ޚަބަރު

ޕޯޗުގަލް އަށް ވޭލްސް އަތުން އުނދަގޫ މޮޅެއް


  • ޕޯޗުގަލް މިމެޗު ކާމިޔާބު ކޮށްފައިވަނީ އެއް ލަނޑު ސުން ލަނޑުން

ޔުއޭފާ ނޭޝަންސް ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލްއިން އުނދަގޫ މެޗަކަށްފަހު ވޭލްސް ބަލިކޮށްފިއެވެ.

ޕޯޗުގަލްގެ ލިޒްބަންގެ އެސްޓާޑިއޯ ހޯސޭ އަލްވަލާޑޭގައި ކުޅުނު ލީގު އޭގެ ގްރޫޕް ހަތަރެއްގެ މިމެޗު ޕޯޗުގަލްއިން ކާމިޔާބު ކޮށްފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޕޯޗުގަލްއިންނެވެ. މިގޮތުން މިމެޗުގައި ޕޯޗުގަލްއިން 23 ހަމަލާ އުފައްދާފައިވެއެވެ.

މިމެޗު ފެށުމުގެ ކުރިން ހުރިޙާ ސަމާލުކަމެއް ހުއްޓިފައިއޮތީ އުމުރުން 41 އަހަރުގެ ތަޖްރިބާކާރު ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ޤައުމީ ޓީމަށް އިތުރު ކާމިޔާބީ ހޯދަދޭން ދެމިހުއްޓާނެކަން ހާމަކުރި ހަބަރަށެވެ. ޕޯޗުގަލްގެ އާ ކޯޗު ހޯގޭ ހޭސުސްގެ ކޯޗު ކަމުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ޕޯޗުގަލްއިން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އެހަމަލާތައް ނިންމާލުމުގައި މާބޮޑު ކުރިއެރުންތަކެއް ލިބެމުން ދިޔަ ތަނެއް ނުފެނުނެވެ. މިމެޗުގައި ޕޯޗުގަލް އިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 22 ވަނަ މިނެޓުގައި ޖަހައިދިނީ ޖާއޮ ފީލިކްސްއެވެ. ނޫނޯ މެންޑޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބު ކުރި ލަނޑު ވެގެންދިޔައީ މިމެޗުގައި ޕޯޗުގަލްއިން ވޭލްސްގެ ގޯލަށް އަމާޒުކޮށް ފޮނުވާލި 5 ހަމަލާތަކުގެ ތެރެއިން އެއް ހަމަލާ އަށެވެ. މިމެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ރޮނާލްޑޯއަށް އެޓީމުގެ ލީޑު ފުޅާކުރާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެގެންދިޔައިރު އޭނާ ދެވަނަ ހާފުގައި ކާމިޔާބު ކުރި ލަނޑެއް ވަނީ ވީއޭއާރުން ބެލުމަށްފަހު އޮސް ސައިޑް ކަމަށް ދައްކާފައެވެ. އެހެން ކަމުން މިމެޗު ވެގެންދިޔައީ ރޮނާލްޑޯއަށް އެންމެ ކާމިޔާބު މެޗަކަށް ނޫނެވެ. ރޮނާލްޑޯގެ އިތުރުން ރުބެން ނެވޭސް އަދި ރުބެން ޑިއާޒްއަށް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބި ކާމިޔާބު ނުކުރެވި ދިޔަ ތަން ފެނިގެންދިޔައެވެ.

މިމެޗުގައި ވޭލްސްއަށް ލިބިގެންދިޔަ އެންމެ ރަނގަޅު ފުރުސަތު ލިބިގެން ގޮސްފައިވަނީ ފޯވަޑް ލުވިސް ކޫމާސް އަށެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާވަނީ ޑިއާޒް ދިފާއު ކޮށްފައެވެ. ލީގު ބީއިން މިދިޔަ ސީޒަންގައި ލީގު އޭއަށް ޕްރޮމޯޓްވި ވޭލްސްއަށް މިމެޗުގައި ބޮޑަށް ޖެހުނީ ދިފާއަށް އިސްކަން ދޭށެވެ. މިގްރޫޕްގައި ދެން ހިމެނޭ ދެޓީމު ކަމަށްވާ ނޯވޭ އާއި ޑެންމާކްގެ ކުރިމަތިލުން 3 ލަނޑު 2 ލަނޑުން ކާމިޔާބު ކޮށްފައިވަނީ ނޯވޭއެވެ.

މިމުބާރާތުގައި ކުޅުނު ބައެއް އެހެން މެޗުތަކަށް ބަލާލާއިރު ލީގު އޭގެ ގްރޫޕް ދޭއްްގައި ގްރީސްއާއި ސަރބިއާ ބައްދަލުކުރި މެޗު ރަށުން ބޭރުގައި 2 ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ ގްރީސް އެވެ. ލީގު ބީގެ ގްރޫޕް ތިނެއްގައި ކޮސޯވޯ އާއި ރިޕަބްލިކް އޮފް އަޔަލަންޑް ބައްދަލުކުރި މެޗު އަމިއްލަ ދަނޑުގައި އެއް ލަނޑު ސުން ލަނޑުން ކޮސޯވޯ ކާމިޔާބު ކުރިއިރު އޮސްޓްރިއާ އާއި އިސްރާއީލް ބައްދަލުކުރި މެޗު 3 ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ އޮސްޓްރިއާއެވެ. މީގެއިތުރުން ލީގު ޑީގެ ގްރޫޕް އެކެއްގައި މޯލްޓާ އާއި އެންޑޯރާ ބައްދަލުކުރި މެޗު ރަށުން ބޭރުގައި 2 ލަނޑު އެއް ލަނޑުން މޯލްޓާ ކާމިޔާބު ކުރިއިރު ގްރޫޕް ދެއެއްގައި ލިތުއޭނިއާ އާއި ލިޝްޓެންސްޓައިން ބައްދަލުކުރި މެޗު ރަށުން ބޭރުގައި 2 ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ލިތުއޭނިއާއެވެ.