އެފްއޭއެމް އެވޯޑްސް ހަފްލާގައިދޭ ފުޓުބޯޅައިގެ ފާއިތުވީ ސީޒަނުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިންގެ ނޮމިނޭޝަން އިއުލާނުކޮށްފިއެވެ.
އެފްއޭއެމް އިން އިއުލާނުކޮށްފައިވާ ނޮމިނޭޝަނުގައި، ފާއިތުވީ ސީޒަނުގެ އެންމެ މޮޅު ފަސް ކުޅުންތެރިން އިއުލާނުކޮށްފައިވާއިރު، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ފާއިތުވީ ސީޒަނުގައި ކުޅުނު ދެކުޅުންތެރިއަކު ހިމަނާފައިވެއެވެ. އެއީ ބްރެޒިލްގެ ގިލެރްމޯ ޑަސިލްވާއާއި ނައިޖީރިއާގެ ފޯވާޑް، އަލް ހާޖީ ޖެރޯ ހިމެނެއެވެ.
މީގެތެރެއިން އަލްހާޖީ ޖެރޯ މިހާރު ކުޅެމުން ދަނީ ނިއުރޭޑިއަންޓާ ވާދަވެރި ވިކްޓްރީ ސްޕޯޓްސް ކުލަބަށެވެ. ޖެރޯއާއި ޑަސިލްވާ އަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން އެނބުރި ފުރަތަމަ ޑިވިޝަނަށް އައިސް ޓީމު ވަރުގަދަ ކުރުމަށް ކުރި މަސައްކަތުގައި ޓީމަށް ގެނައި ބިދޭސީ ހަތަރު ކުޅުންތެރިންގެ ތެރެއިން ދެ ކުޅުންތެރިންނެވެ. އެހެންނަމަވެސް އައު ސީޒަން ފެށުނުއިރު ޓީމު އިތުރަށް ވަރުގަދަކުރުމުގެ ގޮތުން ނިއުއިން ބްރެޒިލްގެ ޑޮރިއެލްޓަން ގޮމޭސް ގެނައިއިރު، ޖެރޯއަށް ނިއުގެ ސްކޮޑުން ފުރުސަތެއް ނުލިބުނެވެ. އެހެންނަމަވެސް ފާއިތުވީ ސީޒަނުގައި ވެސް އަދި މި ސީޒަނުގެ މިހާތަނަށް ވެސް ނިއުއިން ކުޅޭ މެޗުތަކުގައި ޑަސިލްވާ މުހިންމު ދައުރެއް އަދާކޮށް، މުހިންމު ގޯލުތަކެއް ވެސް ވަނީ ޖަހާފައެވެ.
ޑަސިލްވާ ވަނީ މިދިޔަ ސީޒަނުގައި ނިއުގެ ޖާޒީގައި މިޑްފީލްޑަރެއްގެ ގޮތުގައި 18 މެޗު ކުޅެ، 9 ލަނޑު ޖަހައިދީފައެވެ. އަދި ތިން މެޗެއްގެ މޭން އޮފް ދަ މެޗުކަން ވެސް ހޯދާފައިވެއެވެ.
އެންމެ މޮޅު ބިދޭސީ ކުޅުންތެރިންގެ ލިސްޓުގައި ދެން ހިމެނޭ އެއް ކުޅުންތެރިއަކީ ޖެރޯ މިހާރު އެ ކުލަބަކަށް ކުޅޭ ވިކްޓްރީއަށް ކުޅެފައިވާ މިލޯސް ލެކްނީއެވެ. ފާއިތުވީ ސީޒަނުގައި މިލޯސް ވަނީ ވިކްޓްރީއަށް ލީގުގައި އޮޓޮމެޓިކް ކޮލިފިކޭޝަނެއް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. މިދިޔަ ސީޒަނުގައި ޖެރޯ ވަނީ ނިއުގެ ޖާޒީގައި ކުޅުނު 12 މެޗުން 11 ލަނޑު ޖަހައިދީފައެވެ. އަދި ދެ މެޗުގައި މޭން އޮފް ދަ މެޗުކަން ވެސް އޭނާ ހޯދާފައިެވއެވެ.
މީގެއިތުރުން ދެން މި ނޮމިނޭޝަނުގައި ހިމެނެނީ ލީގު ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅެފައިވާ ސާޖިއޯ އިގްލޭސިއަސް (މެންޑީ) އެވެ. މީގެކުރިން އިންޑިއާ އަދި ބްރޫނާއީގެ ބައެއް ޓީމުތަކަށް ވެސް ކުޅެފައިވާ މެންޑީ ވަނީ މާޒިޔާއަށް ކުޅެދިން 14 މެޗުން 13 ލަނޑު ޖަހައިދީފައެވެ. އެއީ ލީގުގައި ޖެހި 12 ލަނޑާއި ޕްރެޒިޑެންޓްސް ކަޕުގައި ޖެހި އެއް ލަނޑެވެ. މެންޑީ ވަނީ މާޒިޔާއަށް ލީގު ހޯދައިދިނުމުގައި އިސް ދައުރެއް އަދާކޮށްފައެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި 4 މެޗުގައި މޭން އޮފް ދަ މެޗުކަން ހޯދާފައެވެ.
މި ލިސްޓުގައި ދެން ހިމެނެނީ ފުރަތަމަ ޑިވިޝަނުގައި ޑެބިއު ސީޒަނުގައި ތާރީޚީ ކާމިޔާބީތަކެއް ހޯދި އޮޑި ސްޕޯޓްސް ކުލަބާ މި ސީޒަނުގައި ގުޅުނު، މިދިޔަ ސީޒަނުގައި ލީގު ތާވަލުގެ ހަތަރުވަނަ ހޯދި ބުރު ސްޕޯޓްސް ކުލަބަށް ކުޅެފައިވާ ބްރެޒިލްގެ ފޯވާޑް ހަޑްސަން ޑިއާޒް ޑެ ޖެސޫސްއެވެ. ހަޑްސަން ވަނީ މިދިޔަ ސީޒަނުގައި ބުރަށް ކުޅެދިން 16 މެޗުން 12 ލަނޑުޖަހައިދީ 5 މެޗުގެ މޭން އޮފް ދަ މެޗުކަން ހޯދާފައެވެ.
އަށް އަހަރުގެ މެދުކެނޑުމަކަށްފަހު ބާއްވާ އެފްއޭއެމް އެވޯޑްސް ހަފްލާ އޮންނާނީ މި ހަފްތާގެ ބުރާސްފަތި ދުވަހުގެރެއެވެ. މި ހަފްލާގައި އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ އިތުރުން 11 އެވޯޑެއް ދޭނެއެވެ.