ވަކި އެއްޗެއް ނާންގައި ގައުމީ ޓީމުން ވަކިވީ، ކޯޗު ޖޯޖް ޖެސޫސް ތަކުރާރުކޮށް ވައުދަށް އިހްތިރާމު ނުކުރުމުން ކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.
ހުސްވި ހަފުތާގައި ރޮނާލްޑޯ ގައުމީ ޓީމުން ވަކިވީ، ނޯވޭ އަތުން ޕޯޗުގަލް 2-1އިން މޮޅުވި ފުރަތަމަ މެޗަށް ފަހުއެވެ. އޭނާ ފުރައިގެން ދިޔައީ ސްޕޭނަށެވެ. މިހާރު ހުރީ ސައޫދީ ލީގުގައި ކުޅެން އެ ގައުމުގައެވެ.
މިކަމާ ބެހޭ ގޮތުން ރޮނާލްޑޯ ނެރުނު 2000 ބަހުގެ ބަޔާނުގައި ބުނެފައިވަނީ ކޯޗުގެ ފުރަތަމަ ޕްލޭނަކަށްވީ މިފަހަރުގެ އިންޓަނޭޝަނަލް ބްރޭކްގެ ހަތަރު މެޗުގެ ތެރެއިން ފުރަތަމަ އަދި ފަހު މެޗު އޭނާ ލައްވައި ކުޅުވައި އަނެއް ދެ މެޗުގައި އޭނާ ޓީމުގައި ނުހިމަނަން ކަމަށެވެ. ނަމަވެސް އޭނާގެ ފިޓްނަސްއާ ގުޅުވައިގެން ދެއްކި ވާހަކައަށް ވަގުތުން ދެކޮޅު ހެދި ކަމަށާއި ފަހުން ޤައުމީ ކޯޗު އޭނާގެ ގެއަށް އައިސް ބައްދަލު ކުރުމަށްފަހު ކޮންމެ މެޗެއްގައި ވެސް ޓީމުން ފުރުސަތު އޮންނާނެ ކަމަށް ބުނެފައިވާ ކަމަށެވެ.
"ފުރަތަމަ ހުށަހެޅީ ޑެންމާކާއި ނޯވޭ މެޗުގައި އަހަރެން ލައްވާ ނުކުޅުވަން. އެކަމަށް އަހަރެން އިންކާރު ކުރީމާ ފަހުން ހުށަހެޅީ އެ ދެ މެޗުގައި ވެސް އަހަރެން ޓީމުގައި ހިމަނަން. އަދި ކޯޗު އަހަރެން ގާތުގައި ބުނެފައި އޮތީ އަހަރެން ލައްވައި ނޯވޭ މެޗުގެ 30 މިނިޓް ކުޅުވާނެ ކަމަށް. އެކަމަކު ވަރމްއަޕް ކުރުވާފައި އަހަރެންނަށް ފުރުސަތު ނުދިން. އޭގެ ކުރީ މެޗުގައި އަހަރެން ބަދަލު ކުރި. އެކަމާ އަހަރެންގެ އެއްވެސް މައްސަލައެއް ނެތް. އެކަމަކު ޓީމުން ފުރުސަތު ނުދީ ހުރެފައި އެންމެން ކާން ތިއްބައި އެސިސްޓެންޓް ކޯޗު އައިސް ބުނީ ކޯޗު އަހަރެންނާ ވާހަކަ ދައްކަން ބޭނުމޭ. މި ހިސާބުން އަހަރެން ނިންމީ ގައުމީ ޓީމުން ދާން،" ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ ފޯވަޑް ބުންޏެވެ.
އުމުރުން 41 އަހަރުގެ ރޮނާލްޑޯ ބުނީ އަރާމު ކުރުމަކީ އޮތްކަމެއްކަން އެންމެނަށް ވެސް އެނގޭ ކަމަށާއި ނަމަވެސް އޭނާގެ ފިޒިކަލް ފިޓްނަސް ދަށް ކަމަށް ބުނެ ވަކި މެޗުތަކެއް ނުކުޅެން ހުށަހެޅުމުން އެކަން ގަބޫލު ނުކުރާނެ ކަމަށެވެ.
"މިއީ އޭނާގެ ބަހަށް އޭނާ އިހްތިރާމް ނުކުރި ދެ ވަނަ ފަހަރު. އަހަރެން ގައުމީ ޓީމުން ދިޔައީ އިތުރަށް އޭނާ އަހަރެންނާ ވާހަކަ ދައްކައި އައު ކަށަވަރު ކަމެއް ދިނުމުގެ ކުރިން (އެ ފުރުސަތު ނުދޭން ވެގެން). މިކަމާ ގުޅިގެން އަހަރެން ޕޯޗުގަލް ގައުމީ ޓީމަށް ކުޅުން ހުއްޓައެއް ނުލާނަން. އަހަރެން ކުލަބުގައި ރަނގަޅަށް ކުޅެ ގޯލް ޖެހޭހައި ދުވަހަކު އަހަރެން ގައުމީ ޓީމަށް ހިދުމަތް ކުރާނަން. އަހަރެން މި ހުރީ މި ހިނގައިދިޔަ ކަންކަން ބެލުމަށްފަހު ޕޯޗުގަލް ގައުމީ ޓީމުން އަހަރެންނަށްދޭ ކޮންމެ އަދަބަކަށް ފަހު އަލުން ގައުމީ ޓީމަށް ކުޅެން ތައްޔާރަށް،" ރޮނާލްޑޯ ބުންޏެވެ.
އޭނާ ބުނީ އަލުން ގައުމީ ޓީމަށް ކުޅެން ތައްޔާރަށް ހުރި ނަމަވެސް މި މައްސަލައިގައި ކޯޗު އޭނާގެ ކިބައިން ކޮންމެހެން މައާފަށް އެދެން ނުޖެހޭ ކަމަށެވެ. ނަމަވެސް އާއްމުކޮށް މިކަން އޮޅުން ފިލުވައިދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.
"ވޯލްޑް ކަޕަށް ފަހު ޕޯޗުގަލް އެފްއޭގެ ރައީސް އަހަރެންނަށް ގުޅައި ވާހަކަ ދައްކަމުން ގައުމީ ޓީމުގައި އަހަރެން ހުރުމަށް އެދުނު. އަހަރެން މުހިންމު ވާހަކަ ވެސް ބުނި. އަދި އައު ކޯޗަކަށް ގެނައުމަށް ރަނގަޅީ ކާކުތޯ އަހައި އަހަރެންގެ ހިޔާލު ހޯދި. އަހަރެން ބުނިން ޖެސޫސް ރަނގަޅު ވާނެ ކަމަށް. އެ ދުވަހު ކޯޗެއްގެ ގޮތުގައި ޖެސޫސް ތައާރްފަ ކުރި. އަހަރެން މި ނިންމުމާމެދު އުފާކުރިން، ރޮނާލްޑޯ ބުންޏެވެ.
ނަމަވެސް މި މައްސަލައިގައި ޖެސޫސް މިހާތަނަށް ވެސް ބުނަމުންދިޔައީ ރޮނާލްޑޯއާ އެއްވެސް މައްސަލައެއް ނެތް ކަމަށާއި ގައުމީ ޓީމުން އޭނަ އަށް ފުރުސަތު އޮންނާނެ ކަމަށެވެ.
"އޭނާ ލައްވައި 30 މިނިޓް (ނޯވޭ މެޗުގައި) ކުޅުވަން އަހަރެން ތައްޔާރުވިން. އެކަމަކު އެ މެޗުގައި ޖޮންގާލޯ ރާމޯސް ގޯލު ޖަހައި މޮޅަށް ކުޅެމުން ދަނިކޮށް އޭނާ ބަދަލު ކުރަން އަހަރެންނަސް ނުވިސްނުނީ. މެޗުގެ އޮއިވަރު ދިޔަ ގޮތުން ރޮނާލްޑޯ އަރުވަން ފުރުސަތު ނުލިބުނީ،" ކޯޗު ބުންޏެވެ.