ލަންޑަންގެ އޯޓޫ އެރީނާގައި ރޭ ފެށި ލެވަރ ކަޕް ޓެނިސް މުބާރާތުގެ ފުރަތަމަ ދުވަހުގެ ކުޅުން ނިމުނުއިރު ޓީމް ޔޫރަޕް އިން އެންމެ ފަހުގެ ޗެމްޕިއަން ޓީމް ވޯލްޑްގެ މައްޗަށް ތިން ޕޮއިންޓް އެއް ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
މިފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ޓީމް ޔޫރަޕް ތަމްސީލް ކުރި ނޯވޭގެ ކެސްޕަރ ރޫޑް ވަނީ ޓީމް ވޯލްޑްގެ އާޖެންޓީނާގެ ކުޅުންތެރިޔާ ފްރެންސިސްކޯ ސެރުންޑޯލޯ އާއި ބައްދަލުކުރި މެޗު އެއް ސެޓު އެއް ސެޓުން ދެކުޅުންތެރިން އެއްވަރުވުމުން ބެސްޓް އޮފް ޓެން ޓައި ބްރޭކަށް ގޮސް މެޗު ކާމިޔާބު ކޮށްފައެވެ. މިމެޗުގެ ފުރަތަމަ ސެޓު ސެރުންޑޯލޯ ހައެއް ހަތަކުން ކާމިޔާބު ކޮށް ޓީމް ވޯލްޑްގެ ފެށުން ރަނގަޅު ކުރި ނަމަވެސް ރޫޑްވަނީ ޖެހިގެން އައި ސެޓު ހައެއް ހަތަރަކުން ކާމިޔާބު ކޮށް ޓައި ބްރޭކަށް މިމެޗު ގެންގޮސްފައެވެ. އަދި ބެސްޓް އޮފް ޓެން ޓައި ބްރޭކްގައި ރުޑް ކުރި ހޯދީ ދިހައެއް ހަށަކުންނެވެ.
މިދެޓީމުގެ މެދުގައި ކުޅުނު ދެވަނަ މެޗުގައި އެމެރިކާގެ ބްރެންޑަން ނަކަޝީމާވަނީ ޗެކިއާގެ ޔާކޫބް މެންސިކް އާއި ބައްދަލުކުރި މެޗު އެއް ސެޓު އެއް ސެޓުން ދެ ކުޅުން ތެރިން އެއްވަރު ވުމުން ކުޅުނު ބެސްޓް އޮފް ޓެން ޓައި ބްރޭކް ކާމިޔާބު ކޮށް އެއް ޕޮއިންޓް އެއް ޕޮއިންޓުން ދެޓީމު އެއްވަރު ކޮށްދީފައެވެ. މިމެޗުގެ ފުރަތަމަ ސެޓު ހައެއް އެކަކުން ނަކަޝީމާ ކާމިޔާބު ކުރިއިރު ދެވަނަ ސެޓު މެންސިކް ކާމިޔާބު ކޮށްފައިވަނީ ތިނެއް ހަޔަކުންނެވެ. އަދި ބެސްޓް އޮފް ޓެން ޓައި ބްރޭކް ނަކަޝީމާ ކާމިޔާބު ކޮށްފައިވަނީ ދިހައެއް ހަތަކުންނެވެ.
ފުރަތަމަ ދުވަހުގެ ތިން ވަނަ މެޗުގައި ޓީމް ޔޫރަޕްގެ ސްޕެއިން ކުޅުންތެރިޔާ ރަފައެލް ހޯޑާ އާއި ޓީމް ވޯލްޑްގެ އެލެގްޒެންޑަރ ބުބްލިކް ބައްދަލުކުރި މެޗު ސީދާ ދެސެޓުން ކާމިޔާބު ކޮށްފައިވަނީ ހޯޑާއެވެ. މިއީ އޭނާ ލެވަރ ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. މިމެޗުގެ ދެސެޓު އޭނާ ކާމިޔާބު ކޮށްފައިވަނީ ފަސޭހަ ކަމާއެކު ހައެއް ދެއެއް އަދި ހައެއް ތިނަކުންނެވެ. މިމެޗު ބަލާލުމަށް ކުރީގެ ތަޖްރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ ރޮޖަރ ފެޑެރަރ އާއި ޖޯން މެކްއެންރޯ ތިބުމުން މެޗަށްފަހު ހޯޑާވަނީ މިމުބާރާތުގައި އޭނާ ވާދަކުރި ފުރަތަމަ މެޗު އެދެ ކުޅުންތެރިން ކުރިމަތީ ކުޅުމުގެ ފުރުސަތު ލިބުމުން އުފާކުރާކަން ހާމަކޮށްފައެވެ.
އަދި ރޭ ކުޅުނު ޑަބަލްސް މެޗުގައި ޓީމް ޔޫރަޕް ތަމްސީލް ކުރި ސްޕެއިންގެ ކާލޯސް އަލްކަރާޒް އާއި މެންސިކްވަނީ ޓީމް ވޯލްޑްގެ ބުބްލިކާއި ޓޭލަރ ފްރިޓްޒްގެ މައްޗަށް ސީދާ ދެސެޓުން ކާމިޔާބު ޯދައިފައެވެ. މިއީ ދުނިޔޭގައި ތިންވަނައަށް ރޭންކް ކުރެވިފައިވާ އަލްކަރާޒް އަނިޔާއިން އެނބުރި އައިސް ކުޅޭ ދެވަނަ މުބާރާތެވެ. މިމެޗުގެ ދެސެޓު ޓީމް ޔޫރަޕުން ކާމިޔާބު ކޮށްފައިވަނީ ހައެއް ހަތަރެއް އަދި ހައެއް ހަތަރަކުންނެވެ.
ތިން ދުވަހަށް ދެމިގެންދާ ލެވަރ ކަޕް ރޭވިފައިވަނީ އެންމެ އަވަހަށް 13 ޕޮއިންޓް ހޯދާ ޓީމަކަށް މުބާރާތްގެ ޗެމްޕިއަންކަން ލިބޭ ގޮތަށެވެ. އަދި ފުރަތަމަ ދުވަހުގެ ކޮންމެ މެޗެއް ކާމިޔާބު ކުރުމުން އެއް ޕޮއިންޓް ލިބޭއިރު ދެވަނަ ދުވަހުގެ މެޗެއް ކާމިޔާބު ކުރުމުން 2 ޕޮއިންޓް ލިބިގެންދާނެއެވެ. އަދި ތިންވަނަ ދުވަހުގެ މެޗެއް ކާމިޔާބު ކޮށްފި ނަމަ ތިން ޕޮއިންޓް ލިބޭނެއެވެ.