ޚަބަރު

ޕްލާސްޓިކް ކުންޏާބެހޭ މުޢާހަދާގައި ސިޑްސް ހިމެނުމަށް ގޮވާލައިފި


  • ރާއްޖެއިން ވަނީ ޕްލާސްޓިކް ކުނީގެ ސަބަބުން ސިޑްސްގެ ޤައުމުތަކަށް ދިމާވާ މައްސަލަތައް ފާހަގަކޮށްފައި

ޕްލާސްޓިކް ކުންޏާބެހޭ މުއާހަދާ އެކުލަވާލާއިރު ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުން ތަހައްމަލު ކުރަމުންދާ ކަންކަން ހިމެނުމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ.

ތައިލޭންޑްގެ ވެރިރަށް ބޭންގްކޮގްގައި ބޭއްވި ޕްލާސްޓިކް ކުންޏާއި ގުޅޭ ސަރުކާރުތަކުގެ މަޝްވަރާ ކޮމެޓީ (އައިއެންސީ)ގެ ބައްދަލުވުމުގައި ދިވެހިރާއްޖޭއިން ވަނީ ބައިވެރިވެފައެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލްކޮށްފައިވަނީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާގެ ލީގަލް ކައުންސެލް، އަލްއުސްތާޛާ ފަޒީލާ އަޙުމަދު ޝަހީމް އާއި އެންވަޔަރަންމަންޓް އެނަލިސްޓް، ފާތިމަތު ޝަމްރާއެވެ. މިއީ ކޮމެޓީގެ ޤައުމުތަކުގެ ވަފުދުތަކުގެ އިސްވެރިންގެ ނުރަސްމީ ދެވަނަ ބައްދަލުވުމެވެ.


މި ކޮމެޓީއަކީ ބައިނަލްއަޤްވާމީ ޕްލާސިޓިކް ކުންޏާބެހޭ މުއާހަދާ އެކުލަވާލުމުގެ މަސައްކަތް ކުރުމަށް އދ. އިން ފާސްކޮށްފައިވާ ޤަރާރަކުން އުފައްދާފައިވާ ކޮމެޓީއެކެވެ.

ކޮމެޓީ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ވަނީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ޕްލާސްޓިކް ކުނީގެ ސަބަބުން ކުރިމަތިވާ ފަރަޤު ބޮޑު އަދި ސަރަޙައްދީ އިމުން ބޭރުން އަންނަ ނޭދެވޭ އަސަރުތަކަށް އަލިއަޅުއްވާލައްވާފައެވެ. އަދި ކުދި ޖަޒީރާ ޤައުމުތަކުގެ ޚާއްޞަ ޙާލަތްތަކާއި ނާޒުކުކަން ހަމައެކަނި ބަލައިގަތުމުގެ ބަދަލުގައި، މުޢާހަދާގެ ފަހު ލިޔުމުގައި އެކަންކަން މާނަހުރި ގޮތެއްގައި ހިމަނައި، އެކަންކަމަށް ޢަމަލީ ސިފައެއް ގެނައުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ޕްލާސްޓިކް ކުންޏާބެހޭ މުޢާހަދާގެ އެކި މާއްދާތަކާއި ގުޅޭގޮތުންނެވެ. މި ބައްދަލުވުމުގެ އަމާޒަކީ 2027 ވަނަ އަހަރުގެ މާރިޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އައިއެންސީ ގެ 5 ވަނަ ސެޝަންގެ 4 ވަނަ ބައިގައި މި މުޢާހަދާ އެކުލަވާލައި ނިންމާލުމަށްޓަކައި، ޤައުމުތަކުގެ މެދުގައި އެއްބަސްވުމަކަށް އައުމަށް މަސައްކަތްކުރުމެވެ.