ޚަބަރު

ޤައުމީ ޓީމުތަކުން ހޯދި ކާމިޔާބީތަކުގެ އަގު ވަޒަންކޮށްފި


  • ޤައުމީ ފުޓުބޯޅަ ޓީމުން ވަނީ ލަންކާގައި ބޭއްވި ސުޕަ ކަޕް ކާމިޔާބުކޮށްފައި

  • ޤައުމީ ފުޓްސަލް ޓީމުން ވަނީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައި

ޤައުމީ ޓީމުތަކުން ހޯދި ކާމިޔާބީތައް ފާހަގަކޮށް ގައުމީ ފުޓުބޯޅަ ޓީމާއި، ޤައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިންގެ އަގު ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަޒަންކޮށްފިއެވެ.

ޤައުމީ ފުޓުބޯޅަ ޓީމުން ވަނީ ލަންކާގައި މިދިޔަ އަހަރު ކުރިއަށްދިޔަ ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ. މި މުބާރާތުގައި ވާދަކުރީ ރާއްޖޭގެ އިތުރުން ލަންކާއެވެ. ލަންކާގެ މައްޗަށް ދެ ލެގު ކުޅެ ރާއްޖެއިން ކުރި ހޯދީ 4-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

މީގެ އިތުރުން މި އަހަރު ކުރީކޮޅު، ބެންކޮކްގައި ކުރިއަށްދިޔަ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޤައުމީ ފުޓްސަލް ޓީމުން ހޯދި ކާމިޔާބީ ވެސް ވަނީ ފާހަގަކޮށްފައެވެ.

ސާފްގެ ހަތް ގައުމަކުން ވާދަކުރި މި މުބާރާތުގެ ތަށި ރާއްޖެއިން ހޯދީ މެޗަކުން ބަލިނުވެއެވެ. މިއީ ސާފްއިން އިންތިޒާމުކޮށްގެން ބޭއްވި ފުރަތަމަ ފުޓްސަލް މުބާރާތެވެ. މި މުބާރާތައް ރާއްޖެއިން ނުކުތްއިރު، ވެސް ރާއްޖެއަކީ މުބާރާތުންގެ ފޭވަރިޓުންގެ ގޮތުގައި ހިމެނޭ ގައުމެކެވެ.

އެފްއޭއެމް އިން ބުނީ ޤައުމީ ޓީމުތަކުން ހޯދާ ކާމިޔާބީތަކުގެ އަގު ވަޒަން ކުރުމަކީ އެ އެސޯސިއޭޝަނުން ނުހަނު އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށެވެ.

އެގޮތުން ޤައުމީ ފުޓުބޯޅަ ޓީމާއި، ޤައުމީ ފުޓްސަލް ޓީމުން ހޯދި ކާމިޔާބީތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން، މި ދެ ޓީމުގެ ކުޅުންތެރިންނާ އޮފިޝަލުންނަށް ވަނީ ހާއްސަ ޓޯކެންއެއް ދީފައެވެ.