ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވައިލުމާ ގުޅޭ ގޮތުން އީރާނުން ހުށަހަޅާފައިވާ ހުށަހެޅުން އެމެރިކާއިން ޤަބޫލު ނުކުރާހާ ހިނދަކު އެ ކަނޑުއޮޅި އޮންނާނީ ބަންދުކޮށްފައި ކަމަށް އީރާނުން ބުނެފިއެވެ.
ޞުލްޙައިގެ މަޝްވަރާތަކުގައި އީރާނުގެ ފަރާތުން އިސްކޮށް ޙަރަކާތްތެރިވެވަޑައިގަންނަވާ އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް، މުޙައްމަދު ބާޣިރު ޣާލިބަފް ވިދާޅުވީ މެދުވެރިއެއް ބޭނުންކޮށް އެމެރިކާއިން ބައެއް ހުށަހެޅުންތައް އީރާނާ ޙިއްޞާކޮށްފައިވާ ކަމަށެވެ. އެ ހުށަހެޅުންތައް ހުށަހަޅާފައި ވަނީ އީރާނުން ހުށަހަޅާފައިވާ ޚާރިޖީ ހުށަހެޅުންތަކަށް އެމެރިކާއިން ޖަވާބުދިންތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.
ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވައިލުމާ ގުޅޭ ގޮތުން އީރާނުން މިދިޔަ ހަފްތާގައި ހުށަހެޅުންތަކެއް ހުށަހެޅިތާ ގަޑިއިރުކޮޅޭއްގެ ތެރޭގައި، އެ ހުށަހެޅުންތަކަށް އެއްބަސް ނުވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ޣާލިބަފް ވިދާޅުވީ ވަގުތު ނަގައިލުމާއި އެއްބަސްވުމުގެ މާއްދާތައް އެއްބަޔަކު ކަނޑައެޅުމުގެ ޒަމާން މިހާރު ފާއިތުވެ ގޮސްފައިވާ ކަން އެމެރިކާއިން ދަންނަން ޖެހޭ ކަމަށެވެ. އަދި އީރަނުގެ މަޤާމު ވަރަށް ސާފު ކަމަށް އޭނާ ވިދާޅުވިއެވެ. އިސްލާމްއާބާދުގެ ފަހުމުނާމާއަށް ބިނާކޮށް އީރާނުން ހުށަހަޅާފައިވާ ޝަރުތުތައް ފުރިހަމަ ނުވާނަމަ ހުރްމުޒް ކަނޑުއޮޅި ހުޅުވައިނުލާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އަސްކަރީ މައިދާނުގައި އީރާނުން ހާޒިރުވެ ތިބި ކަަމަށާއި، ހީނުކުރާ ފަދަ ގޮތްގޮތަށް އީރާނުން އެމެރިކާއާ ކުރިމަތިލާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެމެރިކާއިން އެންމެ ފަހުން ހުށަހަޅާފައިވާ ހުށަހެޅުންތަކާ މެދު އީރާނުގެ މާ ބޮޑު ޝައުޤުވެރި ކަމެއް ނެތް ކަމަށާއި، އެ ހުށަހެޅުންތަކުގެ ސަބަބުން އެ ޤައުމުން ފަސް ނުޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެމެރިކާގެ ހުށަހެޅުންތަކާ ދެކޮޅަށް ވާހަކަ ދައްކައި އީރާނުން އިތުރު ގޮތްތައް ހުށަހަޅާނެ ކަމަށް ވެސް ޣާލިބަފް ވިދާޅުވެފައިވެއެވެ.
މިދިޔަ މަހުގެ ތެރޭގައި އދގެ އާންމު މަޖިލީހުގައި ތަޤުރީރުކުރައްވަމުން ޓްރަމްޕް ވަނީ އެމެރިކާއިން އީރާން ފަނާކޮށްލައިނެ ކަމުގެ އިންޒާރު ދެއްވައިފައެވެ.
އޮކްޓޯބަރު މަހުގެ4ވަނަ ދުވަހު އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ވަނީ ޤައުމު ދިފާޢުކުރުމަށް އީރާނުން މަސައްކަތް ކުރާ ގޮތަށް، މައްސަލައަށް އެދެވޭ ޙައްލެއް ހޯދުމަށް ވެސް އީރާނުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. ހުރްމުޒް ކަނޑުއޮޅި ހުޅުވައިލުމަށް އީރާނުން ހުށަހަޅާ ހުށަހެޅުންތައް ތަފްޞީލްކޮށް ކިޔައިދެެއްވާ ޢަރާޤްޗީ ވަނީ އެމެރިކާއިން ޞުލްޙައިގެ މަގު ޚިޔާރުކޮށް، އީރާނުގެ ހުށަހެޅުންތަކަށް އެއްބަސްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެމެރިކާއިން އަނެއްކާ ވެސް އަސްކަރީ ފިޔަވަޅު އަޅާނަމަ އެ ކަމަށް ރައްދު ދިނުމަށް އީރާނުން ކުރިއަށްވުރެ މާ ބޮޑަށް ތައްޔާރަށް އޮތް ކަމުގެ އިންޒާރު ވެސް އޭނާ ވަނީ ދެއްވައިފައެވެ. އަދި އަމިއްލަ ދިފާޢުަގައި އަޅަންޖެހޭ ކޮންމެ ފިޔަަޅެއް އީރާނުން އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.