އޭޝިއަން ގޭމްސް އައިޗީ-ނަގޯޔާ 2026ގައި ދިވެހި ސާފިންގް ޓީމުގެ ޔަސިން ހީޓުގެ ދެވަނަ ހޯދައިފިއެވެ.
އައިޗީ ޓަހާރާ ލޯންގް ބީޗްގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ ސާފިންގް އިވެންޓްތަކުގައި ދިވެހި ޓީމުގެ ހުރިހާ ބައިވެރިންވެސް ހުކުރު ދުވަހު ވަނީ ރާޅާއަޅާފައެވެ.
އެގޮތުން ފިރިހެނުންގެ ޝޯޓްބޯޑް ފުރަތަމަ ބުރުގެ ހީޓް 1 ގައި ވާދަކޮށް ރާއްޖޭގެ ޒުވާން ރާޅާއެޅުންތެރިޔާ ޔަސިން އަޙްމަދު ނާޝިދު ވަނީ 8.50 ޕޮއިންޓް ޓާއެކު ހީޓުގެ 2 ވަނަ ހޯދާފައެވެ. މި ހީޓުގައި ދެން ވާދަކުރީ ޗައިނާގެ ރާޅާއެޅުންތެރިއަކާއި ތައިލޭންޑުގެ ރާޅާއެޅުންތެރިއެކެވެ.
މީގެ އިތުރުން މި ރައުންޑްގެ ހީޓު 6 ގައި ދިވެހި ޓީމުގެ ކަޔާން އަބްދުﷲ އަރީފް ވަނީ 5.43 ޕޮއިންޓް ހޯދާފައެވެ. މިހީޓުގައި ކަޔާންއާ ވާދަކުރި، ޖަޕާނުގެ ދެ ރާޅާއެޅުންތެރިންނަކީ މުޅި މި ގޭމްސްގައި ވެސް ވާދަކުރާ އެންމެ މޮޅު ދެ ރާޅާއެޅުންތެރިންނެވެ. މިއީ ވޯލްޑް ސާފިންގް ލީގްގެ ޗެމްޕިއަންސް ޓުއާގައި ވާދަކުރާ ދެ ރާޅާއެޅުންތެރިންނެވެ.
އަންހެނުންގެ ޝޯޓްބޯޑް ފުރަތަމަ ބުރުގެ ހީޓް 4 ގައި ވާދަކޮށް އައިމިނަތު ތާނީސް ޝިރަން 1.43ޕޮއިންޓް ހޯދާފައި ވާއިރު، މި ބުރުގެ ހީޓު 6 ގައި ވާދަކޮށް މަރިޔަމް ރާހިލް ނަސީމް ވަނީ 1.33ޕޮއިންޓް ހޯދާފައެވެ.
އޭޝިއަން ގޭމްސްގެ ސާފިންގް އިވެންޓްތަކުގެ ތެރެއިން ޝޯޓްބޯޑްގެ ދެވަނަ ބުރުގައި މިއަދު ދިވެހި ޓީމުން ވާދަކުރުމަށް ވަނީ ތާވަލުކޮށްފައެވެ.