާނަށް ނިއުކްލިޔަރ ހަތިޔާރެއް ލިބުން ހުއްޓުވީ އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ކަމަށެވެ. އޭނާ ވަނީ އީރާނުން ހުރްމުޒް ކަނޑުއޮޅި ހުޅުވާލައި މަޝްވަރާގެ މޭޒުގެ ދޮށަށް އައުމަށް އެ ޤައުމަށް ގޮވާލައްވައިފައެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ދެ ޤައުމުގެ ލީޑަރުންނާއެކު އެމެރިކާއިން ގާތުން މަސައްކަތް ކުރަމުންދާ ކަމަށެވެ. މައްސަލައަށް ޙައްލެއް ލިބޭނެ ކަމުގެ ޔަޤީންކަން އޮތް ކަމަށާއި، ހީކުރެވިފައިވާ ވަރަށް ވުރެ އަވަހަށް އެ މަޤުޞަދު ހާޞިލް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)އާ ގުޅޭ ގޮތުން ވާހަކަ ދައްވަމުން ޓްރަމްޕް ވިދާޅުވީ އޭއައި އަކީ މަސްނޫއީ ތޫނުފިލިކަމުގެ ގޮތުގައި ސިފަ ކުރެއްވުމުގެ ބަދަލުގައި އޭނާ އޭއައި ސިފަކުރައްވާނީ އާދަޔާ ޚިލާފު ތޫނުފިލިކަމުގެ ގޮތުގައި ކަމަށެވެ. އޭއައިއާ ގުޅޭ ގޮތުން ދެމުންދާ ރައްކާތެރިކަމުގެ އިންޒާރުތަކަކީ އޭގައި އޮއްޓަރެއް ހުރި އިންޒާރުތަކެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭއައިގެ ދާއިރާއިން އެމެރިކާއިން ޗައިނާގެ މައްޗަށް ކުރި ހޯދާފައިވާ ކަމަށާއި، އޭއައި ތަރައްޤީކުރުމަށް އޭނާ ހުރަސް ނާޅުއްވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕްގެ ތަޤްރީރުގައި ވެނެޒުއެލާއަށް ވެސް އަލިއަޅުވާލައްވާފައިވެއެވެ. އޭނާ ވިދާޅުވީ އެމެރިކާއިން ވެނެޒުއެލާއާ ގުޅޭ ގޮތުން ޢަމަލުކޮށްފައިވާ ގޮތަކީ ކާމިޔާބީއެއް ކަމަށާއި އެހެން ޤައުމުތަކަށް ދިން އިންޒާރެއް ކަމަށެވެ. ހުޅަނގު ހެމިސްފިޔަރގައި ހުރި އެމެރިކާގެ މަސްލަހަތުތައް ރައްކާތެރި ކުރުމަށް ބޭނުން ޖެހިއްޖެ ހިނދެއްގައި އެމެރިކާއިން އަސްކަރީ ބާރުގެ ބޭނުން ކުރާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ. އަދި ކިއުބާއަކީ ފޭލުވެފައިވާ ދައުލަތެއް ކަމަށައި، އެ ޤައުމަށް މިނިވަންކަން ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޓްރަމްޕް ވަނީ ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓު، އައިސީސީއަށް ވެސް ފާޑުވިދާޅުވެފައެވެ. އދގެ މެންބަރު ޤައުމުތަކުން އައިސީސީއިން ވަކިކުމަށް އޭނާ ވަނީ ގޮވާލައްވައިފައެވެ. އޭގެ އިތުރުން އދއަށް ވެސް ޓްރަމްޕް ފާޑުކިޔުއްވާފައިވެއެވެ. އަދި ޑްރަގް ކާޓެލްތަކާ ދެކޮޅަށް އެމެރިކާގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ވެސް އޭނާ ދިފާޢުކުރެއްވިއެވެ. އެ ފަދަ ކާޓެލްތަކަކީ އައިސިސް ފަދަ ނިރުބަވެރި ޖަމާޢަތްތަކެއް ގޮތަށް ސިފަ ކުރައްވައި ޓްރަމްޕް ވިދާޅުވީ ކާޓެލްތަކަށް ނިސްބަތްވާ މީހުންނަކީ މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލެވޭނެ ބައެއް ނޫން ކަމަށެވެ. އެ ފަދަ މީހުން ޖެހޭނީ މަރައިލަން، ނުވަތަ އަރުވައިލަަން ނުވަތަ މަޢާފު ނުލިބޭ ގޮތަށް ބަންދުކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.