ޚަބަރު

"ބެންކޮކްގައި ތިބި ދިވެހިންގެ ހާލު ރަނގަޅު، ކާރިސާގެ ކަންކަން ދަނީ ގާތުން ބަލަމުން"


  • ވިއްސާރަވެ ބެންކޮކްގައި ފެންބޮޑުވުމުގެ ސަބަބުން ކާރިސީ ހާލަތު ވަނީ އިއުލާންކޮށްފައި

  • އެހީތެރިކަމެއް ބޭނުންވާ ނަމަ އެމްބަސީއަށް ގުޅުއްވުމަށް އިލްތިމާސްކުރޭ

ތައިލޭންޑުގެ ވެރިރަށް ބޭންކޮކްގައި ފެންބޮޑުވުމާއި ގުޅިގެން މިހާތަނަށް އެއްވެސް ދިވެއްސަކަށް ގެއްލުމެއް ވެގެން ރިޕޯޓްކޮށްފައި ނުވާ ކަމަށް ތައިލޭންޑުގައި ހުންނަ ދިވެހި އެމްބަސީން ވިދާޅުވެއްޖެއެވެ.

ތައިލޭންޑްގެ ވެރިރަށް ބެންކޮކަށް ކުރި ވިއްސާރައިގައި ބެންކޮކްގެ ހުރިހާ ސަރައްޙަދެއްގައިވެސް ވަނީ ފެންބޮޑުވެފައެވެ. މިކަމާއި ގުޅިގެން ބެންކޮކްގެ ކަމާއި ބެހޭ އިދާރާތަކުން ވަނީ ހުރިހާ ސަރަޙައްދަކަށްވެސް ކާރިސީ ޙާލަތު އިޢުލާންކޮށްފައެވެ. ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހާއި ހަމައަށް މެދުނުކެނޑި ކުރި ވިއްސާރައިގައި މަގުތަކުގައި ފެންބޮޑުވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ތައިލޭންޑަކީ ގިނަ އަދަދަކަށް ދިވެހި ދަތުރުކޮށް އުޅޭ ޤައުމަކަށްވުމާއެކު، މިކަމާއި ގުޅިގެން ތައިލޭންޑުގައި ހުންނަ ދިވަހި އެމްބަސީއާއި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ޤައުމަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤް ވިދާޅުވީ، އެ ޤައުމުގައި ތިބި ދިވެހިންގެ ހާލު ރަނގަޅު ކަމަށެވެ. އަދި މިހާތަނަށް އެއްވެސް ދިވެއްސަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ވެގެން އެމްބަސީއަށް ރިޕޯޓުކޮށްފައި ނުވާ ކަމަށް ސަފީރު ވިދާޅުވިއެވެ. ސަފީރު ވަނީ މިހާލަތު ގާތުން ބަލަމުންދާ ކަމަށް ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން އެއްވެސް ކަމެއް ދިވެހި އެމްބަސީއަށް ރިޕޯޓް ކުރަން ބޭނުންނަމަ ނުވަތަ އެހީތެރިކަމެއް ބޭނުންވެއްޖެނަމަ އެމްބަސީއަށް އެނގުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ ތައިލޭންޑްގައި ހުންނަ ދިވެހި އެމްބަސީގެ ހޮޓްލައިން ނަމްބަރު 66967788885+ ގުޅައި އެންގުމަށް ދިވެހި އެމްބަސީން ވަނީ އެދިލައްވާފައެވެ.

ތައިލެންޑުގެ ވެރިރަށް ބެންކޮކަށް މެދުކެނޑުމެއްނެތި ދެ ދުވަހު ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާ ގުޅިގެން ވަނީ ކާރިސާގެ ޙާލަތު އިޢުލާނުކޮށްފައެވެ. ބެންކޮކް މެޓްރޮޕޮލިޓަން އެޑްމިނިސްޓްރޭޝަނުން ވަނީ ސެޕްޓެންބަރު 26 ވަނަ ދުވަހު 50 އިދާރީ ދާއިރާއަކީ ކާރިސާގެ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައަޅާއިފައެވެ.

މިމަހުގެ 1 އިން 25 އަށް ބެންގކޮކަށް 487 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، މިއީ އާދަޔާޚިލާފަށް އިތުރު ޢަދަދެއް ކަމުގައި އެ ޤައުމުގެ މޫސުމާބެހޭ އިދާރާއިން ބުންޏެވެ. އަދި، މިމަހުގެ 27 ވަނަ ދުވަހާ ހަމައަށް ވިއްސާރަވެ، ފެންބޮޑުވުމާއި ކޯރުތައް ފުރިބަންޑުންވުމުގެ ނުރައްކާ އޮތް ކަމުގައި އެ ޤައުމުގެ ކާރިސާތަކާ ބެހޭ އިދާރާއިން ވަނީ އިންޒާރުދީފައެވެ.