ޚަބަރު

ސިޔާާސަތަކީ މަސްތުވާތަކެތި ޓްރެފިކް ކުރާ މީހުންނަށް ޕެރޯލް ނުދިނުން


  • މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލޭނެ އެއްވެސް ކަމަކަށް ސަރުކާރުން ފުރުސަތު ނުދޭނެ

  • މަސްތުވާތަކެތި ޓްރެފިކް ކުރާ މީހުންނަށް މަރުގެ އަދަބު ދެވޭގޮތަށް ޤާނޫނު ވަނީ އިސްލާހުކޮށްފައި

ސަރުކާރުގެ ސިޔާސަތަކީ ރައްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ޓްރެފިކް ކުރުމުގެ ކުށުގައި ބަންދުގައި ތިބޭ މީހުންނަށް ޕެރޯލްގެ ދަށުން އަދަބަށް ލުއި ދިނުމުގެ ފުރުސަތު ނުދިނުން ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޕެރޯލް ބޯޑުން ބަލަންޖެހޭ މިންވަރަށް ނުބެލި، މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގައި ހުރި މީހަކު ޕެރޯލްގެ ދަށުން ދޫކުރުމާ ގުޅިގެން އެ ނިންމުން ބަދަލުކުރިކަން ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ މައްސަލައެއް ކަމަށާއި މަސްތުވާތަކެތި ޓްރެފިކް ކުރާ މީހުންނަށް މަރުގެ އަދަބު ދެވޭނެ ގޮތަށް ޤާނޫނު އިސްލާހުކޮށްފައިވަނީވެސް އެ ބޭނުމުގައި ކަމަށެވެ. އަދި އެފަދަ ކުށްތަކުގައި ބަންދުގައި ތިބޭ މީހުން އެކި އިންތިޚާބުތަކާ ދިމާކޮށް ދޫކުރާކަން ފާހަގަކުރެވޭތީ އެފަދަ ހުކުމްތައް ކޮށްފައިވާ މީހުންގެ އަދަބު ލުއިނުކުރެވޭނެކަން ޤާނޫނުގައި ކަނޑައަޅާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިފަދަ މަސްތުވާތަކެތި ޓްރެފިކް ކުރުންފަދަ ކުށްތައް ކުރާ މީހުން ދޫކުރުމުގެ ސަބަބުން މުޖުތަމަޢަށް އޭގެ އަސަރުކުރާ ކަމަށާއި އަދުގެ ސަރުކާރުން އެފަދަ އަދަބުތަކަށް ލުއި ނުދޭން ނިންމީ އެ ސަބަބާހުރެ ކަމަށެވެ. އަދި ރާއްޖޭގެ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލޭނެފަދަ އެއްވެސް ކަމަކަށް ސަރުކާރުން ފުރުސަތު ނުދެއްވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިފަދަ ކަންކަމުގައި، ދިވެހި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމުގައި ޝޯޓްކަޓެއް ނުނަގާނަން. އަދުގެ ސަރުކާރުން އަޅުގަނޑުމެން ދިވެހި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން އެއްވެސް ވަރަކަށް ކޮމްޕްރޮމައިޒްވާނެ ކަންކަން ނުކުރާނަން. ޚާއްސަކޮށް މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަކީ އެ ފަރާތްތަކާދޭތެރޭގައި އަޅުގަނޑުމެން ޤާނޫނުގައި އޮންނަ އެންމެ ހަރުކަށިކޮށް ދެކޭ ފަރާތްތައް. އެހެންވީމަ އެ ފަރާތްތަކަށް ލުޔެއް ދޭންވެސް އެހެން ކަމެއް ކުރަންވެސް އަދުގެ ސަރުކާރުން އެއްވެސް ތާޢީދެއް ނުކުރާނެ. އަދި އެއްވެސް ނިޒާމެއްގެ ތެރެއިން މިފަދަ ކަމެއް ގޮސްފިއްޔާމުން މިހާރުވެސް މި އެޅިގޮތަށް ފިޔަވަޅުތައް އަޅުގަނޑުމެން އަޅާނަން،" ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.

ޕެރޯލްގެ ޤާނޫނުގައިވާ ގޮތުން މަސްތުވާތަކެތީގެ ތިން ބާވަތެއްގެ ކުށް ފިޔަވައި އެހެން ކުށްތަކުގައި ޖަލުގައި ތިބޭ މީހުންނަށް ޕެރޯލްގެ ފުރުސަތު ލިބޭނީ އެ މީހެއްގެ މައްޗަށް ކޮށްފައިވާ އެންމެ ދިގު ހުކުމުގެ ތިންބައިކުޅަ އެއްބައި ނުވަތަ ދެބައިކުޅަ އެއްބައި ތަންފީޒުކުރުމުންނެވެ. އަދި އެހެން ޤާނޫނަކުން އަދަބު ލުއި ނުކުރެވެނެކަމަށް ކަނޑައަޅާފައިވާ ކަންކަމުގައި ޕެރޯލް ނުދެވޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ޕެރޯލް ބޯޑުގެ ނިންމުންތައް އޮންނަންވާނީ ސަރުކާރުގެ ސިޔާސަތުތަކާއެއްގޮތަށް ކަމަށާއި ޑްރަގް ޓްރެފިކިންގެ މައްސަލަތަކުގައި ހުކުމްކޮށްފައި ތިބޭ މީހުންނަށް އަދަބު ލުއިކޮށްނުދޭނެކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.