ޚަބަރު

ސިއްޙީ މަރުކަޒުތައް 24 ގަޑިއިރަށް، ކުރަމުންދިޔަ ބޮޑުހޭދަ ނިމުމަކަށް!


  • މިއީ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެއް

  • ހުރިހާ ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކުރުމަކީ ސަރުކާރުގެ އަމާޒު

ލެބޯޓަރީގެ ޚިދުމަތާއެކު ޞިއްޙީ މަރުކަޒުތަކުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުވެގެން ދިޔުމަކީ، ޓެސްޓުތައް ހެދުމަށް ރައްޔިތުން ކުރަންޖެހުނު ދިގު ދަތުރުތަކަށް ނިމުމެއް އައިސް، ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ށ. މަރޮށީ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށައި، އެ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމަށްޓަކައި އެ ރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރުގެ ވާހަކަފުޅުގައި، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް މިހާރު އިންޤިލާބީ ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކުރެއްވިއެވެ. އެގޮތުން ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމަކީ ރައްޔިތުންގެ ކުރިއެރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ.

މީގެ ކުރިން އާދައިގެ ލޭގެ ޓެސްޓެއް ހެދުމަށް ވެސް އެހެން ރަށަކަށް ދަތުރުކުރަން ޖެހުމުގެ ސަބަބުން ވަގުތާއި އަތުންދާ ޚަރަދުގެ އިތުރުން ބަލިމީހުން އުފުލަންޖެހޭ ތަކުލީފުތައް އިންތިހާއަށް ބޮޑުވެގެން ދިޔަކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ނަމަވެސް ލެބޯޓަރީގެ ޚިދުމަތް ފެށުމާއެކު އެ ދަތިކަމަށް ޙައްލެއް ލިބިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ރަށުގައި ތިބެގެން ބަލި ދެނެގަނެވި އަވަހަށް ޓެސްޓުތައް ހަދައި ފަރުވާ ފެށުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ސިއްޙީ މަރުކަޒުތަކުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުވެގެން ދިޔުމަކީ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔަކާއި ކުރިއެރުމެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ.

"ބައްޔަކީ ނުވަތަ ކުއްލި ހާލަތަކީ ވަކި ވަގުތެއް ބަލާފައި އަންނަ ކަމެއް ނޫން. ދަންވަރު ވިއަސް ކުއްލި ފަރުވާއަށް ބޭނުން ވުމުން ދޮރުހުޅުވިފައި ހުރި މަރުކަޒަކަށް ތައްޔާރަށް ތިބި ސިއްހީ ހިދުމަތްތެރިން ރަށުން ލިބެން ހުރުމަކީ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް އެޅިގެންދާނެ ފިޔަވަޅެއް. މި ބަދަލާއެކު ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ ފަރާއްތަކަށާއި އުމުރުން ދުވަސްވީ މީހުންނަށާއި ކުޑަކުދިންނަށް ބޭނުންވާ ފަރުވާ އެއްވެސް ދަތިކަމެއް ނެތި ލިބިގެންދާނެ" ވަޒީރު ޤީލާ އަލީ ވިދާޅުވިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ރިޔާސީ ވަޢުދުފުޅެކެވެ. މިހާތަނަށް ލެބޯޓަރީގެ ޚިދުމަތް ލިބެން ނެތް 76 ރަށެއްގައި މި ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ދަނީ ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދަމުންނެވެ. ލެބޯޓަރީގެ ޚިދުމަތާއެކު ގިނަ ސިއްޙީ މަރުކަޒުތަކެއްގެ ޚިދުމަތް 24 ގަޑިއިރަށް ދަނީ ބަދަލު ކުރަމުންނެވެ. ސިއްޙީ މަރުކަޒުތަކަށް ޖާގަ އިތުރުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.