ޚަބަރު

ޕެރޯލް ނިޒާމް އިތުރަށް ހަރުދަނާކުރަން ޤާނޫނަށް އިސްލާޙު ގެންނަނީ


  • ޤާނޫނީ ނިޒާމް އިތުރަށް ވަރުގަދަކުރާނެކަމަށް ވިދާޅުވި

  • ޤާނޫނަށް ބަދަލުގެނައުމުގެ މަސައްކަތް ވަނީ ފަށާފައި

ޕެރޯލް ނިޒާމް އިތުރަށް ފުރިހަމަކުރުމަށް ޕެރޯލް ޤާނޫނަށް އިސްލާޙުގެންނަން ނިންމާފައިވާކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވަނީ ޕެރޯލް ޤާނޫނު މިހާރަށް ވުރެ ފުރިހަމަކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ. މިހާރު އަމަލިކުރަމުންދާ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު އެކުލަވާލެވުނީ 2013ވަނަ އަހަރެވެ. އޭގެ ފަހުން މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނުފަދަ ޤާނޫނުތަކަށް ބަދަލު އައިސްފައިވާތީ، ޕެރޯލް ޤާނޫނު އިތުރަށް އިސްލާޙުކުރަންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. ޕެރޯލް ޤާނޫނަށް ގެންނަ އިސްލާޙުތަކުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ޑްރަގް ޓްރެފިކިންގެ ބޮޑެތި މައްސަލަތަކުގައި ހިމެނޭ މީހުން، ޕެރޯލްގެ ޤާނޫނުގެ ދަށުން ދޫވެގެން މުޖުތަމަޢުއަށް ނުކުތުމަށް ފުރުސަތު ނުދިނުމަށްޓަކާ، އެ ޤާނޫނު އިސްލާޙުކޮށް ފުރިހަމަކުރުން މުހިންމުކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ޤާނޫނީ ނިޒާމް އިތުރަށް ވަރުގަދަކުރާނެކަމަށް ވިދާޅުވިއެވެ.

"ޕެރޯލް ޤާނޫނުގައި ވަރަށް ސާފުކޮށް އިޖުރާޢަތުތައް ބަޔާންކޮށްދޭ. ސަރުކާރުގެ ސިޔާސަތެއް ނޫން މި ބާވަތުގެ ކަންކަމުގައި މީހުން ދޫވެގެން ދިއުމަކީ. އަދުގެ ސަރުކާރުން ރައްޔިތުންގެ ސަލާމަތް ކޮމްޕްރޮޕައިޒްވާނެ އެއްވެސް ކަމެއް ނުކުރާނެ. ޝޯޓްކަޓެއް ނުނަގާނެ." ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ޕެރޯލްއާ ގުޅޭ ކަންކަން ބަޔާންކުރަނީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު (ޤާނޫނު ނަންބަރު 14/2013) ގެ ދަށުންނެވެ. ޕެރޯލް އަކީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ގައިދީންގެ ތެރެއިން ޝަރުތު ހަމަވާ މީހުން، އެ މީހުންގެ ހުކުމުގެ ބާކީބައި މުޖުތަމައުގައި ހުރެގެން ވަކި ޚާއްޞަ ޝަރުތުތަކަކާއެކު ތަންފީޒު ކުރުމަށް ދެވޭ ފުރުޞަތެކެވެ. ޕެރޯލްގެ މައިގަނޑު މަޤްޞަދަކީ ކުށްވެރިން އިޞްލާޙުކުރުމަށް ފުރުސަތު ދިނުމާއި، ކުށްވެރިން އަލުން މުޖުތަމަޢަށް ނެރުމަށް މަގުފަހިކޮށްދިނުމެވެ.

ޕެރޯލްގެ ދަށުން ގައިދީން ދޫކުރުމާއި، ޕެރޯލް ބާތިލުކުރުމުގެ އެންމެހައި ނިންމުންތައް ނިންމަނީ މި ޤާނޫނުގެ ދަށުން އުފައްދާފައިވާ ޕެރޯލް ބޯޑުންނެވެ. ޕެރޯލްގެ ޝަރުތުތަކުގެ ތެރޭގައި، ޖަލުގައި ހުކުމް ތަންފީޛު ކުރަމުންދާއިރު އަޚުލާޤު ރަނގަޅު މީހަކަށްވުމާއި، ޤާނޫނުގައި ބަޔާންކުރާ ވަކި މުއްދަތެއް ޖަލުގައި ހޭދަކޮށްފައިވާ މީހަކަށްވުން ހިމެނެއެވެ.

ޕެރޯލްގައި ހުންނަ މުއްދަތުގައި ކަނޑައެޅޭ ޝަރުތުތަކާ ޚިލާފުވެއްޖެ ނަމަ ނުވަތަ އިތުރު ކުށެއް ކޮށްފި ނަމަ ޕެރޯލް ބާތިލުކޮށް އަލުން ޖަލަށް ބަދަލުކުރެވޭނެކަމަށް ޤާނޫނުގައި ބުނެފައިވެއެވެ.