ރާއްޖޭގެ ތާރީޚުގައި ވެސް ރަސްމީ އިދާރާއަކުން، ރަސްމީ ހައިސިއްޔަތު ދީގެން ހޮވި، އަހަރުގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑު ޤައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން، މުޙައްމަދު އިމްރާން (އިންމި) ހޯދައިފިއެވެ.
އިމްރާނާ މި އެވޯޑު ހަވާލުކޮށްފައިވަނީ ހުޅުމާލޭގައި ހުންނަ މެންހެޓަން ގްރޭންޑް ހޮޓަލުގައި ބޭއްވި އެފްއޭއެމް އެވޯޑްސް 2026 ހަފްލާގެ ތެރެއިންނެވެ.
ފުޓްސަލްގައި ރާއްޖެއިން ހޯދި ފުރަތަމަ ބައިނަލްއަޤްވާމީ ކާމިޔާބީ، ފުރަތަމަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުގައި އިމްރާަންގެ ދައުރު ބޮޑެވެ.
މި އެވޯޑަށް ދެން ނޮމިނޭޓުވީ އަބްދުﷲ ޝާފިއު (ޝާއްޕެ)، އަޙްމަދު ހަމީދު (އަންމަޑޭ)، އަޙްމަދު ރާހިލް ރަޝީދު (ރާއްކޮ) އަދި ޒައިދާން އަޙްމަދު (އަސޫ) އެވެ.
ފުޓްސަލް އަކީ ރަސްމީކޮށް އެފްއޭއެމްގެ ދަށުން ހިންގާ ކުޅިވަރަކަށް ހަދައި، މި ކުޅިވަރަށް އޭގެ އަަސްލު މަގާމު ހޯދައިދިނުމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރަމުން އަންނަ ކާމިޔާބު މަސައްކަތުގައި، އެފްއޭއެމް އެވޯޑު ހަފްލާގެ ތެރެއިން އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާއަށް އިނާމުދީފައިވާއިރު ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގެ ޗެމްޕިއަންކަން ހޯދި ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އަގުވަޒަންކުރުންވެސް މި ޙަފްލާގެތެރެއިން އޮތެވެ.
އެފްއޭއެމް އިން އަންނަނީ ރާއްޖޭގެ އިންތިޒާމުވެ، ރޭވިގެން ފުޓްސަލްގެއޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެގޮތުން އަތޮޅު ބުރުތަކާއި ޒޯން ބުރުތަކަށްފަހު، ރީޖަނަލް ކޮލިފިކޭޝަނެއް ކުޅެ، ފުޓްސަލްގެ ޕްރިމިއަރ ލީގެއް ފެށުމުގެ މަސައްކަތް އެފްއޭއެމް އިން ކުރަމުން އަންނައިރު، މި މަސައްކަތުގައި މިހާރު ކުރިއަށްދަނީ ޒޯން ބުރެވެ.