ޚަބަރު

"ރަސްމާލޭން ގަންނަ ޕްރޮޕަޓީ އޮޓަމެޓިކުން ވާރުތަ ނުވާނެ"


  • ޕްރޮޕަޓީގަތަސް އޮޓޮމެޓިކުން ވިސާ ނުލިބޭނެ

  • ޕްރޮޕަޓީ ވާރުތަވާނީ ވުޒާރާއިން ހުއްދަދޭނަމަ

ރަސްމާލޭން ގަންނަ ޕްރޮޕަޓީ އޮޓަމެޓިކުން ވާރުތަވާނެކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ދޮގުކުރައްވައިފިއެވެ.

ރަސްމާލޭގައި 20 ބިލިޔަން ޑޮލަރުގެ ވޯޓަރފްރަންޓް އަދި މެރީނާ ޕްރޮޖެކްޓެއް ތަރައްޤީކުރުމަށް އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރ "އީގަލް ހިލްސް" އާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ މިމަހުގެ 21ވަނަ ދުވަހުއެވެ. އެއާއެކު، ރަސްމާލެއިން ގަންނަ ޕްރޮޕަޓީ އޮޓަމެޓިކުން ވާރުތަވާކަމަށާއި، އެތަނުން ބިން ބޭރު ބަޔަކަށް ވިއްކާލާކަމަށް ބުނެ އެކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ފާޑުކިޔަމުނެވެ.

ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި، ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، ރަސްމާލޭން ތަނެއް ގަންނަ ފަރާތުގެ މިލްކަކީ އެ ފަރާތަކުން ގަންނަ ތަނެއް ނުވަތަ ޕްރޮޕަޓީއެއް އެކަނި ކަމަށެވެ. އަދި އެތަން ހިމެނޭ ބިމަކީ ދިވެހި ދައުލަތުގެ މިލްކެެއްކަމަށެވެ. އެފަދަ ތަނެއް ވިއްކާލާނަމަ، ނުވަތަ އެފަރާތެއް މަރުވުމުން ވާރުތަވާނަމަ، ވާރުތަވާނީ ދިވެހި ސަރުކާރުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހުއްދަކުރާ ހާލަތުގައިކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޑރ.މުއްޠަލިބު ވިދާޅުވީ ސަރުކާރުން އެކަމަށް ހުއްދަ ދޭނަމަ ހުއްދަ ދޭނީ އެކަމަށް ކަނޑައެޅިފައިވާ ފީ ނެގުމަށްފަހުގައިކަމަށެވެ. އެހެން ކަމުން ރަސްމާލޭން ގަންނަ ޕްރޮޕަޓީ އޮޓަމެޓިކުން ވާރުތަވާނޭ ކަމަށް ބުނުމަކީ ޙަޤީޤަތާ ޚިލާފުވާހަކައެއްކަމަށް ވަޒީރު ވިދާޅުވިއެވެ. ރާއްޖޭގައި ހުރި ބޭރު ފަރާތްތަކުގެ ރިސޯޓުތަކާއި ވިޔަފާރިތަކަކީވެސް ވިއްކާ، ބަދަލުކޮށް، ވާރުތާ މުދާތަކެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.


ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހާއާއި ޢާއިލާއަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމެއްވެސް ނޫންކަމަށާއި، ވިސާ ދިނުމަކީ އިމިގްރޭޝަންގެ ޤާނޫންގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެއިދާރާއިން ކުރާކަމެެއްކަމަށް ވަޒީރު ވިދާޅުވިއެވެ. ވިސާ ދޫކުރުމާއި، ކެންސަލްކުރުމުގެ ބާރު އޮންނާނީ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން އެއިދާރާއަށެވެ.

ވަޒީރު ޑރ.މުއްޠަލިބު ވިދާޅުވީ، ދިވެހި ދައުލަތަކީ ފަޚުރުވެރި މިނިވަން ދައުލަތެއްކަމަށާއި ދިވެހި ދައުލަތް ތަނަވަސްވެ ތަރައްޤީވަމުން ދިއުމަކީ އިސްތިޤުލާލު ވަރުގަދަވެ، އެހެން ޤައުމުތަކުގެ ނުފޫޒުން ސަލާމަތްވެ އޮތުމަށް މުހިއްމުކަމެއްކަމަށެވެ. ދިވެހި ދައުލަތް މުއްސަނދިވުމަކީ ރާއްޖެއަށް ނުފޫޒު ފޯރުވަން ބޭނުންވާ ފަރާތްތަކުން އެދޭނެ ކަމެއް ނޫންކަމަށްވެސް ވިދާޅުވިއެވެ. އަދި ރާއްޖެއަށް ބޭނުންވަނީ ޖީލުތަކަށް ދެމިގެންދާ ތަރައްޤީގެ މިފަދަ މަޝްރޫއުތަކެއްކަމަށާއި، ކުރު މުއްދަތުގެ މަންފާއެއް ނޫންކަމަށް ވަޒީރު ވިދާޅުވިއެވެ.

ރަސްމާލޭގައި ތަފާތު އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މަޝްރޫޢުގެ ޖުމްލަ އިންވެސްޓްމަންޓް 20 ބިލިޔަން ޑޮލަރަށް އަރާނެއެވެ. މިއީ ރާއްޖޭގައި ކުރާ މިފަދަ އެންމެ ބޮޑު އިންވެސްޓްމެންޓެވެ.

މި މަޝްރޫޢުގެ ތެރޭގައި ޖުމްލަ 30 ބިލިޔަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ލިބި، ރާއްޖެއަށް ސާފު ފޮރިން އިންވެސްޓްމަންޓްގެ ގޮތުގައި ގާތްގަނޑަކަށް 18 ބިލިޔަން ޑޮލަރު ވަންނާނެ ކަމަށް ލަފާކުރެވެއެވެ. މީގެއިތުރުން، ސީދާ އަދި ނުސީދާ ގޮތުން 54،000 އަށް ވުރެ ގިނަ ވަޒީފާގެ ފުރުޞަތު އުފެދި، މަޝްރޫޢު ފުރިހަމަވުމުން އަހަރަކު އެއް މިލިޔަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން އަހަރަކު 2 ބިލިޔަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ބެލެވެއެވެ.