ޤައުމީ ލަނޑުދަނޑިތައް ހާސިލުކުރުމަށް އަމިއްލަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލްތައް އުފެއްދުމުގެ ޙައްޤު ކޮންމެ ޤައުމަކަށް ވެސް އޮންނަންވާނެ ކަމުގައި އިންޑިއާގެ ޚާރިޖީ ވަޒީރު ސުބްރަމަނިޔަމް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ. އެމެރިކާގެ ނިއު ޔޯކްގައި ކުރިއަށްދާ އެކުވެރި ދައުލަތްތަކުގެ (އދ) ޢާންމު މަޖިލީހުގެ ޖަލްސާގައި ތަޤުރީރު ކުރައްވަމުން ޖައިޝަންކަރު ވިދާޅުވީ، އޭއައިއަކީ އިންސާނުން ބާރުވެރިކުރުވައި އިޤުތިޞާދީ ތަނަވަސްކަން ހޯދައިދިނުމުގައި އިންގިލާބީ ބަދަލެއް ގެނެސްދޭނެ ވަސީލަތެއް ކަމުގައެވެ. ނަމަވެސް، އޭގެ ނާޖާއިޒު ބޭނުން ހިފުމުގެ ސަބަބުން މުޖުތަމަޢުގައި ތަޢައްޞުބު އިތުރުވެ، އެކަކު އަނެކަކަށް ކުރާ އިޙުތިރާމު ކުޑަވަމުންދާ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވިއެވެ.
ހަނގުރާމަތަކުގެ ބުރަ އުފުލަންޖެހެނީ ހަމައެކަނި ހަނގުރާމަކުރާ ޤައުމުތަކުން ނޫން ކަމަށާއި، ޞުލްޙަ ނުބެލެހެއްޓުމަކީ ސަލާމަތަށް ބުރޫއެޅުމުގެ އިތުރުން ތަރައްޤީ ފަހަތަށް ޖައްސާ ކަމެއް ކަމުގައި ޖައިޝަންކަރު ވިދާޅުވިއެވެ. މީގެ އިތުރުން، ގުޅިލާމެހިފައިވާ ދުނިޔޭގައި ހިނގާ ހަމަނުޖެހުންތަކުގެ ސަބަބުން ކާބޯތަކެއްޗާއި ހަކަތަ އަދި ވިޔަފާރިއަށް ބޮޑެތި ހުރަސްތައް އެޅެމުންދާ ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި، އޭގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާ ފަރާތްތަކަކީ ނިންމުންތަކުގައި ބަސްބުނުމުގެ ފުރުޞަތު އެންމެ ކުޑަ ޤައުމުތައް ކަން ވެސް ޖައިޝަންކަރު ފާހަގަކުރެއްވިއެވެ.
ގަލްފު ސަރަޙައްދުގެ ހަމަނުޖެހުންތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ކެތްތެރިކަން އިސްކުރުމަށާއި މަސްރަޙު ފިނިކުރުމަށާއި، ޢާންމުންނާއި ކަނޑު ދަތުރުފަތުރުކުރާ ފަޅުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޖައިޝަންކަރު ގޮވާލެއްވިއެވެ. ހަމަމިއާއެކު، ހަކަތައާއި ވިޔަފާރި މުދާ މެދުކެނޑުމެއްނެތި ދައުރުވާންޖެހޭ ކަމުގައި އޭނާ ވިދާޅުވިއެވެ. މީގެއިތުރުން، ޔޫކްރެއިންގެ ނިމުމެއްނެތް ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ މަސައްކަތްތަކަށް ތާއީދުކުރައްވައި، ކާބޯތަކެއްޗާއި ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި އެހީތެރިވާން އިންޑިއާ ތައްޔާރަށް އޮތް ކަން ޖައިޝަންކަރު ހާމަކުރެއްވިއެވެ. އަދި، ނިރުބަވެރިކަމަކީ މެދުކެނޑުމެއްނެތި ކުރިމަތިވަމުންދާ ބޮޑު ނުރައްކަލެއް ކަން އޭނާ ފާހަގަކުރެއްވިއެވެ.
ޞުލްޙައަކީ ހަމައެކަނި ހަނގުރާމައެއް ނެތިދިއުން ނޫން ކަމަށާއި، ދުނިޔެއަށް ކުރިމަތިވާ ނުރައްކާތަކުގެ ސަބަބުން މިއަދު އޮތީ ބޮޑު ވަޅުގަނޑެއްގެ ތުންފަތްމަތީގައި ކަމުގައި ވިދާޅުވެ، ހަމަޖެހުމާއި ރައްކާތެރިކަމަށް ޖައިޝަންކަރު ގޮވާލެއްވިއެވެ. އަދި، ކަންކަން ދުރާލައި ލަފާކުރެވޭނެ ހަމަޖެހުން ޤާއިމުކުރުމަށް ބާރުއެޅުއްވިއެވެ. ވާހަކަފުޅު ނިންމަވާލައްވަމުން، މަހާތުމާ ގާންދީގެ ބަސްފުޅަކަށް އަލިއަޅުއްވާލައްވައި ޖައިޝަންކަރު ވިދާޅުވީ، ޞުލްޙައަށް ވާސިލުވުމަށް ވަކި މަގެއް ނޯންނާނެ ކަމަށާއި، ޞުލްޙައަކީ ޚުދު އެ މަގު ކަމުގައެވެ.