އިތުރު ތަމްރީނުތަކަށް ޤައުމީ ކުރިކެޓް ޓީމު ސްރީލަންކާއަށް ފުރައިފިއެވެ.
ޤައުމީ ޓީމު ސްރީލަންކާއަށް މިކުރާ ދަތުރަކީ އައިސީސީ މެންސް ޓީ 20 ވޯލްޑްކަޕް 2028، އޭޝިއަން ސަބް ރީޖަނަލް ކޮލިފިކޭޝަން މުބާރާތުގެ ކުރިން ޕިޗަށް ހޭނިލާ އެކުވެރިކަމުގެ މެޗުތަކެއް ކުޅެ، މުބާރާތުގައި ވާދަކުރުމަށް ހޯދަންޖެހޭ އިތުރު ތަމްރީންތައް ހޯދުމުގެ ގޮތުން ކުރާ ދަތުރެކެވެ.
ލަންކާގެ ތަމްރީނުތަކަށްފަހު ޤައުމީ ޓީމު، އައިސީސީ މެންސް ޓީ 20 ވޯލްޑްކަޕް 2028، އޭޝިއަން ސަބް ރީޖަނަލް ކޮލިފިކޭޝަން މުބާރާތް ބާއްވާ ޤައުމުކަމަށްވާ މެލޭޝިއާއަށް ފުރުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 5 ވަނަ ދުވަހުއެވެ. މުބާރާތަށް އެކުލަވާލި ޤައުމީ ސްކޮޑުގައި ހިމެނެނީ 12 ކުޅުންތެރިންނެވެ. އަދި ޓީމުގެ ކެޕްޓަނަކަށް ހަސަން ހާޒިޤް ހަމަޖައްސާފައިވާއިރު، ވައިސް ކެޕްޓަނެއްގެ ގޮތުން ހަރަކާތްތެރިވާނީ ޔޫސުފް އަޒްޔާންއެވެ.
އައިސީސީ މެންސް ޓީ 20 ވޯލްޑްކަޕް 2028، އޭޝިއަން ސަބް ރީޖަނަލް ކޮލިފިކޭޝަން މުބާރާތުގައި ރާއްޖެއިން ވާދަކުރަނީ ގްރޫޕް ބީ ގައި ހޮންގކޮންގ، މެލޭޝިއާ، ސިންގަޕޫރު، ސައުދީއަރަބިއްޔާ، ކެމްބޯޑިއާ އަދި ޗައިނާއާއެކުގައެވެ.
އަންނަމަހުގެ 5 ވަނަ ދުވަހު މެލޭޝިއާއަށް ޤައުމީ ޓީމު ދާއިރު، މުބާރާތުގައި ރާއްޖޭގެ ފުރަތަމަ މެޗު ކުޅޭނީ 8 ވަނަ ދުވަހު ޗައިނާއާ ދެކޮޅަށެވެ. އަދި 9 ވަނަ ދުވަހު ސިންގަޕޫރާ ދެކޮޅަށް ކުޅުމަށްފަހު 11 ވަނަ ދުވަހު ނުކުންނާނީ މުބާރާތް ބާއްވާ މެލޭޝިއާއާ ވާދަކުރުމަށެވެ. އެއަށްފަހު 12 ވަނަ ދުވަހު ހޮންގްކޮންގާ ދެކޮޅަށް ކުޅުމަށްފަހު ފަހު މެޗުގައި 14 ވަނަ ދުވަހު ނުކުންނާނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށެވެ.