ޚަބަރު

ރިބާކިނާއަށްފަހު ސަބަލެންކާވެސް ކަޓައިފި


  • ސަބަލެންކާ ބަލިވެފައިވަނީ ނިކޮލާ ބާޓުންކޯވާ އާއި ބައްދަލުކުރި މެޗުން ސީދާ 2 ސެޓުން

ޗައިނާ އޯޕަން ޓެނިސް މުބާރާތުން އެއްވަނައަށް ސީޑު ކުރެވިފައިވާ އަންހެން ކުޅުންތެރިޔާ އެލޭނާ ރިބާކިނާ ކެޓިތާ އެއް ދުވަސް ފަހުން މިމުބާރާތުގައި ދެވަނައަށް ސީޑު ކުރެވިފައިވާ ބެލަރޫސްގެ އަރީނާ ސަބަލެންކާވެސް ކަޓައިފިއެވެ.

މިމުބާރާތުގެ ތިންވަނަ ބުރުން ސަބަލެންކާ ބަލިވީ ދުނިޔޭގައި 34 ވަނައަށް ރޭންކް ކުރެވިފައިވާ ޗެކިއާގެ ނިކޮލާ ބާޓުންކޯވާ އާއި ބައްދަލު ކުރި މެޗުން ސީދާ ދެސެޓުންނެވެ. މިމެޗުގެ ފުރަތަމަ ސެޓު ހައެއް ހަތަރަކުން ބާޓުންކޯވާ ކާމިޔާބު ކުރިއިރު ދެވަނަ ސެޓު އޭނާ ކާމިޔާބު ކުރީ ހައެއް ތިނަކުންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ބާޓުންކޯވާ ބުނީ މިމެޗުގައި ސަބަލެންކާއަށް ވިސްނުމުގެ ބަދަލުގައި އޭނާ ބެލީ އަމިއްލަ ކުޅުމަށް ބޮޑަށް ވިސްނައިގެން ކުޅެވޭތޯ ކަމަށެވެ. އަދި ސަބަލެންކާއަކީ ލެޖެންޑެއް ކަމަށާއި އެހެން ކަމުން މިމެޗުން މޮޅުވުމުން ވަރަށް އުފާވާކަމަށެވެ. އުމުރުން 20 އަހަރުގެ ބާޓުންކޯވާ ހަތަރު ވަނަ ބުރުގައި ވާދަކުރާނީ އޮސްޓްރިއާގެ ސިންޔާ ކްރައުސް އާއެވެ.

މިއީ 2015 ވަނަ އަހަރަށްފަހު ޗައިނާ އޯޕަންގައި އެންމެ މަތިން ސީޑު ކުރެވިފައިވާ އަންހެން ދެ ކުޅުންތެރިން ފަހު 16 ކުޅުންތެރިންގެ ބުރަށް ނުގޮސް ކެޓި ފުރަތަމަ ފަހަރެވެ.

މިމުބާރާތުގެ ދެވަނަ ބުރުން ރިބާކިނާ ބަލިވިތާ 24 ގަޑިއިރު ނުވަނީސް އޭނާވަނީ މިމަހުގެ 12 އިން 18 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ވޫހާން އޯޕަންގައި އަނިޔާގެ ސަބަބުން ނުކުޅެވޭކަން ހާމަކޮށްފައެވެ. ރިބާކިނާ ހާމަކުރިގޮތުގައި އޭނާގެ ފައިތިލައަށް ވަނީ އަނިޔާވެފައެވެ. އެހެން ކަމުން ލިބިފައިވާ އަނިޔާއިން ރަނގަޅު ވުމަށްޓަކައި ކުޑަ ދުވަސް ކޮޅަކު ކުޅުމާއި ދުރަށް ޖެހިލާކަން ހާމަކޮށްފައެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު ހަތަރު ވަނައަށް ސީޑު ކުރެވިފައިވާ ރަޝިއާގެ މީރާ އަންޑްރީވާ އާއި އުޒްބެކިސްތާންގެ ޕޮލީނާ ކުޑަމެޓޯވާ ބައްދަލުކުރި މެޗު ސީދާ ދެސެޓުން ކާމިޔާބު ކޮށް އެންޑްރީވާވަނީ ހަތަރު ވަނަ ބުރުން ޖާގަހޯދައިފައެވެ. އެއީ ހައެއް ހަތަރެއް އަދި ހައެއް އެކަމުން ދެސެޓު ކާމިޔާބު ކޮށްގެންނެވެ. މިއަހަރުގެ ވިމްބަލްޑަން ޗެމްޕިއަން އަދި މިމުބާރާތުގައި 5 ވަނައަށް ސީޑު ކުރެވިފައިވާ ޗެކިއާގެ ލިންޑާ ނޮސްކޯވާ އާއި ސްވިޓްޒަލަންޑްގެ ވިކްޓޯރިއާ ގޮލުބިޗް ބައްދަލުކުރި މެޗު ހައެއް ދެއެއް އަދި ހައެއް އެކަކުން ކާމިޔާބުކޮށް ނޮސްކޯވާވެސް ވަނީ ހަތަރު ބުރުން ޖާގައެއް ކަށަވަރު ކޮށްފައެވެ. މީގެއިތުރުން 7 ވަނައަށް ސީޑު ކުރެވިފައިވާ ޗެކިއާގެ ކެލޮނީނާ މުޗޯވާވެސްވަނީ ހަތަރުވަނަ ބުރުން ޖާގަހޯދާފައެވެ. އެއީ ރަޝިއާގެ ލިއުޑްމިލާ ސަމްސޮނޯވާ އާއި ބައްދަލުކުރި މެޗު ފަހަތުން އަރާ ހަތަރެއް ހައެއް، ހައެއް ހަތަރެއް އަދި ހައެއް ދެއަކުން ކާމިޔާބު ކޮށްގެންނެވެ. އަދި 12 ވަނައަށް ސީޑު ކުރެވިފައިވާ ޖަޕާންގެ ނައޯމީ އޮސާކާވަނީ ޗެކިއާގެ ސާރާ ބެއިލެކް އާއި ބައްދަލުކުރި މެޗު ސީދާ ދެސެޓުން ކާމިޔާބު ކޮށްފައެވެ.