ޚަބަރު

ޕްރީ ސީޒަންގައި ނިކްސް ކުޅުނު ދެވަނަ މެޗުންވެސް ބަލިވެއްޖެ


  • ވޮޝިންގޓަން ވިޒަޑްސް މިމެޗު ކާމިޔާބު ކުރީ 111 ޕޮއިންޓް 109 ޕޮއިންޓުން

އެންބީއޭ ބާސްބޯޅަ މުބާރާތުގެ ޕްރީ ސީޒަންގައި އެންމެ ފަހުގެ ޗެމްޕިއަން ނިއުޔޯކް ނިކްސް ކުޅުނު ދެ ވަނަ މެޗުންވެސް ބަލިވެއްޖެއެވެ.

ނިއުޔޯކްގެ މެޑިސަން ސުކުއެއަރ ގާޑެންގައި ވޮޝިންގޓަން ވިޒަޑްސް އާއި ބައްދަލުކުރި މެޗުން ނިކްސް ބަލިވެފައިވަނީ 111 ޕޮއިންޓް 109 ޕޮއިންޓުންނެވެ. މިމެޗުގައި ދެޓީމުގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ހަމަހަމަ ކުޅުމެކެވެ. އަދި މިމެޗު ވިޒަޑްސްއަށް ކާމިޔާބު ކުރެވިފައިވަނީ 2 ޕޮއިންޓްގެ ކުޑަ ތަފާތަކުންނެވެ. މިމެޗުގެ ފުރަތަމަ ކުއާޓަރ ވިޒަޑްސް އިން ނިންމާލީ އެންމެ ޕޮއިންޓުން ކުރީގައި އޮވެގެންނެވެ. ނަމަވެސް ފުރަަތަމަ ކުއާޓަރ އާއި ހިލާފަށް ދެވަނަ ކުއާޓަރގައި ނިކްސް އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް މިކުއާޓަރގައި 7 ޕޮއިންޓްގެ ލީޑެއް ނަގާ ފުރަތަމަ ހާފު ނިންމާލީ 6 ޕޮއިންޓުން ކުރީގައި އޮވެގެންނެވެ. ނަމަވެސް ދެވަނަ ކުއާޓަރ އާއި ހިލާފަށް ޖެހިގެން އައި ފަހު ދެ ކުއާޓަރގައި ވިޒަޑްސް ފެނުނީ ނިކްސްއަށް ވުރެ ވަރުގަދަ ކޮށެވެ. މިގޮތުން ތިން ވަނަ ކުއާޓަރގައި 3 ޕޮއިންޓްގެ ލީޑެއް ނަގާ ދެޓީމުގެ ދެމެދުގައިވާ ފަރަގު 3 ޕޮއިންޓަށް ކުޑަ ކުރިއިރު ފަހު ކުއާޓަރ ހޯދި 5 ޕޮއިންޓްގެ ލީޑާއެކު މެޗު ކާމިޔާބު ކުރިއެވެ.

މިމެޗުގައި ވިޒަޑްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 16 ޕޮއިންޓް ހޯދައިދީ 7 ރީބައުންޑް ނަގާއަދި 2 އެސިސްޓް ކުރި އެންތަނީ ޑޭވިސްއެވެ. މީގެއިތުރުން ޓްރެއި ޔަންގ ވަނީ އެޓީމަށް 15 ޕޮއިންޓް ހޯދައިދީ 4 އެެސިސްޓް ކޮށްފައެވެ. ނިކްސް އަށް ބަލާލާއިރު އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 13 ޕޮއިންޓް ހޯދައިދީ 6 ރީބައުންޑް ނަގައިދީ 3 އެސިސްޓް ކުރި ޖޯޝް ހާޓްއެވެ. މީގެއިތުރުން ޖަލެން ބްރުންސަން އާއި ލެންޑްރީ ޝަމެޓް އިން ކުރެ ކޮންމެ ކުޅުންތެރިޔަކުވެސް 13 ޕޮއިންޓް އެޓީމަށް ހޯދައިދިނެވެ.

މިމުބާރާތުގެ ޕްރީ ސީޒަންގައި ކުޅުނު އެހެން ބައެއް މެޗުތަކަށް ބަލާލާއިރު ލޮސް އެސްޖަލިސް ލޭކަރސް އާއި ސެކްރެމެންޓޯ ކިންގްސް ބައްދަލުކުރި މެޗު 114 ޕޮއިންޓް 110 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ލޭކަރސްއެެވެ. މިމެޗުގައި ލޭކާރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 19 ޕޮއިންޓް ހޯދައިދީ 3 ރީބައުންޑް ނަގާ 4 އެސިސްޓް ކުރި ސަންޑްރޯ މަމުކޭލާޝްވިލީއެވެ. އަދި ކިންގްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 18 ޕޮއިންޓް ހޯދައިދީ 5 ރީބައުންޑް ނަގާ 3 އެސިސްޓް ކުރި ޕްރެޝަސް އަޗިއުވާއެވެ.

މިގެއިތުރުން ބޮސްޓަން ސެލްޓިކްސް އާއި ކްލީވްލަންޑް ކެވެލިއަރސް ބައްދަލުކުރި މެޗު 124 ޕޮއިންޓް 113 ޕޮއިންޓުން ސެލްޓިކްސް ކާމިޔާބު ކުރިއިިރު މައާމީ ހީޓް އާއި ނިއުއޯލިއަންސް ޕެލިކަންސް ބައްދަލުކުރި މެޗު 128 ޕޮއިންޓް 118 ޕޮއިންޓުން ކާމިޔާބު ކުރީ ހީޓްއެވެ. އަދި ބްރޫކްލިން ނެޓްސް އާއި ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް ބައްދަލުކުރި މެޗު 114 ޕޮއިންޓް 108 ޕޮއިންޓުން ނެޓްސް ކާމިޔާބު ކުރިއިރު އެޓްލާންޓާ ހޯކްސް އާއި ސެން އެންޓޯނިއޯ ސްޕަރސް ބައްދަލުކުރި މެޗު 123 ޕޮއިންޓް 116 ޕޮއިންޓުން ކާމިޔާބު ކުރީ ހޯކްސްއެވެ.