ޚަބަރު

މަނަދޫ ފުޓްބޯޅަ ދަނޑުގައި ލައިޓް ހަރުކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި


  • 2.2 މިލިއަން ރުފިޔާއަށް 120 ދުވަހުން ނިންމަން ހަވާލުކުރި މަސައްކަތެއް

  • ލައިޓިން ސިސްޓަމެއް ހަރުކުރެވުމުން ރޭގަނޑު ކުޅުމުގެ ފުރުސަތު ލިބޭނެ

ނ މަނަދޫ ފުޓްބޯޅަ ދަނޑުގައި ލައިޓިން ސިސްޓަމް ހަރުކުރުމުގެ މަސައްކަތް މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި، މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ، މުހައްމަދު ނަވީޒް އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މި ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، މުޙައްމަދު ޖަމްޝީދު އެވެ.

ނ މަނަދޫ ފުޓްބޯޅަ ދަނޑުގައި ލައިޓިން ސިސްޓަމް ހަރުކުރުމުގެ މަސައްކަތުގެ ދަށުން، ލައިޓިން ސިސްޓަމް ހަރުކުރުމަށްޓަކައި ބިންގަނޑު ކޮނުމާއި، ކޮންކްރިޓް މަސައްކަތާއި، ވެލްޑިން މަސައްކަތާއި އަދި ކަރަންޓު ވަޔަރިން މަސައްކަތް ކުރާނެއެވެ.

މިމަޝްރޫއަކީ 2.2 މިލިއަން ރުފިޔާއަށް 120 ދުވަސް ތެރޭ ނިންމަން މިކުންފުންޒާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

3,000 މީހުންގެ އާބާދީއެއް އޮންނަ ނ. މަނަދޫ އަކީ އަތޮޅުގެ ވެރިކަން ކުރާ ރަށެވެ. އެހެންކަމުން، އަތޮޅުގެ އެހެން ރަށްރަށުން އެކިކަހަލަ ޚިދުމަތް ހޯދުމަށް މިރަށަށް ބަރޯސާވެއެވެ. އެގޮތުން، މިރަށުގައި އަތޮޅު ފެންވަރުގެ އެކިއެކި ކުޅިވަރު މުބާރަތްތައްވެސް ބާއްވައެވެ.

މިރަށުގެ ޒުވާނުންނަކީވެސް ފުޓްބޯޅަ ކުޅުމަށް ފޯރި ހުންނަ ބަޔަކަށްވުމާއެކު، ފުޓްބޯޅަ ދަނޑުގައި ލައިޓިން ސިސްޓަމެއް ހަރުކުރެވުމުން، ރޭގަނޑުވެސް މި ދަނޑުގައި ފުޓްބޯޅަ ކުޅުމުގެ ފުރުސަތު ލިބޭނެއެވެ.

ވޭތުވެދިޔަ 45 އަހަރުތެރޭ އެމްޓީސީސީން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމައިފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިންމު މަރުޙަލާއެއްގައެވެ.

ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީއިން ވާނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.