އީރާނާ ދެކޮޅަށް އެމެރިކާއިން ޣައިރުޤާނޫނީ ހަނގުރާމައެއް ފެށި ފަހުން ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ތެޔޮ ޓޭންކަރުތަކަށް ދޭ ހަމަލާތައް އެންމެ މައްޗަށް އުފުލި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިއްޖެއެވެ. ކަނޑުމަތީގެ ސަލާމަތީ ކަންކަން ދިރާސާކުރާ ފަރާތްތަކުން ބުނީ، ސެޕްޓެންބަރު މަހުގެ 28 އިން އޮކްޓޫބަރު 5 ގެ މުއްދަތުގެ ތެރޭގައި އެކަނިވެސް ތެލާއި ގޭސް އުފުލާ 12 ޓޭންކަރަކަށް ހަމަލާދީފައިވާ ކަމުގައެވެ. މިއީ ފެބުރުވަރީ 28 ގައި އެމެރިކާއިން ފެށި ހަނގުރާމައަށް ފަހު، އެންމެ ހަފުތާއެއްގެ ތެރޭގައި އެންމެ ގިނަ ހަމަލާ ދިން ފަހަރެވެ.
މި ހަމަލާތަކުގެ ތެރޭގައި ޤަޠަރުގެ އުތުރުން ދަތުރުކުރި ޓޭންކަރަކަށް ދިން ހަމަލާއެއްގައި ފަޅުވެރިންތަކަކަށް އަނިޔާވެފައިވާ ކަމަށް އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް އޭޖެންސީއިން ބުންޏެވެ. އަދި، ޕެނަމާގެ ދިދަޖެހި 'އޮން ޕީސް" ނަން ކިޔާ ޓޭންކަރަށް އަމާޒުވި ހަމަލާއެއްގައި 12 ފަޅުވެރިއަކަށް އަނިޔާވެފައިވާ ކަމަށް އިންޑިއާގެ ޚާރިޖީ ވުޒާރާއިން ބުންޏެވެ. އީރާންގެ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) ޑްރޯން ބޭނުންކޮށްގެންނާއި ރޭޑިއޯ މެދުވެރިކޮށް އުޅަނދުފަހަރަށް އުނދަގޫކުރުން އިއްތިހާއަށް އިތުރުވެފައިވާ ކަމުގައި ހުޅަނގުގެ މަސްދަރުތަކުން ބުނެއެވެ. އެމެރިކާއާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް އަށް މަސް ވެފައިވާއިރު، މި ސަރަހައްދުގެ ނުރައްކާތެރިކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
މި ނުތަނަވަސްކަމާއެކު ބްރެންޓްގެ ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 102.28 އެމެރިކާ ޑޮލަރަށް އަދި ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓްގެ ފީފާއެއްގެ އަގު 89.94 ޑޮލަރަށް ވަނީ އުފުލިފައެވެ. ހަނގުރާމައިގެ ކުރިން ދުނިޔޭގެ ތެލުގެ %20 އުފުލީ ހުރްމުޒް ކަނޑުއޮޅިން ކަމަށްވާއިރު، މި ހަމަލާތަކުގެ ސަބަބުން ތެޔޮ ސަޕްލައިކުރުމަށް ވަނީ ބޮޑެތި ހުރަސްތަކަކާ ކުރިމަތިވެފައެވެ. އިންޓަނޭޝަނަލް އެނަރޖީ އޭޖެންސީން (އައިއީއޭ) ތެލުގެ ރިޒާވް ބޭނުންކުރަން ނިންމި ނަމަވެސް، މިއީ މުޅިން އައު އުފެއްދުންތެރިކަމެއް ނޫން ކަމަށާއި، މިއީ ހަމައެކަނި ވަގުތީ ޙައްލެއް ކަމުގައި ދިރާސާކުރާ ފަރާތްތަކުން ބުންޏެވެ.
މެދުއިރުމަތީގެ މައްސަލަތަކުގެ އިތުރުން، އެމެރިކާގެ އައްސޭރިފަށަށް އަރާފައިވާ ބާރުގަދަ ތޫފާނެއް ކަމުގައިވާ 'އިސެއިއަސް' ގެ ސަބަބުން ވެސް ތެލުގެ ބާޒާރަށް ވަނީ ނޭދެވޭ އަސަރުކޮށްފައެވެ. މި ތޫފާނާ ގުޅިގެން މެކްސިކޯ ކަނޑުއޮޅީގައި ތެޔޮ ނަގާ ކުންފުނިތަކުގެ މަސައްކަތްތައް ހުއްޓާލަން ޖެހުމުން، އެމެރިކާގެ ތެލުގެ އުފެއްދުންތެރިކަމުގެ %25.08 އަދި ގޭހުގެ %16.37 ވަނީ މެދުކެނޑިފައެވެ. މީގެ އިތުރުން، ދުނިޔޭގައި އެންމެ ގިނައިން ތެޔޮ ބޭނުންކުރާ އެމެރިކާގެ ތެލުގެ ރިޒާވުން 3.2 މިލިޔަން ފީފާ މަދުވުމަކީ ވެސް ތެލުގެ އަގުތައް މައްޗަށް ދިޔަ ސަބަބެކެވެ.