އިންގްލިޝް ޕްރިމިއަރ ލީގުގައި އެންމެ ފާހަގަ ކޮށްލެވޭ ކްލަބް ތަކުގެ ތެރޭގައި ހިމެނޭ މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ޕްރިމިއަރ ލީގުން އުފުލި 115 ދައުވާގެ ތެރެއިން އެންމެ ދައުވާއެއް ފިޔަވާ އެހެން ހުރިހާ ދައުވާއެއް ސާބިތުވާކަން ހާމަވެއްޖެކަމަށް އިނގިރޭސި މީޑިއާ ތަކުން ބުނަން ފަށައިފިއެވެ.
ސިޓީގެ މައްޗަށް 114 ދައުވާ ސާބިތުވާކަމުގެ ހަބަރު އިނގިރޭސި މީޑިއާތަކުން ހާމަކޮށްފައިމިވަނީ ހަތަރު އަހަރު ވަންދެން ޕްރިމިއަރ ލީގުން ކުރިއަށް ގެންދިޔަ ތަހްގީގަކަށް ފަހު ލީގުގެ މާލީ ގަވައިދުތަކާއި އުސޫލްތަކާއި ހިލާފުވެފައިވާކަމަށް ބުނެ 115 ދައުވާ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު އުފުލިތާ 1،327 ދުވަސް ފަހުންނެވެ. އަދި ޕްރިމިއަރ ލީގުން އުފުލި ދައުވާ ތަކާއި ގުޅިގެން މިނިވަން ކޮމިޝަނަކުން ކުރިއަށް ގެންދިޔަ އަޑުއެހުންތައް ނިންމާލިތާ 22 މަސް ދުވަސް ފަހުންނެވެ.
ސިޓީ އާއި ދެކޮޅަށް އުފުލާފައިވި ދައުވާތައް ބެލުމަށްޓަކައި އެކުލަވާލި މިނިވަން ކޮމިޝަނުން ބެލިބެލުންތަކަށްފަހު ރަސްމީކޮށް އެކޮމިޝަންގެ ރިޕޯޓް އާންމު ކޮށްފައިނުވި ނަމަވެސް އެކޮމިޝަންގެ ނިންމުންތައް ޕްރިމިއަރ ލީގުގެ ކްލަބް ތަކާއި ވަނީ ސިއްރު ހިފެހެއްޓުމަށް އެއްބަސްވުމެއްގައި ސޮއި ކޮށް ހިއްސާ ކުރެވިފައިވާކަމަށް ހަބަރު ލިބެއެވެ. ސިއްރު ހިފެހެއްޓުމަށް ހުރިހާ ފަރާތްތަކުން އެއްބަސްވުމާއެކުވެސް އޭގެތެރެއިން ކޮންމެވެސް އެއް ފަރާތަކުން މިވަނީ މިރިޕޯޓްގެ ވާހަކަ އިނގިރޭސި މީޑިއާއަށް ލީކު ކޮށްލައިފައެވެ.
ސިޓީގެ މައްޗަށް 114 ދައުވާ ސާބިތުވާކަން އިނގިރޭސި މީޑިއާތަކުން ހާމަކޮށްފައިވީ ނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން މިކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. މިގޮތުން މިނިވަން ކޮމިޝަނުން އެކޮމިޝަނުގެ ނިންމުންތަކާއި ގުޅޭ ރިޕޯޓް އާންމުކޮށްފައިނުވާއިރު ޕްރިމިއަރ ލީގުންވަނީ މިކަމާއި ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނަން ދެކޮޅު ހަދައިފައެވެ. އަދި މިދައުވާތައް ނިސްބަތްވާ ސިޓީއިން ވެސްވަނީ މިދައުވާތައް އެކްލަބްގެ މައްޗަށް ސާބިތުވިކަމާއި ގުޅޭގޮތުން ކޮމެންޓް ކުރަން ދެކޮޅު ހަދާފަވެެއެވެ. އޭގެ ބަދަލުގައި ސިޓީއިން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ ޕްރިމިއަރ ލީގުން ކުރިއަށް ގެންދާ މިމައްސަލައިގައި ނުނިމި ގިނަ ކަންތައްތަކެއް ހުރުމާއެކު އެކަންތައްތައް ކުރިއަށް ދާކަމަށާއި އަދި އެހެން ކަމުން ސިއްރު ހިފެހެއްޓުމުގެ ގޮތުން އެއްވެސް އެއްޗެއް ބުނެވެން ނެތް ކަމަށެވެ.
އަދި ޕްރިމިއަރ ލީގުން ވޭތުވެދިޔަ 8 އަހަރު ކުރިއަށް ގެންދަމުންދާ މިމައްސަލައިގެ ކަންތައްތައް އެއޮންނަ އުސޫލުގެ ތެރެއިން ޕްރިމިއަރ ލީގުގެ ބޯޑާއި އިސް އޮފިޝަލުން، އެއްވެސް ފަރާތެއްގެ ނުވަތަ ބައެއްގެ ނުފޫޒެއް ނެތި މިނިވަން އަދި ވަކިފަރާތަކަށް ނުޖެހި ހަރަކާތްތެރިވާނެކަމަށް އުންމީދު ކުރާކަން ސިޓީއިން ހާމަކޮށްފައިވެއެވެ.
ސިޓީއިން އަބަދުވެސް އަންނަނީ ޕްރިމިއަރ ލީގުގެ ބޮޑެެތި އެހެން ކްލަބްތަކުގެ ނުފޫޒު ޕްރިމިއަރ ލީގުން ކުރިއަށް ގެންދާ މިތަހްގީގަށް ފޯރާފައިވާކަމަށް ބުނަމުންނެވެ. އަދި މިކަމުގައި ސިޓީއަށް އަދަބު ލިބެން ޕްރިމިއަރ ލީގުގެ ބާކީ 19 ކްލަބުންވެސް ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރާކަން ތަކުރާރުކޮށް އެކްލަބުން ހާމަކުރަމުންދެއެވެ.
ސިޓީގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވާނަމަ އެކްލަބާއި ދެކޮޅަށް އެޅިގެންދާނެ ފިޔަވަޅު ތަކާއި ގުޅޭގޮތުން އެންމެ ފުރަތަމަ ދުވަހުން ފެނިގެން ހުރިހާ ފަރާތްތަކުންވެސް އަންނަނީ ވާހަަކަ ދައްކަމުންނެވެ. މިގޮތުން ޕޮއިންޓް އުނިކުރުން، މާލީ ގޮތުން އެޅޭ ފިޔަވަޅުތަކާއި އެކްލަބުން ހޯދާފައިވާ ލީގުތަކާއި އެހެނިހެން މުބާރާތްތަކުގެ ތަށިތައް އަތުލުން އަދި ޕްރިމިއަރ ލީގުން ރެލިގޭޓް ކުރުން ހިމެނެއެވެ. ސިޓީގެ މައްޗަށް އުފުލާފައިވާ 115 ދައުވާގެ ތެރެއިން 80 ދައުވާ އަކީ 2009 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ހަމައަށް ގަވައިދުތަކާއި ހިލާފުވެފައިވުމުގެ ސަބަބުން އުފުލާފައިވާ ދައުވާ ތަކެވެ. އަދި ބާކީ 35 ދައުވާއަކީ ޕްރިމިއަރ ލީގުން ކުރިއަށް ގެންދިޔަ ތަހްގީގަށް އެއްބާރުލުން ނުދިނުމުގެ ސަބަބުން އުފުލާފައިވާ ދައުވާތަކެވެ.
ޕްރިމިއަރ ލީގުން ކުރިއަށް ގެންދިޔަ ތަހްގީގަކީ 2018 ވަނަ އަހަރު ޖަރުމަނުވިލާތުގެ މެގަޒިނެއް ކަމަށްވާ ޑަރ ސްޕީގެލްއިން އާންމުކުރި ސިޓީގެ ލީކުވެފައިވާ ޑޮކިއުމަންޓް ތަކެއްގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދިޔަ ތަހްގީގެކެވެ. މިކަމާއި ގުޅިގެން ޔުއޭފާއިންވެސް މީގެކުރިންވަނީ ސިޓީ އާއި ދެކޮޅަށް ތަހްގީގެއް ކުރިއަށް ގެންގޮސް ދެ އަހަރު ދުވަހު ޗެމްޕިއަންސް ލީގުގައި ބައިވެރިނުވެނޭގޮތަށް ނިންމާފައެވެ. ނަމަވެސް ކޯޓް އޮފް އާބިޓްރޭޝަންގައި އެމައްސަލަ އެޕީލްކޮށް އެކަންވަނީ ސިޓީއަށް ކާމިޔާބުވެފައެވެ. ނަމަވެސް އެފަހަރުވެސް ސިޓީއަށް ޖޫރިމަނާއެއް އައެވެ.
މިފަހަރު ކަންވެގެންދާނީ ކިހިނެތް ކަމާމެދު ހުރިހާ ފަރާތްތަކުން އެފަރާތްތަކަށް ފެންނަގޮތް ހާމަކުރަމުންދާއިރު ސިޓީގެ މައްޗަށް މިދައުވާތައް ސާބިތުވެއްޖެނަމަ އެޅިގެންދާނެ ފިޔަވަޅުތަން އެނގިގެންދާނީ އެކަން ހާމަކުރުމާއެކުއެވެ. އަދި މިހާރުވެސް ޕްރިމިއަރ ލީގުގެ ކްލަބްތަކުން އަންނަނީ މިކަމުގެ ސަބަބުން އެކްލަބްތަކަށް ލިބެންޖެހޭ ބަދަލުތައް ހޯދުމަށް ހުށަހެޅުމާއި ގުޅޭގޮތުން ގާނޫނީ ލަފާހޯދާ އެކަމަށް ތައްޔާރުވަމުންނެވެ. އަދި މިކަން ސާބިތުވި ނަމަވެސް ސިޓީއިން އަލުން އެޕީލް ކުރާނެކަމަށްވެސް މިހާރުވަނީ ބެލެވިފައެވެ. އެހެން ކަމުން މިއީ އަވަސް މުސްތަގްބަލެއްގައި ނިމޭނެ މައްސަލައެއް ކަމަކަށް ނުބެލެވެއެވެ. އަދި ބައެއް ޤާނޫނީ ފަރާތްތަކުން ސިފަކުރާގޮތުގައި މިއީ މައްސަލައިގެ ނިމުމަށް ވުރެ ބޮޑަށް ގިނަ އެހެން މައްސަލަ ތަކެއްގެ ފެށުމެވެ. އެއީ މިކަން ސިޓީ އާއި ދެކޮޅަށް ނިމިއްޖެނަމަ ބަދަލު ދޭންޖެހޭ ފަރާތްތައް ވަރަށް ގިނަ ވެގެންދާނެތީއެވެ.