ފަހި ފަތުރުވެރިކަމާއި، ދަތުރުފަތުރު

ޑަބް.ލިޔު.ޓީ.އެމް 2016 - ވިޔަފާރީގެ އިތުރު ދޮރުތަކެއް ހުޅުވުނު


އިނގިރޭސިވިލާތުގެ ލަންޑަނުގެ "އެކްސެލް ލަންޑަން" ކޮންވެންޝަން ސެންޓަރުގައި ކުރިއަށްދިޔަ 37 ވަނަ ޑަބްލިޔު.ޓީ.އެމް ފެއަރގައި ރާއްޖެ ތަމްސީލްކުރުމުގައި އެމް.އެމް.ޕީ.އާރ.ސީއިން އިސްކޮށް ހަރަކާތްތެރިވެފައިވާއިރު، ރާއްޖޭގެ 66 ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ޓްރެވަލް އެޖެންޓުންނާއި ޓޫރިސްޓް ރިސޯޓްތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން، ދަތުރުފަތުރު ކުރުމުގެދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ބޮޑެތި ކުންފުނިތައް ހިމެނެއެވެ. ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ރާއްޖޭގެ ސްޑޭންޑަށް ޒިޔާރާތްކުރި ފަރާތްތަކުން ނިސްބަތަށް ބަލާނަމަ، މިދިޔަ އަހަރާއި އަޅާބަލާއިރު، މިފަހަރުގެ ފެއަރއަށް ބޮޑު ތަރުޙީބެއް ލިބިގެންގޮސްފައިވާކަމަށް އެމް.އެމް.ޕީ.އާރ.ސީއިން ވިދާޅުވެއެވެ.

މިފަހަރުގެ ފެއަރގެ ކާމިޔާބީއާއި ގުޅޭގޮތުން މީޑިއާއާއި ވާހަކަދައްކަވަމުން އެމް.އެމް.ޕީ.އާރ.ސީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ ހާރިސް މުޙައްމަދު ވިދާޅުވީ ޔޫރަޕްގެ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ވަރަށް ޒަމާންވީ، އަދި އެހާމެ މުހިއްމު ދައުރެއް އަދާކުރާ މާކެޓެއްކަމުން، ޑަބްލިޔު.ޓީ.އެމް ފެއަރއަކީ ރާއްޖެއަށް އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން މުހިއްމު ފެއަރއެއްކަމަށެވެ. އަދި މިފަހަރުގެ ފެއަރއަށް ފަތުރުވެރިކަމުގެ ދާއިރާއަށް މުޅިން އައު ފަރާތްތަކާއި، މިދާއިރާގައި ތަޖުރިބާ ލިބިފައިވާ ބޮޑެތި ކުންފުނިތައް ހިމެނޭހެން ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބިގެންދިޔަކަމަށެވެ.

ހާރިސް ވިދާޅުވީ، ރާއްޖެ އަންނަ ފަތުރުވެރިންގެ ނިސްބަތް އިތުރުކުރުމަށް ލިބޭ އެންމެ ރަނގަޅު އެއް ޕްލެޓްފޯމަކީ ޑަބްލިޔު.ޓީ.އެމް ފެއަރކަމުގައެވެ. އެގޮތުން މި ފެއަރގެ ސަބަބުން އިނގިރޭސިވިލާތުގެ އިތުރުން، ޔޫރަޕްގެ ޤައުމުތައް ހިމެނޭހެން ދުނިޔޭގެ މަޝްޙޫރު މާކެޓްތަކުގައި ރާއްޖެ އިޝްތިހާރުކޮށް، ޕްރޮމޯޓްކުރުމަށް ފަހި ފުރުޞަތުތަކެއް ލިބިފައިވާކަން ހާރިސް ފާހަގަކުރެއްވިއެވެ.

ޑަބްލިޔު.ޓީ.އެމް ފެއަރއަކީ، އައި.ޓީ.ބީ ފެއަރއަށްފަހު ރާއްޖޭގެ ފަރާތުން ބައިވެރިވާ ދެވަނައަށް އެންމެ ބޮޑު ފެއަރއެވެ. ޑަބްލިޔު.ޓީ.އެމް ފެއަރ މިމަހުގެ 9 ވަނަ ދުވަހު ކާމިޔާބު ކަމާއެކު ނިންމާލާފައިވާއިރު، މިމަހުގެ 11 އިން 13 ގެ ނިޔަލަށް ޗައިނާގެ ޝަންހާއީގައި ކުރިއަށްދާ ޗައިނާ އިންޓަރނޭޝަނަލް ޓްރެވަލް މާކެޓް، ސީ.އައި.ޓީ.އެމްގައިވެސް ރާއްޖޭގެ ފަރާތުން ބައިވެރިވެ، ފަތުރުވެރިކަން އިޝްތިޙާރުކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް އެމް.އެމް.ޕީ.އާރ.ސީއިން ވިދާޅުވެއެވެ.