ޚަބަރު

ސާފްގެ ކޮމިޓީތަކަށް އަޒްމީން، އަލީ އިބްރާޙީމް އަދި ހައްވާ ރަޝީދާ


  • އަޒްމީނަކީ އެފްއޭއެމްގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ކޮމިޓީގެ ޗެއާޕާސަން

  • އަލީ އިބްރާޙީމަކީ އެފްއޭއެމްގެ ސީނިއަރ ނައިބު ރައީސް

  • ހައްވާ ރަޝީދާ އަކީ އެފްއޭގެ އެކްސްކޯ މެމްބަރެއް

ސައުތު އޭޝިއާ ސަރަހައްދުގެ ފުޓުބޯޅަ އިދާރާ، ސާފްގެ ސްޓޭންޑިން ކޮމިޓީތަކަށް ތިން ދިވެއްސަކު އިންތިޚާބުވެއްޖެއެވެ.

އެގޮތުން ސާފްގެ މާކެޓިން އެންޑް ކޮމިއުނިކޭޝަންސް ކޮމިޓީގެ މެމްބަރަކަށް އިންތިޚާބުވީ، މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ އަދި ކޮމަންޓްރޭޓަރު ޢަބްދުﷲ އަޒްމީނެވެ. އަޒްމީނަކީ އެފްއޭއެމްގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ކޮމިޓީގެ ޗެއާޕާސަންގެ ޒިންމާވެސް އުފުލާ ފަރާތެވެ. އަދި އޭނާ އަކީ ކުލަބު ވެލެންސިއާގެ ޗެއާމަންވެސް މެއެވެ. އަޒްމީން ފާހަގަކުރެވެނީ ނޫސްވެރިކަމުގައި އަދި އެހެނިހެން ގޮތްގޮތުން ވެސް ދިވެހި ފުޓުބޯޅައަށް އަގުނުކުރެވޭ އެތައް ޚިދުމަތެއް ކޮށްދީފައިވާ ފަރާތެއްގެ ގޮތުގައެވެ.

އަޒްމީންގެ އިތުރުން، އެފްއޭއެމްގެ ސީނިއަރ ނައިބު ރައީސް ޢަލީ އިބްރާޙީމް ވަނީ ސާފްގެ މުބާރާތްތަކާ ބެހޭ ކޮމިޓީ، ސާފް ކޮމްޕެޓިޝަން ކޮމިޓީގެ މެމްބަރު ކަމަށް އިންތިޚާބުވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ ޢަލީ އިބްރާޙީމަކީ، ރާއްޖޭގެ އެންމެ ޝަރަފުވެރި އެއް ކުލަބުކަމުގައިވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ސީނިއަރ ވައިސް ޗެއާމަންކަން ވެސް ކުރައްވަމުން ގެންދަވާ ފަރާތެވެ. އެފްއޭއެމްގެ އައު ލީޑަރޝިޕްގައި ޢަލީ އިބްރާޙީމް ފާހަގަކުރެވެނީ މުހިންމު ހިއްސާއެއް އަދާކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.

މީގެއިތުރުން، ސާފް ވިމަންސް އެޑް ހޮކް ކޮމިޓީގެ މެމްބަރު ކަމަށް ހައްވާ ރަޝީދާ އިންތިޚާބުވިއިރު، އޭނާ އަކީ އެފްއޭއެމްގެ އެކްސްކޯ މެމްބަރެކެވެ. ހައްވާ ފާހަގަކުރެވެނީ އަންހެން ފުޓުބޯޅައިގެ ހިންގުމުގައި މުހިންމު ދައުރެއް އަދާކުރާ ފަރާތެއްގެ ގޮތުގައެވެ.

ފާއިތުވީ އަހަރުތަކުގެ ތެރޭގައި، އެފްއޭއެމްގެ ކުރީގެ ވެރިން ކަންކޮށްފައިވާ ގޮތުގެ ސަބަބުން ސަރަހައްދީ ފުޓުބޯޅަ ޖަމިއްޔާތަކާއި ދުނިޔޭގެ ފުޓުބޯޅައިގެ މައި ޖަމިއްޔާއާއި ރާއްޖޭގެ އެފްއޭއާ ދެމެދު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އެ ޖަމިއްޔާތަކުން ރާއްޖެއަށް އެހީގެ ގޮތުގައި ދީފައިވާ ފައިސާއަށް، އެފްއޭއެމްގެ އޭރުގެ ވެރިން ހިޔާނާތްތެރިވެފައި ވުމާއިއެކު، އެ ޖަމިއްޔާތަކުން ވަނީ ރާއްޖެއާ ދެކޮޅަށް ފިޔަވަޅުތަކެއް ވެސް އަޅާފައެވެ.

އެހެންނަމަވެސް އެފްއޭއެމްގެ ޒައާމަތާއި އަޙްމަދު ޠާރިޤް ޙަވާލުވެވަޑައިގެންނެވިފަހުން، އޭނާއާއި އޭނާގެ ޓީމުން ކުރަމުން އަންނަ ކާމިޔާބު މަސައްކަތްތަކާއެކު، އެފްއޭއެމާއި ބައިނަލްއަޤުވާމީ ފުޓުބޯޅަ ޖަމިއްޔާތަކާ ދެމެދު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅުވާން ފަށާފައެވެ.

އެކަމުގެ ހެއްކެއްގެ ގޮތުގައި، އޭއެފްސީއަށް ރާއްޖެއިން ދައްކަން އޮތް 3.9 ،މިލިއަން ރުފިޔާގެ ދަރަނި މައާފުކޮށްދިނުމާއި ފަންޑިން ސަސްޕެންޝަން އުވާލުން ފާހަގަކޮށްލަން ޖެހެއެވެ.