ޚަބަރު

ނަތަންޔާހޫ ޕޯޑިއަމަށް އެރުމާއެކު މާލަން ދޫކޮށް މަންދޫބުން ބޭރަށް!


އެކުވެރި ދައުލަތްތަކުގެ (އދ) ޢާންމު މަޖިލީހުގެ 81 ވަނަ ބައްދަލުވުމުގައި ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަޤުރީރު ކުރަން ފެށުމުން، އިހުތިޖާޖު ކުރުމުގެ ގޮތުން ގިނަ ޢަދަދެއްގެ މަންދޫބުން މާލަން ދޫކުރައްވައި ވަޑައިގަންނަވައިފިއެވެ. މިއާއެކު މާލަމުގެ ގިނަ ގޮނޑިތަކެއް ހުސްވި ނަމަވެސް، ބައިނަލްއަޤުވާމީ ފާޑުކިޔުންތަކާ އެކުވެސް ނަތަންޔާހޫ ވަނީ ޣައްޒާއަށާއި ސަރަޙައްދީ މުސްލިމް ޤައުމުތަކަށް ޔަހޫދީން ދޭ އަސްކަރީ ހަމަލާތައް ދިފާޢު ކޮށްފައެވެ. އަދި، ޣައްޒާ ޤަތުލުޢާންމު ވެސް ދިފާޢުކޮށްފައެވެ. ޢާންމު މަޖިލީހުގައި ނަތަންޔާހޫ ތަޤުރީރު ކުރަމުންދިޔަ ވަގުތު، ފަލަސްޠީނުގެ ޙައްޤުތަކަށް ވާކާލާތުކުރުމަށް އެތައް ހާސް ބަޔަނު ވަނީ އދގެ މައި އިދާރާ ކައިރިއަށް ޖަމާވެ، ނަތަންޔާހޫއާ ދެކޮޅަށް އަޑުއުފުލާފައެވެ.

ނަތަންޔާހޫގެ ތަޤުރީރުގެ ކުރިން ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ވަނީ ވީޑިއޯ މެދުވެރިކޮށް އދގެ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރައްވާފައެވެ. ޢައްބާސް ވިދާޅުވީ، ޔަހޫދީންގެ ޖަރީމާތަކުގެ ސަބަބުން ފަލަސްޠީނު ރައްޔިތުންގެ ދެމިއޮތުމަށް ނުރައްކާވެ، ދެ ދައުލަތުގެ ޙައްލު ގެއްލިފައިވާ ކަމުގައެވެ. އަދި، ޣައްޒާގައި ޝަހީދުކުރުމާއި، ބަނޑުހައިހޫނުކަމާއި، ގަދަބާރުން ގެދޮރުން ބޭރުކުރުމުގެ އިތުރުން ނަސްލުހޭދުގެ ޖަރީމާއަކާ ކުރިމަތިލަމުންދާއިރު، ހުޅަނގު އައްސޭރީގައި ވަޒަންވެރިކުރުވުން އަވަސްކުރަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން، "ބޮޑު ޔަހޫދީ" ދައުލަތެއް ހެދުމަށް ޔަހޫދީ ހަރުކަށި ފަރާތްތަކުން މަސައްކަތްކުރާ ކަމުގެ އިންޒާރު ވެސް ޢައްބާސް ދެއްވިއެވެ.

ދެ ދައުލަތުގެ ޙައްލު ދެމެހެއްޓުމަށް ގޮވާލައްވަމުން، އަސްކަރީ އިސްތިޢުމާރާއި ވަޒަންވެރިންގެ ނިރުބަވެރިކަމުން އެ ކަން ޙާޞިލުނުވާނެ ކަމުގައި ޢައްބާސް ވިދާޅުވިއެވެ. ފަލަސްޠީނުގެ ވަފުދަށް ވިސާ ދިނުމަށް ޖެހިޖެހިގެން ދެވަނަ އަހަރަށް އެމެރިކާއިން ދެކޮޅުހެދުމުން ޢައްބާސް ވަނީ އެ ކަމަށް ވެސް ފާޑުވިދާޅުވެފައެވެ. އަދި، މި ފަދަ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށާއި ފަލަސްޠީނުގެ ބިންތައް ފޭރިގަތުން ހުއްޓުވުމުގެ ވަޢުދު ފުއްދުމަށް އެމެރިކާއަށް ގޮވާލައްވާފައެވެ. މީގެ އިތުރުން، އިސްރާއީލުގެ ވަޒަންވެރިން އުފައްދާ އުފެއްދުންތައް އެތެރެކުރުން މަނާކޮށްފައިވާ ޤައުމުތަކަށް ޝުކުރު އަދާކުރައްވައި، ޢައްބާސް ވަނީ ފަލަސްޠީނުގެ ރައްޔިތުން އެ މީހުންގެ ވަޒަނުން ބޭރުނުކުރެވޭނެ ކަމަށާއި، ފަލަސްޠީނު ރައްޔިތުންގެ މުސްތަޤުބަލު ކަނޑައެޅުމުގެ ފުރުޞަތު ބޭރުގެ ބަޔަކަށް ނުދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.