ޚަބަރު

"ހީވާގި ކަނބަލުން" ގެ ނަމުގައި މައުރަޒެއް ބާއްވަވަން ނިންމަވައިފި


އަންހެނުންގެ ކޮމެޓީތަކާއި އަންހެނުން ޙިއްސާވާ ކްލަބް ޖަމްއިއްޔާތަކަށް ހުޅުވާލައިގެން "ހީވާގި ކަނބަލުން" ގެ ނަމުގައި ދިވެހި އަންހެނުންގެ މަސައްކަތްތެރިކަން ދައްކުވައިދޭ މައުރަޒެއް ބާއްވަވާ ގޮތަށް ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ އިސްނެންގެވުމާއެކު މުޅި ރާއްޖެއަށް ހުޅުވާލައްވައިގެން ބޭއްވެވުމަށް ހަމަޖެހިފައިވާ މި މައުރަޒް އޮންނާނީ އަންނަ ޑިސެމްބަރ މަހުގެ މެދުތެރޭގައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުންގެ އޮފީހުން ވިދާޅުވެއެވެ. މި މައުރަޒުގައި ވަކިވަކި ބާވަތްތަކުގެ ވަނަތައް ގިންތިތަކަކަށް ބަހާލައިގެން ހޮވުމުގެ އިތުރުން 1 ވަނައަށް އަންނަ އަންހެނުންގެ ކޮމެޓީއެއްވެސް ހޮވުމަށް ހަމަޖެހިފައިވެއެވެ. މި މައުރަޒުގައި ބައިވެރިވާ ފަރާތްތަކުން ބައިވެރިކުރާ ތަކެތި ވިއްކުމުގެ ފުރުޞަތުވެސް މި މައުރަޒުން ލިބިގެންދާނެއެވެ. މި މައުރަޒުގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަތަކަށް އިނާމް ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލައްވާފައެވެ.