ޚަބަރު

ތިމަރަފުށީ ޓެރަރިޒަމް މައްސަލާގައި ސާބިތުވީ 3 ދަޢުވާއެއް


  • 7 ދަޢުވާއެއް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވޭ

  • ޢަލީ އަރުޙަމް މުޙައްމަދު ފިޔަވައި މައްސަލާގައި ދަޢުވާލިބޭ އެންމެން ވަނީ މިނިވަންވެފައި

  • އިސްތިޢުނާފާމެދު ގޮތެއް ނިންމާނީ މައްސަލައިގެ ރިޕޯޓު ލިބުމުން

ތ. ތިމަރަފުށީގައި ޓެރަރިސްޓް އަމަލުތަކެއް ހިންގަން އުޅުނު މައްސަަލައިގައި ދަޢުލަތުން ހުށަހެޅި ހަތް ދަޢުވާގެ ތެރެއިން 3 ދަޢުވާ ސާބިތުވެއްޖެއެވެ.

2020ވަނަ އަހަރު، ރާއްޖޭގައި ޓޭރަރިސްޓް ހަމަލާއެއް ދޭން ރޭވި މައްސަލައިގައި 8 މީހެއްގެ މައްޗަށް ދައުލަތުން ވަނީ ދަޢުވާ އުފުލާފައެވެ. މި މައްސަލާގައި ދައުލަތުން ދަޢުވާކުރާ 8 މީހުންނަކީ ތ. ތިމަރަފުށީ ފެހިވިދުވަރުގެ އުމުރުން 34 އަހަރުގެ އަބްދުﷲ ޝަރީފާއި ހަމަ އެރަށު އަސްރަފީވިލާ އުމުރުން 32 އަހަރުގެ އަޙްސަން މުހައްމަދާއި އެރަށު ކެނެރީގެ އުމުރުން 28 އަހަރުގެ އަލީ މުނީޒާއި ތިމަރަފުށީ އަސުރުމާގެ އުމުރުން 34 އަހަރުގެ މުހައްމަދު އާޞިރާއި އެރަށު ސައިމާގެ އުމުރުން 20 އަހަރުގެ ސަމާހު ޝަރީފުގެ އިތުރުން ރ. ކަނދޮޅުދޫ ފެހިވިލާ އުމުރުން 18 އަހަރުގެ އަލީ އަރުހަމް މުހައްމަދާއި ނ. ކުޑަފަރި، ރޯޒްމީޑު، އިބްރާހިމް ލޫޠާއި ރ. މަޑުއްވަރި، ބީޗްހައުސް ޢަބްދުﷲ ޢިމާދުގެ މައްޗަށެވެ.

މިއަދު މި މައްސަލައިގެ ޙުކުމް އިއްވާފައިވާއިރު، މި މައްސަލައިގައި ޢަލީ އަރުޙަމް މުޙައްމަދު ފިޔަވައި މައްސަލާގައި ދަޢުވާލިބޭ އެންމެން ވަނީ ބަންދުން މިނިވަންވެފައެވެ.

މި މައްސަލާގައި ޖުމްލަ 7 ދަޢުވާއެއް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން 3 ދަޢުވާ ސާބިތުބާކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅުއްވާފައިވެއެވެ.

އުފުލާފައިވާ ދަޢުވާތައް:

މި މައްސަލަ އާއި ގުޅިގެން އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ޢަލީ މުނީޒުއާއި މުޙައްމަދު އާޞިރުގެ މައްޗަށް ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދަޢުވާ ވަނީ އުފުލާފައެވެ. އަދި ޢަބްދުﷲ ޢިމާދު، އިބްރާހީމް ލޫޠު، ޢަބްދުﷲ ޝަރީފް، ޝަމާޚު ޝަރީފް، ޢަލީ އަރުހަމް މުޙައްމަދު އަދި އަޙުސަން މުޙައްމަދުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދަޢުވާ އުފުލާފައިވެއެވެ.

ޢަބްދުﷲ ޢިމާދު އާއި އިބްރާހީމް ލޫޠުގެ މައްޗަށް ޢަދުލުއިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ދަޢުވާ އުފުލަފައިވާއިރު، ޢަލީ މުނީޒުގެ މައްޗަށް ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުމުގެ ދަޢުވާ އުފުލާފައިވެއެވެ. މީގެ އިތުރުން ޝަމާޚު ޝަރީފް، ޢަލީ އަރުހަމް މުޙައްމަދު، ޢަބްދުﷲ ޝަރީފް، ޢަލީ މުނީޒު، ޢަބްދުﷲ ޢިމާދު އަދި އަޙުސަން މުޙައްމަދުގެ މައްޗަށް، ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ދަޢުވާވެސް އުފުލާފައިވެއެވެ.

މި މައްސަލައިގައި އަބްދުﷲ ޝާރީފްގެ މައްޗަށް އުފުލާފައިވަނީ، ޓެރަރިސްޓް ޖަމާޢަތެއްގެ މެންބަރަކަށްވުމުގެ ދައުވާ އަދި ޢަލީ އަރުހަމް މުޙައްމަދުގެ މައްޗަށް ހަނގުރާމައަށް ދާން އުޅުމުގެ ދަޢުވާ އުފުލާފައިވެއެވެ.

ސާބިތުވެފައިވާ ދަޢުވާތައް:

ކްރިމިނަލް ކޯޓުން ޙުކުމްކުރައްވާފައިވަނީ، މި މައްސަލައިގައި ޢަބްދުالله ޢިމާދު އާއި ޢަލީ މުނީޒު އަދި ޢަލީ އަރުޙަމް މުޙައްމަދުގެ މައްޗަށް އުފުލާފއިވާ ޓެރަރިސްޓް ޖަމާޢަތަކަށް ތާޢީދުކުރުމުގެ ދަޢުވާ ސާބިތުވާކަމަށެވެ.

މި ދަޢުވާ ސާބިތުވުމާއި ގުޅިގެން ޢިމާދު 3 އަހަރަށް، މުނާޒް 1 އަހަރާއި 9 މަހާއި 1 ދުވަހަށް އަދި އަރުޙަމް 3 އަހަރު ދުވަހަށް ޖަލަށް ލާން ޙުކުމްކޮށްފައިވެއެވެ. އޭގެ ތެރެއިން ޢިމާދު އާއި މުނީޒު ޖަލުގައި ހުރި މުއްދަތު އުނިކުރުމުން ތަންފީޒުކުރާނެ އަދަބެއް ނެތްކަން ފާހަގަކޮށްލެވެއެވެ.

ޢަލީ އަރުޙަމް މުޙައްމަދުގެ ސާބިތުވެފައިވާ ދެވަނަ ދަޢުވާއަކީ ހަނގުރާމައަށް ދާން އުޅުމުގެ ދަޢުވާއެވެ. އެ ދަޢުވާ ސާބިތުވުމާއި ގުޅިގެން އޭނާ 5 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވެއެވެ.

މި މައްސަލައިގައި ޢިމާދުގެ އިތުރުން ލޫތުގެ މައްޗަށް ޢަދުލުއިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ދަޢުވާ ވަނީ ސާބިތުވެފައެވެ. އެ ކުށުގެ އަދަބެއްގެ ގޮތުން ކަނޑައެޅީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް އެ ދެ މީހުން ޖަލަށް ލުމަށެވެ. ނަމަވެސް ޖަލުގައި އެ ދެ ފަރާތުން ހޭދަކުރި މުއްދަތު އުނިކުރުމުން ތަންފީޒުކުރާނެ އަދަބެއް ނެތްކަން ފާހަގަކޮށްލެވެއެވެ.

ސާބިތު ނުވާ ދަޢުވާތައް:

މި މައްސަލާގައި ކޮށްފައިވާ، ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުން، ޓެރަރިސްޓް ޖަމާޢަތެއްގެ މެންބަރަކަށްވުން، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން، ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރު ދިނުން، މި ދަޢުވާތައް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމަވާފައެވެ. އޭގެ މައިގަނޑު ސަބަބަކީ މައްސަލާގައި ހުށަހެޅިފައިވާ މޮބައިލް ފޯނަކުން ނެގިފައިވާ ޑާޓާގެ ނަޒާހާތްތެރިކަމާމެދު ސުވާލު އުފެދިފައިވުމެވެ.

މައްސަލާގައި ސާބިތުނުވާކަމަށް ނިންމާފައިވާ ދަޢުވާތައް އިސްތިއުނާފުކުރުމާމެދު، މައްސަލައިގެ ރިޕޯޓު ލިބުމުން ގޮތެއް ނިންމަވާނެކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

މި މައްސަލާގައި ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނީ 8 ފެބުރުވަރީ 2021 ގައެވެ. މި މައްސަލައިގެ ހެކިބަސް ނަގައި ނިމިފައިވަނީ 2026 ޖަނަވަރީމަހުގެ ތެރޭގައެވެ.