ކޮވިޑ19ގެ ވެކްސިން ފުރިހަމަ ނުކޮށް ވަގު ސެޓްފިކެޓެއް ހޯދި މައްސަލާގައި ސްވިޒަލޭންޑްގެ ކެޕްޓަން ގްރަނިތް ޒާކާގެ މައްސަލަ ބަލައި އެއްލައްކަ ފަންސާސްހާސް ސްވިސް ފްރޭންކުން އޭނާ ޖޫރިމަނާ ކޮށްފިއެވެ.
މި މައްސަލާގައި މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން އޭނާ ވަނީ ސްވިޒަލޭންޑްގެ ގައުމީ ޓީމުން ވަގުތީ ގޮތުން ދުރުކޮށްފައެވެ.
މި މައްސަލަ ފެންމަތިވީ ވެކްސިން ނުޖަހައި އެކަން ކުރި ކަމަށް ދައްކަން ޒާކާ ޑޮކްޓަރެއްގެ އަތުން ސެޓްފިކެޓު ގަތް ކަމަށް ސްވިޒަލޭންޑުގެ މީޑިޔާތަކުން ބުނަން ފެށުމުންނެވެ. އަދި މިދިޔަ މަހުގެ ކުރީކޮޅު މީޑިޔާތަކުން ވަނީ ޒަކާ އަށް ކޮވިޑް ސެޓްފިކެޓު ވިއްކި ޑޮކްޓަރުގެ ނަން އާއްމު ކޮށްފައެވެ. މި މައްސަލަ އެ ގައުމުގެ ޕްރޮސެކިއުޓަރުން ބަލަން ފެށީ މީޑިއާތަކުން މިހާ ބޮޑަށް މައްސަލަ ފަޅާ އަރުވާލުމުންނެވެ.
މައްސަލަ ފެންމަތިވުމުން މިކަމަށް އެންމެ ފުރަތަމަ އިއުތިރާފުވީ ވެސް އިތުބާރު މިޑްފީލްޑަރެވެ. އަދި ގައުމީ ޓީމާ ދުރުގައި ހުންނަން ނިންމީ އޭނާ އާއި ސްވިޒަލޭންޑުގެ ފުޓުބޯޅަ ފެޑަރޭޝަނާ ދެމެދު ކުރެވުނު މަޝްވަރާ ތަކަށް ފަހުއެވެ.
ކުރިން އާސެނަލްގެ ކެޕްޓަން ވެސް ކުރި އަދި ފަހުން ޖަރުމަނުގެ ބަޔާ ލެވަކޫސެންގައި ވެސް މޮޅަށް ކުޅުނު ޒާކާ މިއަދު ބުނީ ކޮވިޑް ސެޓްފިކެޓުގެ މައްސަލާގައި ކުރި ޖޫރިމަނާ މިހާރު ދައްކާފައިވާ ކަމަށާއި މިކަމުގައި ހުރިހާ ފަރާތްތަކަށް ވެސް އޭނާ ވާނީ އެއްބާރުލުން ދީފައި ކަމަށެވެ.
މި މައްސަލަ ފެންމަތިވުމުން ގައުމީ ޓީމާ ވަކިވުމަށްފަހު އުމުރުން 33 އަހަރުގެ ޒާކާ ފުރަތަމަ ވެސް ބުނީ ވަގު ސެޓްފިކެޓުގެ މައްސަލަ ބަލަން އެއްބާރުލުން ދޭނެ ކަމަށެވެ.
"އަހަރެން ވަރަށް ސާފުކޮށް މި ބުނަނީ މިކަން ހިނގައިދިޔައީ އެންމެ ރަނގަޅަށް ނޫން. މިއީ ހެނދުނު ގޯހެއް. އަހަރެންނަށް ވަރަށް ބޮޑަށް މައާފް ކުރޭ. އަހަރެން މިހާރުވާނީ ޖޫރިމަނާ ފައިސާ ވެސް ދައްކާފައި. އަދި އަހަރެން މިހުރީ ގައުމީ ޓީމަށް ކުޅެން ވެސް ތައްޔާރަށް،" ޒާކާ ބުންޏެވެ.
ސްވިޒަލޭންޑްގެ ފުޓުބޯޅަ ފެޑަރޭޝަނުން ބުނީ މީޑިޔާތަކުން މި މައްސަލަ ފެންމަތި ކުރުމުން ގައުމީ ޓީމާ ވަކިވާން ބޭނުން ކަމަށްބުނެ މައްސަލަ އެ މީހުންގެ ސަމާލުކަމަށް ގެނައީ ވެސް ޒާކާ ކަމަށެވެ.