ޚަބަރު

ސިނަރއަށް އަނިޔާވެ، މިސީޒަންގައި ނުފެންނާނެ


  • ސިނަރގެ ކަކުލަށް އަނިޔާވެފައިވަނީ ވިމްބަލްޑަން މުބާރާތް ތެރޭގައި

ދުނިޔޭގައި އެއްވަނައަށް ރޭންކް ކުރެވިފައިވާ ފިރިހެން ޓެނިސް ކުޅުންތެރިޔާ އިޓަލީވިލާތުގެ ޔަނިކް ސިނަރގެ ކަނާތު ކަކުލަށް ލިބިފައިވާ އަނިޔާ ރަނގަޅުނުވެ ދިގުލައިގެންދާތީ މިސީޒަންގައި އިތުރަށް ނުކުޅެވޭނެކަނަށް އޭނާ ހާމަކޮށްފިއެވެ.

ސިނަރ މިކަން ހާމަކޮށްފައިވަނީ އިންސްޓަގްރާމްގައި އާންމު ކުރި ވީޑިއޯ މެސެޖެއްގައެވެ. ސިނަރ ބުނީ އޭނާ މިސީޒަންގައި އިތުރަށް ނުކުޅެން ނިންމީ މިވަގުތަށްވުރެ ބޮޑަށް މުސްތަގްބަލަށް ވިސްނުމަށްފަހު ކަމަށެވެ. އަދި އޭނާގެ ކަކުލަށް ލިބިފައިވާ އަނިޔާއިން އެއްކޮށް ރަނގަޅުވެގެން ކުޅުމުގެ ތެރެއަށް އަންނަން ބޭނުންވާކަމަށްވާނަމަ އެންމެ ރަނގަޅު ގޮތަކީ މިސީޒަންގެ ބާކީ އޮތް ބައިގާ ނުކުޅެ ކަކުލަށް ފަރުވާހޯދުން ކަމަުގައި އޭނާ ފާހަގަ ކުރިއެވެ. އަދި މިނިންމުން އޭނާ ނިންމާފައިވަނީ ޑޮކްޓަރުންނާއި މަޝްވަރާ ކުރުމަށްފަހު ކަމަށް ސިނަރ ބުންޏެވެ. އަދި ކަކުލަށް ލިބިފައިވާ އަނިޔާއިން އެއްކޮށް ރަނގަޅުވެގެން ކުޅުމުގެ ތެރެއަށް އާދެވޭތޯ މަސައްކަތްކުރާނެ ކަމަށް ސިނަރ ހާމަކުރިއެވެ.

މިއަހަރު ބޭއްވި ވިމްބަލްޑަން ޓެނިސް މުބާރާތް ޖުލައި މަހު ކާމިޔާބު ކުރުމަށްފަހު ސިނަރ މިހާތަނަށް މެޗެއް ކުޅެފައެއް ނުވެއެވެ. މިމެޗާއި ހަމައަށް ސީޒަންގެ ކުރީބަޔަށް ބަލާނަމަ ސިނަރ ވެފައިވީ އެންމެ ކާމިޔާބު ކުޅުންތެރިޔާ އަށެވެ. މިގޮތުން އެހާތަނަށް ކުޅުނު 44 މެޗުގެ ތެރެއިން ބަލިވެފައިވަނީ ސިންގަލްސް ތިން މެޗުންނެވެ. ނަމަވެސް މިތިން މެޗުގެ ތެރޭގައި އޮސްޓްރޭލިއަން އޯޕަންގެ ސެމީފައިނަލްގައި ނޯވަކް ޖޯކޮވިޗް އަތުން ބަލިވުމާއި ފްރެންޗް އޯޕަންގެ ދެވަނަ ބުރުގައި ހުއާން މަނުއެލް ސެރުންޑޮލޯ އަތުން ބަލިވުން ހިމެނެއެވެ. ސިނަރވަނީ މިސީޒަންގައި މާރޗް މަހާއި މެއި މަހާއި ދެމެދު މާސްޓަރސް ވަން ތައުޒަންޑްގެ ފަސް މުބާރާތް ޖެހިޖެހިގެން ކާމިޔާބު ކޮށްފައެވެ.

ސިނަރއަށް ލިބިފައިވާ އަނިޔާގެ ސަބަބުން އަހަރު ނިމޭއިރު ދުނިޔޭގެ ރެންކިންގެ އެއްވަނަ އޭނާއަށް ގެއްލިގެންދާނެކަން މިހާރުވަނީ ގާތް ގަޑަކަށް ކަޝަވަރުވެފައެވެ. އެއީ އޭނާ އާއި ދެވަނައިގާ އުޅޭ ޖަރުމަނުވިލާތުގެ އެލެގްޒެންޑަރ ޒުވަރޭވް އާއި ދެމެދުވަނީ 1280 ޕޮއިންޓްގެ ތަފާތު ކަމުންނެވެ. އަދި މިސީޒަންގައި ބާކީ ދެތިން މުބާރާތް އޮތުމާއެކު ޒުވަރޭވްއަށް ކުރި ހޯދޭނެކަމަށް ގިނަ ބަޔަކު ގަބޫލް ކުރެއެވެ. މިސީޒަންގައި ސިނަރވަނީ 6 މުބާރާތް ކާމިޔާބު ކޮށްފައެވެ. އަދި އެންމެ ފަހު މުބާރާތުގެ އިތުރުން ފަހު މެޗަކަށް ވެގެންދިޔައީ ވިމްބަލްޑަންގެ ފައިނަލްގައި ޒުވަރޭވް އާއި ބައްދަލުކޮށް މޮޅުވި މެޗެވެ.

ސިނަރ އާއި އޭނާގެ އެންމެ ބޮޑު އެއް ވާދަވެރިޔާކަމަށްވާ ސްޕެއިންގެ ކާލޯސް އަލްކަރާޒްއަށްވެސް މިސީޒަން ވެފައިވަނީ އަނިޔާގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ އަހަރެއްގެ ގޮތުގައެވެ. މިގޮތުން އަލްކަރާޒްގެ އަތަށް ލިބުނު އަނިޔާގެ ސަބަބުން އޭނާއަށްވެސް ސީޒަންގެ ބޮޑުބައި ގެއްލިގެންދިޔައެވެ. މިދެ ކުޅުންތެރިން މިދިޔަ ސީޒަންގައި ކުޅުނު ގްރޭން ސްލޭމް ހަތަރު މުބާރާތުގެ ތެރެއިން ތިން މުބާރާތުގެ ފައިނަލްގައި ވާދަކުރި އިރު މިސީޒަންގައި މިދެ ކުޅުންތެރިން ކުރިމަތިލާފައިވަނީ އެންމެ މެޗެއްގައެވެ. މޮންޓެ ކާލޯ މާސްޓަރސް ފައިނަލްގައި ވާދަކުރި މެޗު ކާމިޔާބު ކޮށްފައިވަނީ ސިނަރއެވެ. މިސީޒަންގައި ގަދަ ދިހައެއްގައި ހިމެނޭ ކުޅުންތެރިންާއި ކުޅުނު މެޗުތަކުގެ ތެރެއިން ސިނަރ ބަލިވެފައިވަނީ ޖޯކޮވިޗް އާއި ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ.