ޚަބަރު

ރ.ދުވާފަރު: ތަރައްޤީގެ ގިނަ މަޝްރޫޢުތަކާއެކު، އިޤްތިޞާދީ ކުރިއެރުން


  • އަރބަން ސެންޓަރއެއްގެ ގޮތުގައި ތަރައްޤީކުރާ ރަށެއް

  • ސިއްޙީ، ބޯހިޔާވަހިކަން، ކުޅިވަރުގެ ދާއިރާގެ ގިނަ މަސައްކަތްތަކެއް

ރ.ދުވާފަރަކީ 2004ވަނަ އަހަރުގެ ސުނާމީއާ ގުޅިގެން، އެ އަތޮޅު ކަނދޮޅުދޫގެ ރައްޔިތުން ދިރިއުޅެއް އޭރުގެ ސަރުކާރުން ތަރައްޤީކޮށްފައިވާ ރަށެވެ. ރަށުގެ އާބާދީ މިހާރު 5000އިން މައްޗަށް އަރާފަވާއިރު، ރަށުގައި ދިރިއުޅޭ އާބާދީ 3500އަށްވުރެ އިތުރެވެ.

ދުވާފަރަކީ މިވަގުތު އެއް ރަށެއްގައި ތަރައްޤީގެ އެންމެ މަޝްރޫޢުތައް ހިންގަމުންދާ ރާއްޖޭގެ އެއް ރަށެވެ. ސަރަޙައްދީ އަރބަން ސެންޓަރުގެ ގޮތުގައި ދުވާފަރާއި އުނގުފާރު ތަރައްޤީކުރުމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

ދުވާފަރުގައި މިވަގުތު ކުރިއަށްދާ މަސައްކަތްތަކުގެތެރޭގައި އެންމެ މުހިންމު އެއް މަޝްރޫޢުއަކީ ރަށުގެ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ކުރިއަށްދާ މަސައްކަތެވެ. އެގޮތުން ކުރިން ފަށާފައިވާ ދެ ފަންގިފިލާގެ އިމާރާތަށް ޑޮކްޓަރުންނާއި ވަސީލަތް ހަމަކޮށް މިހާރު އަންނަނި ޚިދުމަތްދެމުންނެވެ.

އަދި ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާ ޚިދުމަތްތައް ދިނުމަށް ތަރައްޤީކުރާ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ވަނީ ނިންމާފައެވެ.

ކައުންސިލްގެ ރައީސް އަހުމަދު ޝާހް ވިދާޅުވީ، ބޯހިޔާވަހިކަމުގެ ދާއިރާއިން ރަށުގައި 50 ރޯހައުސް ތަރައްޤީކުރުމާ ގުޅޭ މަސައްކަތްވެސް ފެށުމަށް ތައްޔާރުވެފައިވާކަމަށެވެ.

"ރަށުގައި ހިއްކާފައިވާ ބިމުގައި އެކަމަށް ބިން ކަނޑައަޅާ، ތައްޔާރީތައް ނިމި، މިމަހުގެ ފަހު ހަފްތާގައި ޢަމަލީގޮތުން މަސައްކަތް ފަށާނެ." ޝާހު ވިދާޅުވިއެވެ.

މީގެއިތުރުން އެ ސަރަޙައްދުގެ މަގުތައް ތާރު އަޅާ ތަރައްޤީކުރުމުގެ މަޝްރޫޢުވެސް ވަނީ ފަށާފައެވެ. 75 މަގު ހިމެނޭގޮތަށް 16 ކިލޯމީޓަރުގެ މަގު ތަރައްޤީކުރެއެވެ. އެ ސަރަޙައްދަށް ފެނާ ނަރުދަމާއާއި ކަރަންޓުގެ މަސައްކަތް ކުރުމަށްވެސް ވަނި ހަވާލުކޮށްފައެވެ.

ލަފާފުރުމުގެ ދަތިކަން ޙައްލުކުރަން ބަނދަރު ތަރައްޤީކުރުމުގެ ޕްރޮޖެކްޓްގެ މަސައްކަތްވެސް ދުވާފަރަށް ކަނޑައަޅާފަވާއިރު، މަޝްރޫޢުއަށް ރައްޔިތުން ގެންނަން ބެނުންވާ ބަދަލުތައް މަޝްވަރާކޮށް، މިހާރު އެކަންވަނީ ކަމާގުޅޭ ވުޒާރާތަކާ ޙިއްސާކޮށްފައިކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ރަށުގެ ޕޮލިސް ސްޓޭޝަންގެ މަސައްކަތާއި، ޓިވެޓް ސެންޓަރާއި، ޤުރުއާނާ ބެހޭ ގޮފި ހެދުމާއި ވޭސްޓް މެނޭޖްމަންޓް ސެންޓަރު ތަރައްޤީކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

ޒުވާނުންގެ ކުރިއެރުމާ ކުޅިވަރުގެ ދާއިރާއިންވެސް ގިނަ މަސައްކަތްތަކެއް ދުވާފަރުގައި ދަނީ ކުރިއަށްގެންދަމުންނެވެ. އެގޮތުން ރަށުގައި ހަދާ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތްތައް ދަނީ ކުރިއަށެވެ. އެތަނުގައި ތަފާތު ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ޤާއިމުކުރާނެއެވެ. ވޮލީ ކޯޓާއި އައުޓް ޑޯރ ޖިމްގެ މަސައްކަތްވެސް ވަނީ ނިންމާފައެވެ.

މިހާތަނަށް އައިއެރު ރަށުގައި އެފްއެސްއެމްގެ ފިއުލް ޝެޑް ޤާއިމުކޮށް، އެސްޓިއޯގެ ރޭޓްތަކުގައި ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. ބީއެމްއެލްގެ ބްރާންޗެއް ޤާއިމުކޮށް ދިވެހި ރުފިޔާ އަދި ޑޮލަރު އޭޓީއެމްގެ ޚިދުމަތްވެސް ދަނީ ލިބެމުންނެވެ.

މީގެއިތުރުން މި ރަށުގައި އާރްޓީއެލް ބަހުގެ ޚިދުމަތްވެސް ވަނީ ފަށާފައެވެ. އަދި އާރްޓީއެލް ފެރީ ދަތުރުގެ ފަސޭޙަ އިންތިޒާމްތަކެއްވެސް ވަނީ ހަމަޖައްސާފައެވެ.