ސަރުކާރުގެ ވުޒާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ އަދާހަމަ ހިއްސާކުރުމަށާއި، ވަޒީރުންނާއި ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވާ ވަޒީރުންގެ "އަހާ" ފޯރަމް މިރޭ އޮންނާނެއެވެ.
ސަރުކާރުގެ އެކި ވުޒާރާތަކުގެ މަސައްކަތްތަކުގެ ތަފްސީލީ މަޢުލޫމާތު އާންމުންނާ ހަމައަށް ގެނެސްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ގުޅިގެން ގެނެސްދޭ މި ފޯރަމްގައި މި ފަހަރުވެސް، 3 ވަޒީރަކު ބައިވެރިވެވަޑައިގަންނަވާނެއެވެ.
• ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު
• މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް
• ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން
ދެ ގަޑިއިރަށް ކުރިއަށްދާ މި ފޯރަމް އޮންނާނީ މިރޭ 21:00ގައެވެ. ފޯރަމްގައި ބަައިވެރިވެވަޑައިގަންނަވާ ވަޒީރުންނާ ކުރަން ބޭނުންވާ ސުވާލުތައް ފޮނުވުމުގެ ފުރުޞަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމާއި، ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށްވެސް ވަޒީރުންނާ ސުވާލުކުރެވޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ "އަހާ" ސިލްސިލާގެ ފޯރަމްތަކަކީ 2024 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމެކެވެ.